08 އޯގަސްޓް 2024 - 12:02

ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގެ ދ. ޒޯނުގެ ޗެމްޕިއަންކަން ބަގްލިއޯނީ މޯލްޑިވްސް ހޯދައިފި އެވެ.

ބަގްލިއޯނީ ތަށި ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން، ސަން ސިޔާމް ވިލު ރީފްގެ މައްޗަށް 6-5 އިން ކުރި ހޯދައިގެންނެވެ.
ވިލު ރީފް އިން މެޗުގެ ކުރީކޮޅު ލީޑު ނަގާފައި ވަނިކޮށް އޭގެ އިތުކޮޅެއް ފަހުން ބަގްލިއޯނީ އެއްވަރުކުރީ ހިލޭޖެހުމަކުންނެވެ. އެއަށް ފަހު ގޯލެއް ނުޖެހި ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެ، ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނީ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބަގްލިއޯނީގެ އަބްދުލް ވާހިދު އިބްރާހިމް (ވާޑު) އެވެ.
މި ޒޯނުގައި އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ސަން ސިޔާމް ވިލު ރީފްގެ މުހައްމަދު މަމްދޫހެވެ. އޭނާ ވަނީ ހަ ގޯލު ޖަހައިފަ އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލް މެޗުގެ ވެސް މޮޅު ކުޅުންތެރިޔާ ވާޑު އެވެ.
އެންމެ މޮޅު ކޯޗަކަށް ބަގްލިއޯނީގެ އަހުމަދު ރިލްވާން ހޮވުނުއިރު، ފެއާޕްލޭ ޓީމަކީ ސަން ސިޔާމް އިރު ވެލި އެވެ.
މިއާ އެކު އޮކްޓޫބަރު މަހު ކުޅޭ މުބާރާތުގެ ސެމީ ފައިނަލްގައި ސައުތު ކާފްގެ ޗެމްޕިއަން ހާޑްރޮކް މޯލްޑިވްސްއާ ދެކޮޅަށް ނުކުންނާނީ ބަގްލިއޯނީ އެވެ.
ހަތް ޒޯނަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި، ކުރިއަށް އޮތް ހަފްތާ ބަންދުގައި ބ. ޒޯނުގެ ކުޅުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.