ފަންނު
ފަންނު

(ބުދަ ދުވަހާ ގުޅޭ)

އަހަންމައިދީ ކަޅި ހިންގަވަމުން ޖަލީލަށް ސީދާކުރެއްވުމަށް ފަހު، ކަސިޔާރު ކޮށްލެއްވި ތަން ޖަލީލަށް ފެނުނެވެ. އެ ހިސާބުން ޖަލީލު ނިންމީ، އެ ޝަރަފުވެރި މަގާމު ޖަލީލަށް ގެއްލިއްޖެ ކަމަށެވެ.

"ޖަލީލު!" އަހަންމައިދީ ޖަލީލަށް އިޝާރާތް ކުރައްވަމުން ވިދާޅުވިއެވެ.

ޖަލީލަށް ހީވީ ގައުމެއްގެ ވެރިކަން ލިބުނު ހެންނެވެ. ވީ އުފަލުން ޝުކުރު އަދާކުރަން ހަނދާން ނެތިފައި އިރުކޮޅަކު އިނދެވުނެވެ. ހިތަށް އެރިއެވެ. ރަށުގެ ކަމުވޮށިގެންވާ އެންމެން ތިބި ތަނެއްގައި ޖަލީލަށް އެ ފަދަ މަގާމެއް ލިބުނީ ކީއްވެގެން ހެއްޔެވެ؟ ކޮން ކަމެއް ކޮށްގެން ހެއްޔެވެ؟ ޖަލީލުގެ ފަރާތުން އަހަންމައިދީ އުންމީދު ކުރައްވަނީ ކޮންކޮން ކަންތައްތަކަކަށް ހެއްޔެވެ؟ ދިވެހި ގައުމަށް ހިޔާނާތްތެރި ނުވާން ނިންމައިގެން ހުރި ޖަލީލު ނުކުރާނެ އެތައް ކަމެއް އެބަ ހުއްޓެވެ. ޖަލީލު އެއްކޮޅަށްލައި، އަނެއް ކޮޅަށް ރަންއަޅައި ކިރިޔަސް، ފަރަންޖީންނަކަށް ޖަލީލު ނަފުސު ވިއްކައެއް ނުލާނެއެވެ. ދިވެހި ފަސްގަނޑުން ވެލިފުކެއް ވެސް ގެއްލުނަކަ ނުދޭނެއެވެ. ތަރުހީބުގެ އަތްތިލަބަޑިން ޖަލްސާ ގުގުމައިލައި، އެކުވެރިން ތަހުނިޔާ ކިއި ނަމަވެސް، ޖަލީލުގެ ހަގީގަތް އެނގޭ ދުވަހު ވަޅި ހިފައިގެން އަންނާނީ ވެސް ހަމަ އެމީހުންކަން ޖަލީލަކަށް ވަންހަނާއެއް ނުވެއެވެ. އެ ފަދަ ދުވަހަކުން އެންމެ ފުރަތަމަ ވަޅި މަޅައިގަންނާނެ މީހުންގެ ނަންތައް ވަކިވަކީން ޖަލީލަށް އެނގެއެވެ. އެ މީހުން އޭރު ވެސް ތިބީ ކަޅި އަޅައިގެންނެވެ. އެ ލޮލަކު ރަހުމެއް ނެތެވެ. ގާތް އެކުވެރިކަމެއް ވެސް ނެތެވެ. ޖަލީލަށް ހީވާ ގޮތުގައި އެމީހުން ޖަލީލަށް ޝައްކު ކުރެއެވެ.

ޒާހިރަކީ، އެހައިތަނާ ޖެހެންދެން ދިމާވި ކޮންމެ ކަމެއްގައި ޖަލީލުގެ މިތުރެކެވެ. ވަފާތެރިއެކެވެ. އަހަންމައިދީގެ ލޮލުގައި ޖަލީލު އަޅައިގަތް ސަބަބު ޒާހިރަށް އެނގެއެވެ.

