ޔޫކްރޭން ބަލިކޮށް ޖަރުމަނަށް އުއްމީދީ ފެށުމެއް
ޔޫކްރޭން ބަލިކޮށް ޖަރުމަނަށް އުއްމީދީ ފެށުމެއް

ލިޔޯން (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޔޫކްރޭން އަތުން 2-0 އިން މޮޅުވެ ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ފެށުން ރަނގަޅުކޮށްފި އެވެ.

ޔޫކްރޭން ބަލިކޮށް ޖަރުމަނަށް އުއްމީދީ ފެށުމެއް
ޔޫކްރޭން ބަލިކޮށް ޖަރުމަނަށް އުއްމީދީ ފެށުމެއް

މެޗު ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ ޔޫކްރޭނުންނެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި އޭރިއާ ބޭރުން ޔެވްހެން ކޮނޮޕްލިޔަންކާ ފޮނުވާލި ހަމަލާ ޖަރުމަނު ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.

ޖަރުމަނުން ލީޑުނެގީ މެޗުގެ 19 ވަނަ މިނިޓްގައި ޒޮރްޑަން މުސްތާފީގެ ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޓޮނީ ކްރޫސް ނަގައިދިން ހިލޭ ޖެހުމަކުން ބޮލުންނެވެ. މިއީ ސްޕެއިނުގެ ވެލެންސިއާ އަށް ކުޅޭ މުސްތާފީ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

ޖަރުމަނުން ލީޑު ނެގިތާ އަށް މިނިޓް ފަހުން ޔޫކްރޭނުން ވަނީ ރަނގަޅު ހަމަލާއެއް އުފައްދާފަ އެވެ. ލިބުނު ކޯނަރަކުން ޔެވްހެން ކަޗެރީޑީ ބޮލުން ފޮނުވާލި ބޯޅަ ނޯޔާ ވަނީ މަތަކޮށްފަ އެވެ.

ލީޑު ފުޅާކުރަން މި ހާފްގައި ޖަރުމަނުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސެމީ ކެޑީރާ އަށެވެ. ކްރޫސް ދިން ބޯޅައަކުން ސެމީ ކެޑީރާ ހުހަށް ހުރެ ފޮނުވާލި ބޯޅަ ޔޫކްރޭން ކީޕަރު އަންޑްރީ ޕިޔާޓޯވް ވަނީ މަތަކޮށްފަ އެވެ.

މި ހާފްގެ ފަހު 15 މިނިޓްގައި ޔޫކްރޭނުން ވަނީ ޖަރުމަނު ހާފް ތެރޭގައި ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ކޮނޮޕްލިޔަންކާ ފޮނުވާލި ބޯޅަ ޖަރުމަނު ޑިފެންޑަރު ޖެރޯމް ބޯޓެންގް މަތަކުރީ ގޯލުގެ ރޮނގުމަތިންނެވެ. އަދި އެންޑްރީ ޔާމޮލޮންކޯ ވެސް ވަނީ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގައި ޖަރުމަނުން ވަނީ ޔޫކްރޭން ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން މެސުޓް އޮޒިލް، ކެޑީރާ، މާރިއޯ ގޮޓްޒާ ފޮނުވާލި ބޯޅަ ޔޫކްރޭން ކީޕަރު ޕިޔާޓޯވް ވަނީ މަތަކޮށްފަ އެވެ. އަދި ކްރޫސް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަންދުރޭ ޝޫލާ ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ.

މި ހާފްގައި ޔޫކްރޭނުން ފޮނުވާލި އެންމެ ރަނގަޅު ހަމަލާ އަކީ ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ޔަރޮސްލާވް ރަކިޓްސްކީ ފޮނުވާލި ބޯޅަ އެވެ. ރަކިޓްސްކީ ތިރިތިރިން ޖެހި ބޯޅަ ނޯޔާ ވަނީ މަަތަކޮށްފަ އެވެ.

ޖަރުމަނުގެ ދެ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ތަޖުރިބާކާރު މިޑްފީލްޑަރު ބަސްޓިއަން ޝްވައިސްޓައިގާ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޝްވައިންސްޓައިގާ މި ލަނޑު ޖެހީ ކައުންޓަ އެޓޭކެއްގައި އޮޒިލް ދިން ބޯޅަ އަކުންނެވެ.