08 އޯގަސްޓް 2024 - 10:35

ގައުމީ ސާފިން ޓީމުގެ ކެޕްޓަނަކަށް އަހުމަދު އާގިލް (އައްމަޑޭ) ހަމަޖައްސައިފި އެވެ.
އޭނާގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ޓީމަށް އެންމެ އަވަހަށް އޮތް މުބާރާތަކީ، އޭނާގެ އުފަން ރަށް، ކ. ތުލުސްދޫގައި އަންނަ މަހު ބާއްވާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕެވެ.
ސާފިންގެ ގިނަ މުބާރާތްތަކުގައި ވާދަކުރި ނަމަވެސް 2022 އާ ހަމައަށް އައިރު ވެސް އައްމަޑޭއަކަށް ތައްޓެއް ނުލިބެ އެވެ. އެކަން ބަދަލުވީ އެ އަހަރު މ. މުލީގައި ބޭއްވި ދިވެހި ސާފިން ލީގުގެ މުބާރާތުންނެވެ.
އެ މުބާރާތަށް ފަހު ސާފިން ރޭންކިންގައި ވެސް ކުރިއަށް އޭނާ ޖެހިލި އެވެ. ސާފިން އެސޯސިއޭޝަނުން ބުނީ ގައުމީ ކެޕްޓަންކަން އައްމަޑޭ އަށް ދޭން ނިންމީ އޭނާގެ ޕާފޯމަންސަށް ބަލައި އަދި އެހެން ސާފަރުންގެ ވެސް މަޝްވަރާއާ އެކު ކަމަށެވެ.
މިދިޔަ އަހަރު އެލް ސަލްވަޑޯގައި ބޭއްވި ސާފިން ވޯލްޑް ޗެމްޕިއަންޝިޕްގެ ދެ ވަނަ ބުރަށް ދަތުރު ކުރި އައްމަޑޭގެ ކުޅިވަރު ކެރިއަރާއި ވަޒީފާ ވެސް އޮތީ ސާފިންއާ ގުޅިފަ އެވެ.
ކުރިން ދިން އިންޓަވިއުއެއްގައި އައްމަޑޭ ބުނީ ރާޅާ އަޅައިގެން ފައިސާ ނުލިބޭނެޔޭ ބުނެ އޭނާ އެކަން ކުރަން އޭނާގެ އާއިލާއިން ވެސް ގަބޫލު ނޫން ކަމަށެވެ.
"ކުރިން މަންމަ ވެސް އެހާ ގަބޫލު ކަމެއް ނޫން. އެކަމަކު މިހާރު އަޅުގަނޑުގެ އެންމެ ބޮޑު ދެ ސަޕޯޓަރަކީ މަންމަ އާއި އަންހެނުން،" އޭނާ ބުނެފައި ވެއެވެ.
"މަންމަ އަށް މިކަން ގަބޫލު ކުރެވިއްޖެ ތަންކޮޅެއް ކުރިން. އެއީ ރެޑްބުލްގެ ސްޕޮންސާޝިޕް ލިބުނުކަން އެނގުނު ހިސާބުން މަންމަ ގަބޫލުކޮށްފި ރާޅާ އަޅައިގެން ވެސް ދިރިއުޅުން ކޮޅަށް ޖެހޭނެކަން. މިހާރު އެންމެނަށް ވެސް ގަބޫލު ކުރެވޭ."