"ބުނެބަލަ!" ޖަލީލު އެދުނެވެ. "އަހަރެން މިހިރީ ހަމަ ހައިރާންވެފައޭ! އަހަންނަށް ވުރެ މާ ގާބިލު މީހުން އެ ތާ ތިބި. ސިފައިން ބަޑިޖެހި ދުވަހު އުންޑައެރި މީހުންނާ، މި ރަށުގަ ފޯރިޔަށް ތިބި ސިފައިންނާ ދިމާކޮށް، އަނިޔާވި މީހުން ވެސް ތިބި. އެކަމަކު އަހަރެންމީ ކާކު؟ ކޮބާ މަގޭ މޮޅު ކަމެއް؟"

"ބުއްދި،" ޝަހާދަތް އިނގިލިން ބޮލުގައި ޖަހައިލަމުން ޒާހިރު ބުންޏެވެ. "ރޭވުންތެރިކަން. ހުނަރު."

ޒާހިރު ބުނި ގޮތުގައި، އުމުރުން ހަގު ނަމަވެސް، އިސް މީހަކަށް ހޮވަން ޖަލީލު ވަރުގެ މީހަކު ނެތެވެ. ސަބަބަކީ ކުރިން ދިމާވި ހާދިސާއެކެވެ. ބަގާވާތުގެ ތެރޭގައި، ދިވެހި ސަރުކާރަށް ވަފާތެރި ބަޔަކު އެއް ރޭ ނުކުމެ، ދިވެހި ސަރުކާރަށް މުލަކު ރައްޔިތުން އަނބުރައިލަން މަސައްކަތް ކުރިއެވެ. ޖަލީލު އެ ދުވަސް ހަނދާން ހުއްޓެވެ. އެ މީހުންނަށް އެ ފަހަރު ކާމިޔާބެއް ނުވިއެވެ. ސަރުކާރާ ދެކޮޅު މީހުން ގިނަ ކަމުންނެވެ. ނުކުތް މަދު މީސްކޮޅު ހައްޔަރުވީއެވެ. އަތޮޅުގޭގައި އެ މީހުން އަނދަގޮނޑި ޖެހިއެވެ. އެ މީހުންނަށް ކާނާއަކަށް ދިނީ މަޑުކުރި ބަނބުކޭލާއި ކާށްޓެވެ. އެ ދުވަސްވަރު ބޭއްވި ބައްދަލުވުމެއްގައި، ކުށްވެރިންނަށް ކާންދިނުމާ ބެހޭ ގޮތުން ހިޔާލު ތަފާތުވުން އުފެދުނެވެ. އެއްބަޔަކު ބުނަނީ ކާންދޭށެވެ. އަނެއް ބަޔަކު ބުނަނީ ކާން ނުދޭށެވެ. އަތްމަތި ދަތިކަމުން އެ ކަންކުރެވޭ ވަރު ނުވާތީއެވެ. ކުށްވެރިން ދޫކޮށްލަން ވެސް ވާހަކަދެކެވުނެވެ. އެ ރޭ ޖަލީލު ވެސް ލަފައެއް ދިނެވެ.

"އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވަންތޯ؟" ޖަލީލު ބުންޏެވެ. އަހަންމައިދީ ހުއްދަ ދެއްވުމުން ޖަލީލު ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"އަޅުގަނޑުމެން ކޮށްގެން މި އުޅޭ ކަންތަކާ ދެކޮޅު ހަދާ ބަޔަކު މި ރަށުގަ ތިބިއްޔާ، އަޅުގަނޑުމެން އެ ބަޔަކު ހައްޔަރު ކުރަން ޖެހޭނެ. ދޫކޮށްލާނެ ކަމެއް ވެސް ނެތް،" ޖަލީލު ބުންޏެވެ. "އެ ހައްޔަރުކުރާ ބަޔަކަށް ކާން ދޭން ޖެހޭނީ ވެސް ހަމަ އަޅުގަނޑުމެން. އެކަމަކު ރައްޔިތުން އަތަކު އެއްވެސް އެއްޗެއް ނެތް. އެއް އިރު ކައިފިއްޔާ އަނެއް އިރު ތިބެން މި ޖެހެނީ ހުސްގޮހޮރާ! އެހެންވީމާ އަޅުގަނޑަށް ފެންނަނީ، ކުށްވެރިން ކައިރީގަ އަހަން، ކަލޭމެންގެ ކޮއްތު ގެއިން ގެންނާނީހޭ ނޫނީ ރައްޔިތުންނަށް ލިބުނު އެއްޗެއްހޭ ކާން ދޭންވީ؟ ރަށުގެ ގަދަރު ހުރި މީހުން ހައްޔަރުވެފަ މި ތިބީ. އެހެން އެހީމަ، އެ މީހުން ބޭނުމީ ގެއިން ކާށޭ ބުނެފިއްޔާ، އަޅުގަނޑުމެން އެ މީހުންނަށް ކާން ނުދިނިއްޔޭ ބުނެވޭކަށް ނޯންނާނެ ނޫންތޯ؟ އަޅުގަނޑުމެން ރައްޔިތުންގެ ބޮލުން ބުރައެއް ނޫންތޯ އެ ނެއްޓުނީ؟ އެހެން ހެދިކަމަށް ވިޔަސް، ގެއިން ކާއެއްޗެހި ހިފައިގެން އަންނަ މީހާއަކަށް އެ ތާކަށް ނުވަދެވޭނެ. އެ އުސޫލު ޖެހޭނެ ހިފާއްޓަން. ކާއެއްޗެހި ގެނެސް އަޅުގަނޑުމެންގެ މީހަކާ ޖެހޭނީ ހަވާލުކުރަން."

