އުރަމަތީ ކެންސަރާ ދެކޮޅަށް ކަސްރަތު
އުރަމަތީ ކެންސަރާ ދެކޮޅަށް ކަސްރަތު

އުރަމަތީ ކެންސަރުން ސަލާމަތްވެފައި ތިބޭ މީހުންނަށް، އެ ބައްޔާ ގުޅުން ހުރި މައްސަލަތަކުގައި މަރުވުމަށް އޮންނަ ފުރުސަތު އެންމެ ބޮޑަށް ކުޑަކޮށްދޭ ދިރިއުޅުމުގެ އާދައަކީ ކަސްރަތު ކުރުން ކަމަށް މިކަމާ ބެހޭ ގޮތުން ކުރި ރިވިއުއަކުން ހާމަވެއްޖެ އެވެ.

ކެނެޑާގެ ރިސާޗަރުންނަށް މިކަން ފާހަގަވީ، އުރަމަތީ ކެންސަރާ ބެހޭ ގޮތުން މިހާތަނަށް ޝާއިއުކޮށްފައިވާ 67 ދިރާސާއެއް ރިވިއުކުރުމުންނެވެ. ދިރާސާ ޓީމުން ބެލީ އުރަމަތީ ކެންސަރުން ސަލާމަތްވުމަށް ފަހު އެ ބަލި އަނބުރާ އަޔަ ނުދިނުމަށް އަދި އިތުރު މައްސަލަތައް ކުރިމަތިވެ މަރުވުމަށް އޮންނަ ފުރުސަތު ކުޑަކުރުމަށް އެންމެ ރަނގަޅީ ކޮން ކަމެއްތޯ އެވެ.

އުރަމަތީ ކެންސަރަށް ފަހު ސަލާމަތުން ހުންނަން އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ލިސްޓުގެ ކުރި ހޯދީ ކަސްރަތު ކުރުމެވެ. އެގޮތުން ކަސްރަތަކީ ކެންސަރުގައި މަރުވުމަށް އޮންނަ ފުރުސަތު 40 ޕަސެންޓް ކުޑަކޮށްދޭ ކަމެއްގެ ގޮތުގައި ދިރާސާއަށް ފާހަގަކުރެވުނު ކަމަށް ސަނީބްރޫކް އޮޑޭޓް ކެންސަ ސެންޓަރުގެ މެޑިކަލް އޮންކޮލޮޖިސްޓް ޑރ. އެލެން ވޯނާ ވިދާޅުވި އެވެ.

"މިއީ ކީމޯތެރަޕީ ނުވަތަ ހޯމޯން ތެރަޕީއާ އެއްވަރުގެ ކަމެއް. އެހެންވެ މިއީ ހަމަ ވަރަށް ބޮޑު ކަމެއް،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފާހަގަކުރަން ޖެހޭ ކަމަކީ ކަސްރަތުކުރުމުން ކެންސަރު ރަނގަޅުވާ ކަމުގެ ހެއްކެއް ނެތް ކަމެވެ. މިއީ ހަމަ އެކަނި، ކެންސަރުން ސަލާމަތްވި މީހުންގެ ތެރޭގައި އާންމުކޮށް ކަސްރަތުކުރާ މީހުން ގިނަކަމާއި އެ ދެ ކަންތަކުގައި ގުޅުން ހުރިކަން ހާމަވި ހޯދުމެކެވެ.

ކެންސަރުން ސަލާމަތްވުމުގައި ކަސްރަތުން ކުރާ އަސަރުގެ އިތުރުން، ބަރުދަނާއި ކެއުމުގެ އާދަ އާއި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރާބުއިމާއި ވިޓަމިން ބޭނުންކުރުން ފަދަ ކަންކަމުން ކުރާ އަސަރު ވެސް މި ހޯދުމުގައި ވަޒަންކޮށްފައިވެ އެވެ.