11 އޯގަސްޓް 2024 - 09:58

އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު، ތަޖުރިބާކާރު ޑިޕްލޮމޭޓް، އަދި ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު ނަޓްވަރް ސިންގް، އުމުރުން 95 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ގިނަ ފޮތްތަކެއް ވެސް ލިޔުއްވާފައިވާ ނަޓްވަރް ސިންގް އަވަހާރަވީ ސިއްހީ ހާލަތު ދެރަވެ ގުރްގާއޯންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަތާ ދެ ހަފުތާ ފަހުންނެވެ.
ނަޓްވަރް ސިންގް އަކީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރެއްވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ވެސް މެ އެވެ.
އިނގިރޭސިންގެ އަތުން އިންޑިއާ މިނިވަންވިތާ ކައިރީގައި 1953 ވަނަ އަހަރު އެ ގައުމުގެ ފޮރިން ސާވިސަސްއާ ގުޅިވަޑައިގެންނެވި ނަޓްވަރް ސިންގް ވަނީ ކެރިއަރުގެ ކުރީކޮޅު ވަރަށް ގިނަ ގައުމުތަކުގައި އިންޑިއާގެ ސަފީރެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ. އެގޮތުން އިންޑިއާ އާއި ޗައިނާގެ 1962 ގެ ހަނގުރާމައިގެ ކުރިއަށް، ބެއިޖިންގައި ވެސް އޭނާ ހަރަކާތްތެރިވެވަޑައިގެންނެވި އެވެ. އަދި އދ. ގައި ހުންނަ އިންޑިއާގެ ދާއިމީ މަންދޫބުކަން ވެސް ކުރެއްވި އެވެ.
ނަޓްވަރް ސިންގް އޭރު ފާހަގަކުރެވުނީ އިންޑިއާގެ ބޮޑުވަޒީރު އިންދިރާ ގާންދީ އެންމެ އިތުބާރުކުރައްވާ އެއް ޑިޕްލޮމޭޓްގެ ގޮތުގަ އެވެ. އެ ގުޅުމާ އެކު، 1980ގެ އަހަރުތަކުގެ ކުރީކޮޅު ފޮރިން ސާވިސަސް ދޫކުރައްވައި، އިންދިރާ ގާންދީގެ ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެން ގާނޫނު ހަދާ މަޖިލީހަށް ހޮވިވަޑައިގަތެވެ.
އިންދިރާ ގާންދީ އަވަހާރަކޮށްލުމުން، މަގާމާ ހަވާލުވެވަޑައިގެންނެވި އެކަމަނާގެ ދަރިކަލުން ރަޖީވް ގާންދީގެ ބޮޑުވަޒީރުކަމުގައި ނަޓްވަރް ސިންގް ވަނީ 1984-1986 އަށް ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ ފަހުން ޔޫނިއަން މިނިސްޓަރުކަން ވެސް ކުރެއްވެވި އެވެ.
ރަޖީވް ގާންދީ އަވަހާރަކޮށްލުމުން، ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ނަރްސިމްހާ ރާއޯގެ ދައުރުގައި، ނަޓްވަރް ސިންގް ހުންނެވީ ސިޔާސީ ކަންކަމާ ދުރުގަ އެވެ. އެނބުރިވަޑައިގަތީ 2004 ވަނަ އަހަރު މަންމޯހަން ސިންގް ބޮޑުވަޒީރުކަމާ ހަވާލުވެޑައިގެން ހާރިޖީ ވަޒީރުކަން ދެއްވުމުންނެވެ.
ނަމަވެސް އިރާގުގެ ތެޔޮ ސްކޭމުގެ ތުހުމަތާ އެކު، އެންމެ 18 މަސް ދުވަހަށް ފަހު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ އެވެ. އެ ތުހުމަތަކީ، ބައިނަލްއަގްވާމީ ގޮތުން އިރާގަށް ފިޔަވަޅު އަޅާފައި އޮތުމުން، އެ ގައުމުން ތެޔޮ ދީފައި ބަދަލުގައި ޒަރޫރީތަކެއް ހޯދަން އދ. އިން ހިންގި ޕްރޮގްރާމުގެ ނާޖާއިޒް ފައިދާ ނެގި މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށް ތުހުމަތުކުރެވުމުންނެވެ.
ނަޓްވަރް ސިންގް ފަހުން ކޮންގްރެސް އިން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް ހެއްދެވި އެވެ. ނަމަވެސް މާ ގިނަ ދުވަސް ނުވެ ރިޓަޔާކުރެއްވެވި އެވެ.
އޭނާ އަކީ ޒަމާނުއްސުރެ ފޮތް ވިދާޅުވުމަށާއި، ފޮތް ލިޔުއްވުމަށް ޝައުގުވެރިވި ބޭފުޅެކެވެ. އެގޮތުން އެކި ކަންކަން ހިނގި ގޮތް ލިޔުއްވައި، އާކައިވް ކުރެއްވެވި އެވެ. ވަރަށް ގިނަ ފޮތް ވެސް ޝާއިއުކުރެއްވެވި އެވެ. އެންމެ ފާހަގަކުރެވެނީ 2014 ވަނަ އަހަރު ނެރުއްވި އޮޓޯބަޔޯގްރަފީ އެވެ.