ޖަލީލުގެ ހިޔާލަށް އެހެން މީހުން ތާއިދުކުރިއެވެ. އަހަންމައިދީއަށް ވެސް އެ ހިޔާލު ވަރަށް ކަމުދިޔައެވެ. ވޯޓަކަށް އަހައި، އިއްތިފާގުން ފާސްވިއެވެ. ދެން ގޮސް ކުށްވެރީން ގާތުގައި އެހީއެވެ. އެންމެން ވެސް ބުނީ ގެއިން ކޮއްތު ގެންނަން ބޭނުންކަމުގައެވެ. އެ ގޮތަށް ހަމަޖެހުނެވެ. ހަރަދު ސަލާމަތްވެ، މައްސަލަ ވެސް ހައްލުވީއެވެ.

އެހެން ބައްދަލުވުމެއްގައި ވެސް ވަރަށް އާދަޔާ ހިލާފު މައްސަލައެއް މެންބަރަކު ހުށައެޅިއެވެ.

"އަޅުގަނޑު ދިރިއުޅޭ ގޯއްޗަކީ ވަރަށް ކުޑަކުޑަ ގޯއްޗެއް،" އޭނާ ބުންޏެވެ. "ގެއާ ކައިރީގަ، މާ ސިންގާ ހުސްތަން އެބަ އޮތް. އެ ތަނުން އަޅުގަނޑަށް ތަންކޮޅެއް ހަމަޖައްސައިދޭންވީނު. ދަންނަވާދަންނަވާ ވެސް ދިވެހި ސަރުކާރުން އެ ކަން ހަމަޖައްސައެއް ނުދިން. މިހާރު މިއޮތީ އަޅުގަނޑުމެންގެ ބާރު."

އެކަކަށް އެކައްޗެއް ވެސް ބުނާކަށް ނުކެރުނެވެ. އެހެނަސް، އެކަކަށް ވެސް އެ މަގު ފަހިކޮށްދީފި ނަމަ ދެން ވާނެ ގޮތް އަހަންމައިދީއަށް އެނގިވަޑައިގަންނަވައެވެ. ގޮތެއް ނުނިންމެވީ އެހެންވެއެވެ. މައްސަލަ ހައްލުވީ ޖަލީލު ބުނި އެއްޗަކުންނެވެ.

"އަޅުގަނޑުމެންނަކީ ދިވެހި ސަރުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުކާރުގެ އަނިޔާވެރިކަމުން އުފެދުނު ބަޔެއް،" ޖަލީލު ތެދުވެފައި ބުންޏެވެ. "މި އުޅެނީ އެ ސަރުކާރު ދޫކޮށްލާފަ އެހެން ސަރުކާރެއް އުފައްދަން. އެ މަސައްކަތުގަ މި އުޅެނީ. އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބުވެގެން ގޮސް މި ތާ ވެރިކަމެއް ހަމަޖެހުނު ދުވަހަކުން ތި ބާވަތުގެ ކަންކަން ކުރެވޭނީ. މިހާރު ކޮށްފި ނަމަ ރައްޔިތުންގެ ތާއީދު ގެއްލިދާނެ."

