10 އޯގަސްޓް 2024 - 00:49

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި 20 އަހަރު މަސައްކަތްކޮށް, އެމަނިކުފާނުގެ ހައްގުގައި ގަނަތެޅުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށާއި އޭރު ތައުލީމީ ފެންވަރު ޔާމީނަށް މުހިންމު ނުވި ކަމަށް އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.

ފައިސަލް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަބްދުއްރަހީމަށް ރައްދުކޮށް ޔާމީންގެ ޖަގަހަ ޖަލްސާތަކުގައި އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.
"އަޅުގަނޑުގެ ބައްޕަ ރައީސް ޔާމީނަށް މެދުކެނޑުމެއްނެތި 20 އަހަރު ސިޔާސީ އަޅު މަސައްކަތް، ވަރުބަލިކަމެއް، ފޫހިކަމެއްނެތި ކޮށްދިންކަން، މި ދިވެހި ގައުމު ހެކިވާނެ އެވެ. އޭރަކު އަޅުގަނޑުގެ ބައްޕަގެ ތައުލީމެއް މަނިކުފާނަށް މުހިންމު ނުވި އެވެ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވެސް ޔާމީނަށް ނާކާމިޔާބުވީ އަބްދުއްރަހީމް ހިމެނޭ ގޮތަށް އޭރު ޕީޕީއެމްގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ދުރަށް ޖެއްސެވުމުންނެވެ. އަދި 2019 ވަނަ އަހަރު ޕީޕީއެމްގެ މަޖިލިސް މެމްބަރުން ފެއިލްކޮށްލީ ވެސް ޔާމީން ގަސްތުގައި ދުރާލައި ރާވައިގެން ކަމަށް ފައިސަލް ތުހުމަތު ކުރެއްވި އެވެ.
އޭރު ޕީޕީއެމްގެ އިސް ސަފުގައި ތިބި ގިނަ ބަޔަކު ޕާޓީން ވަކިވެގެން ދިޔުމުން ކެތްތެރިކަމާ އެކު ހުރިހާ ތަކުލީފެއް އުފުލީ އަބްދުއްރަހީމް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަނިކުފާނަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވުމުން، ދެ ޕާޓީގެ ސިޔާސީ މަސައްކަތް ކުރަން 24 ގަޑިއިރު ގަނަތެޅުނީ އަޅުގަނޑުގެ ބައްޕަ އެވެ. އެ ހުކުމުން ސަލާމަތްވެ، އަހަރެއްހާ ދުވަސްފަހުން މަނިކުފާނު އެނބުރި އައިއިރު، ޕާޓީގެ ސިޔާސީ ހަރަކާތް މެކުހަށް ޖަހައި، އެންމެން ގޮވައިގެން ދުވާލު ހަތަރުދަމު، ސަރުކާރު ޒިންމާދާރު ކުރުވާ އަވައްޓެރީންނާއި ދިރިތިބީންގެ ދޮޅިދަށަން އަތްލައި މަނިކުފާނުގެ ހައްގުގައި އަވަދިވަމުން ދިޔައީ އަޅުގަނޑުގެ ބައްޕަކަން މި ދިވެހި ގައުމު ހެކިވާނެ އެވެ،" ފައިސަލް ވިދާޅުވި އެވެ.
ވޮޑަމުލާ މައްސަލާގައި ޔާމީން ޖަލުން މިނިވަން ވުމުން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އޭރު ކާނިވަލުގައި ބޭއްވި ބޮޑު ޖަލްސާގައި އަބްދުއްރަހީމަށް ޔާމީން "އިއްވި ސަނާ އާއި ކުރި އިތުބާރުގެ ވާހަކަތަކުގެ މަތީން" މިހާރު ހަނދާން އެބަހުރިތޯ ފައިސަލްގެ ޕޯސްޓުގައި ސުވާލު އުފެއްދެވި އެވެ.
"އެ ބޮޑު މާސިންގާ ކޯލިޝަން މަނިކުފާނުގެ ޢައިރު ހާޒިރުގައި ބަލަހައްޓަން މަނިކުފާނު ހަވާލުކުރީ އެއްވެސް އިލްމެއް، ހިލްމެއް ނެތް މީހަކާތޯ އެވެ؟ އެއިރު ހަމަ ބަރާބަރު ދެއްތޯ އެވެ،" ފައިސަލް ލިޔުއްވާފައިވެ އެވެ.
ފައިސަލް ވިދާޅުވީ އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީންގެ ކެންޑިޑެސީ ބާތިލްކުރީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީން އެކަން ކުރީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ފުރަތަމަ ހަމަޖެއްސި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ޔާމީންގެ ވެރިކަމުގައި ބާތިލްކުރުމުން އޭގެ ބަދަލު ހިފުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން އެކަން ވާނެކަން އެނގިހުރެ، ޕީޕީއެމުން ކެނޑިޑޭޓަކު ނުނެރެ، އިންތިހާބު ބޮއިކޮޓްކުރަން ޔާމީން ނިންމެވީ އެމްޑީޕީއަށް ދެވަނަ ދައުރެއް ދިނުމުގެ ކެހިވެރި ނިޔަތުގައި ކަމަށް ވެސް ފައިސަލް ތުހުމަތު ކުރެއްވި އެވެ.
"ތިމާ އަށް ނުލިބުނު މޮޅެއް އެހެން މީހަކަށް ލިބުމަށް ނޭދޭތީ މުޅި އިދިކޮޅު ނުހަނު ނިކަމެތި ކަމާ އެކު އިތުރު ފަސް އަހަރު މަގުމަތީގައި ބޭއްވުމަށް މަނިކުފާނު ނިންމެވި ހިސާބުން މަނިކުފާނުގެ ލީޑާޝިޕް ފެއިލްވިކަން މަނިކުފާނަށް ހިސާބު ޖަހަން ނޭގުމަކީ ހަގީގަތެކެވެ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިތްވަރާއި ކެރުން ނެތްް ނަމަ، ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން އަދިވެސް ތިބެން ޖެހޭނީ މަގުމަތީގައި ކަމަށެވެ. އަދި މި ގައުމު އޮންނާނީ އޮޔާއި ގޮސް ލޯމަތިން ގެއްލިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީންގެ އަރިހުގައި މިހާރު ގެންގުޅުއްވާ ބޭފުޅުންނަކީ އެމަނިކުފާނު "މި ދުނިޔެއިން ނައްތާލަން އުޅުނު މީހުން ކަމަށް" ވެސް ޔާމީން އަމިއްލަފުޅަށް ކުރިން ވިދާޅުވެފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ ބައްޕައަކީ ނުކިޔަވާ ތިބި މީހުން ކަމަށްވެ އެކަމާ މަނިކުފާނު ކަންބޮޑުވެގެން އުޅުއްވާ އިރު، މަނިކުފާނުގެ މޮޅަށް ކިޔެވި ދަރިން މި ގައުމަށް ކޮށްދިން ހިދުމަތެއް އަޅެ ވިދާޅުވެ ބައްލަވާށެވެ." ފައިސަލް ވިދާޅުވި އެވެ.