08 އޯގަސްޓް 2024 - 18:31

އިހަވަންދިއްޕޮޅުގައި ފަށާ ބަންކަރިން ހިދުމަތުގައި ހއ. އުލިގަމުގައި ގާއިމް ކުރަން ނިންމާފައިވާ ޕޯޓް ފެސިލިޓީއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
އެމްޕީއެލް އިން މިއަދު ވަނީ ހަތް މުވައްޒަފަކު ހޯދަން އިއުލާންކޮށްފަ އެވެ. އެއީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓަކާއި ލޭބަރެއްގެ އިތުރުން ހަތަރު ސެކިއުރިޓީ އެސިސްޓެންޓުންނެވެ.
އުލިގަން ހިމެނޭ އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމް ހިދުމަތަށް ފަށަން ނިންމައި އެމްޕީއެލްއިން ވަނީ އެ މަސައްކަތް ފަށައިފަ އެވެ. އަދި އެ ކުންފުނިން ވަނީ ބޭރުގެ ޔޮޓުތައް ގިނަ އަދަދަކަށް އަންނަ އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަން ވެސް ވަނީ ނިންމައި ބިޑަށް ހުޅުވާލައިފަ އެވެ.
އެ ހިދުމަތްތައް ދޭން ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތް ވެސް އެމްޕީއެލްއިން އަންނަނީ ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ވަނީ ހިދުމަތަށް ބޭނުންވާ ބައެއް އުޅަނދުތައް ވެސް ގެނެސްފަ އެވެ.