އެ ފަހަރު ވެސް ޖަލީލު ބުނިގޮތަށް ތާއިދު ލިބި އެ ގޮތަށް ފާސްވިއެވެ. މައްސަލަ ހައްލުވިއެވެ. އެ ވާހަކަތައް ޒާހިރު ގާތުގައި އަހަންމައިދީ ދެއްކެވި ވާހަކަ ޒާހިރު ބުންޏެވެ. ކޮންމެއަކަސް، ދަމުންދަމުން ގޮސް އެންމެ މައްޗަށް ޖަލީލަށް ދެވުނީއެވެ. އަހަންމައިދީ ބޭހަށް އައްޑޫއަށް ފުރައިވަޑައިގަތުމުން، އޮފީހުގެ ތަޅުދަނޑި ވެސް ލިބުނީ ޖަލީލަށެވެ. ދެން އޮފީސް ހުޅުވައި ލައްޕަނީ ވެސް ޖަލީލެވެ. ޖަލީލުގެ ނަޒަރުގައި ޖަލީލަކީ އަހަންމައިދީއެވެ. ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އެހައި ވެސް ބޮޑެވެ.

ރަށުން ދިވެހި ސަރުކާރަށް ތާއީދު ކުރަނީ ކޮންކޮން ބައެއްކަން ޖަލީލަށް އެނގެއެވެ. އަހަންމައިދީ ނެތް ދަނޑިވަޅު ބަލައިފައި ޖަލީލު ބޭނުންވީ ސައީދާ ބައްދަލުކުރާށެވެ. ސައީދަށް ލިބުނު ފުރުސަތުގައި ޖަލީލު ހިމާޔަތްކުރި ކަމުގެ ޝުކުރާއި، އިނގެރޭސީންގެ އަތްދަށުން ފުވައްމުލަކު ސަލާމަތްކުރަން ހެދޭނެ ގޮތަކާ މެދު މަޝްވަރާކުރަން ވެސް ޖަލީލު ބޭނުންވިއެވެ.

ދުރާލައި ރާވައިގެން ސައީދާ ބައްދަލުކުރަން ދިޔަ ދުވަހު، ކަންދިމާވި ގޮތުން ޖަލީލު ފަހަތުން ހަމީދު އަޅުވައިލިއެވެ. އެއީ ފުވައްމުލަކުގައި ތިބި އެންމެންގެ ތެރެއިންގެ ވެސް ޖަލީލު އެންމެ ފަރުވާތެރިވާންޖެހޭ މީހާއެވެ. ކަންކަމުގައި އެންމެ އަވަހަށް ލޭހޫނުވާ ޒުވާނާއެވެ. ދުރުދުރުން އެތައް ވާހަކައެއް ދައްކައިގެން ވެސް އޭނަގެ ކިބައިން ޖަލީލަކަށް ސަލާމަތެއް ނުވެވުނެވެ. ސައީދުއާ ބައްދަލުކުރަން ދާން ޖެހުނީ ހަމީދު ވެސް ގޮވައިގެންނެވެ. އޭރު ވެސް ސައީދު އޮތީ އަނދަގޮނޑިޖަހައިފައެވެ. ޖަލީލު ހިތަށް އެރިއެވެ. ކަންތައްވީ ގޮތް ނިކަން ދެކިބަލާށެވެ. އެއް ފިކުރެއްގެ ދެމީހުންނެވެ. އެކަމަކު އެކަކަށް ތަޅުދަނޑި ލިބުނު އިރު، އަނެކަކަށް ލިބުނީ އަނދަގޮނޑިއެވެ. އެކަކުގެ ސިޔާސީ ފިކުރު ފާޅުކުރި ކަމެވެ. އަނެކަކުގެ ނުކުރާ ކަމެވެ. ސައީދު އޮތް ހާލު ފެނިފައި ޖަލީލުގެ ހިތަށް އެ ދުވަހު ވެސް ވަރަށް އަސަރުކުރިއެވެ. އެހެނަސް، ޖަލީލަކަށް ވެސް ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

"ހަމީދު ދޭބަލަ އަހަންނަށް ފެންތަށްޓެއް ހިފައިގެން އަންނަން." ހަމީދު ފޮނުވައިލުމަށް ޓަކައި ޖަލީލު ބުންޏެވެ.

