އެންމެ މޮޅު ފިލްމުގެ އޮސްކާ ދެވުނީ ނުބައި ފިލްމަކަށް!
އެންމެ މޮޅު ފިލްމުގެ އޮސްކާ ދެވުނީ ނުބައި ފިލްމަކަށް!

އޮސްކާ އެވޯޑްސްގެ ދިގު ހަފްލާ ފެށިގެން ނިމެންދެން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދިޔަ މީހުންނަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އެންމެ މޮޅު ފިލްމަކީ "ލާ ލާ ލޭންޑް" ކަމަށް އިއުލާންކޮށް އެ ފިލްމުގެ ތަރިންނަށާއި ކްރޫ އަށް އެވޯޑް ހަވާލުކުރުމަށް ފަހު އެކަން ވީ ބޮޑު އޮޅުމަކަށެވެ.

އެންމެ މޮޅު ފިލްމަކަށް ހޮވުނީ "މޫންލައިޓް" ކަން އިއުލާންކުރީ "ލާ ލާ ލޭންޑް"ގެ އެންމެން ސްޓޭޖަށް އަރައި ޝުކުރު އަދާކުރުމުގެ ގޮތުން އެތައް އިރެއް ވަންދެން އެތައް ވާހަކައެއް ދެއްކި ފަހުންނެވެ.

އެންމެ މޮޅު ފިލްމު އިއުލާންކޮށް އޮސްކާ އެވޯޑް ހަވާލުކުރަން ސްޓޭޖަށް އެރީ ހޮލީވުޑްގެ ތަޖުރިބާކާރު ދެ ތަރިން ކަމަށްވާ ވޮރެން ބީޓީ އާއި ފޭ ޑަނަވޭ އެވެ. އަދި އެންމެ މޮޅު ފިލްމަކީ "ލާ ލާ ލޭންޑް" ކަމަށް އިއުލާންކުރި އެވެ.

ހޯލުގައި ތިބި އެންމެން ތަރުހީބު ދެމުން ކޮޅަށް ތެދުވެ "ލާ ލާ ލޭންޑް"ގެ ކާމިޔާބީ ފާހަގަކުރި އެވެ. އަދި އެ ފިލްމުގެ ކާސްޓް އާއި ކްރޫ ސްޓޭޖަށް އަރައި އެވޯޑާ ހަވާލުވި އެވެ. އެކަމަކު އުފަލުން ފޮޅިފައި ތިބި ޕްރޮޑިއުސަރުން ޝުކުރުގެ އެތައް ވާހަކައެއް ދައްކާ ނިމުނު ފަހުން އެނގުނީ ބީޓީ އަށާއި ޑަނަވޭ އަށް އިއުލާންކުރެވުނީ ނުބައި ފިލްމެއްގެ ނަން ކަމެވެ.

"އަހަރެން ސިޓީ އުރަ ހުޅުވައިލި އިރު އޭގައި އޮތީ 'ލާ ލާ ލޭންޑް'ގެ އެމާ ސްޓޯން ކަމަށް،" ބީޓީ ބުންޏެވެ. "މިއީ އަހަރެން މަޖަލަކަށް ކުރި ކަމެއް ނޫން."

މޮޅު ފިލްމަކީ "މޫންލައިޓް" ކަމަށް ބުނުމުން އެ ފިލްމުގެ ޓީމަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ޑައިރެކްޓަރު ބެރީ ޖެންކިންސް އާއި ޕްރޮޑިއުސަރު އެޑެލް ރޮމަންސްކީ އެވޯޑާ ހަވާލުވި އިރު ވެސް ތިބީ ޝޮކެއްގަ އެވެ.

"މޫންލައިޓް" އަށް އެންމެ މޮޅު ފިލްމުގެ އޮސްކާ ލިބުމަކީ އެންމެނަށް ވެސް ލިބުނު ހައިރާންކަމެކެވެ.