"އަހަރެން ވެސް ނިކަން އެބަ ފެންބޮވާ،" ހަމީދު ޖަވާބުދިނެވެ. "ހާދަހާ ދިލަ ހޫނެއްވާ ދުވަހެކޭ!"

އެހެން ބުނެފައި ހަމީދު ދިޔައީއެވެ. ކުޑަ ވެސް ޝައްކުކުރުމެއް ނެތިއެވެ. ލޯމަތިން ހަމީދު ގެއްލުމުން ޖަލީލު ފުރަތަމަ ވެސް ކުރިކަމަކީ މާފަށްއެދުނެވެ.

"ސައީދު އަނދަގޮނޑިޖަހާފަ އޮތް އިރު އަހަރެންގެ ހަތަރެސްފައި ވެސް މިހިރީ ބަނދެވިފަ،" ހިތާމައާ އެކުގައި ޖަލީލު ބުންޏެވެ. "ކޮށްދެވޭނެ މާ ބޮޑު ކަމެއް ނެތް. ހާދަހާ ދެރައޭ! ބޭނުންތަ ގެއަށް ސިޓީއެއް އެއްޗެއް ރައްދު ކުރަން؟ ނޫނީ މީހަކަށް ރައްދުކުރާނެ ޚަބަރެއް އެއްޗެއް އެބަ އޮތްތަ؟ އޮތިއްޔާ ބުނޭ! އެ ވަރު ކޮށްދެވޭނެ."

ސައީދުގެ އަތް އޮތީ ހިސާބަކަށް ދުޅަވެފައެވެ. އެކަމަކު ހިތްވަރަށް އޭރު ވެސް ދެ ގޮތެއް ނުވެއެވެ.

"އެއްގޮތަކަށް ވެސް ދެރަވާނެ ކަމެއް ނެތް،" ހިތްވަރުގަދަ ސައީދު ބުންޏެވެ. "ﷲ އަހަރުމެންނަށް ކާމިޔާބު ދެއްވާނެ. ޖަލީލަށް ކޮށްދެވިދާނެ ވަރަށް މުހިންމު ކަމެއް ވެސް އެބަ އޮތޭ!"

ހަމީދު ފެން އަޅަން ތަށި ހިފައިގެން ދިޔަ އިރު ފެންޖަގު ހުރީ ހުސްވެފައެވެ. ވީމާ، ފެންއަޅަން ޖަގު ހިފައިގެން ހަމީދު ނުކުތީ ގޯތިތެރެޔަށެވެ. އެ ވަގުތު އެ ތަނަށް އެހެން ދެ މީހަކު އައެވެ. އެ މީހުން އައީ ޖަލީލު ހޯދާށެވެ. ޖަލީލު ހުރި ތަން ބުނެފައި ހަމީދު ފެންއަޅަން ފެށިއެވެ. ބަޔަކު އަންނަ ކަމެއް ޖަލީލަކަށް ރޭކައެއް ނުލައެވެ. ޖަލީލު ހުރި ދިމާގެ ގޮތުން، ކުޑަދޮރުން ހަމީދު ފެނެއެވެ.

"ގައްދޫ އަލިކަލޭގެފާނު މި ރަށަށް އައި ފަހަރަކު އަހަރެން ކައިރީގަ ބުނި، މި ތާ މި ނަގާ ސުވާދީބުގެ ދިދަ އޭނާގެ އަތުޖައްސައިދޭށޭ!" ސައީދު ސިއްރުސިއްރުން ބުންޏެވެ. "އޭގެ އޮންނާނީ އެންމެ ދިދައެއް. އަހަންނަކަށް އެ ކަމެއް ނުވި. މިހާރު މިއޮތީ ހައްޔަރުވެފަ. އެ ކަން ކޮށްދެވިދާނެތަ؟"

"ސައީދު އަހަރެން ކައިރީގަ ނުބުނީ ކީއްވެ؟" ޖަލީލު ވަގުތުން ބުންޏެވެ. "ތި ކަން ކޮށްދީފާނަން. ތީ އެއްވެސް ކަމެއް ނޫން."

ޖަލީލުއާ ބައްދަލުކުރަން އައި ދެ މީހުން އޭރު ދޮރާ އަރައި ހަމަވެއްޖެއެވެ. ދޮރު ހުޅީ ހުޅުވައިފައެވެ. (ނުނިމޭ)