08 އޯގަސްޓް 2024 - 09:38

ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ، ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ގެ ފިރިހެން އޯޕަން ބައިގެ ޗެމްޕިއަންކަން، ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އަރްމިޑޭ ސޮލިވެރޭސް ހޯދައިފި އެވެ.

މާޅޭގެ ރާޅުގަނޑު ސަރަހައްދުގައި އިއްޔެ ކުރިއަށް ދިޔަ ފައިނަލް ހީޓުގައި ކެނެރީ އައިލެންޑްސް އަށް ނިސްބަތްވާ ސޮލިވެރޭސް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޑްރޮޕްނީ ބައިން ޗެމްޕިއަންކަން ހޯދި ހަވާއީގެ ޑޭވް ހުބާޑް އާ ވާދަކޮށް ކުޑަ ތަފާތަކުން ކުރި ހޯދައިގެންނެވެ.

ފައިނަލް ހީޓުގައި ހުބާޑް، ޖުމްލަ 13.5 ޕޮއިންޓް ހޯދި އެވެ. ސޮލިވެރޭސް ކުރި ހޯދީ 13.75 ޕޮއިންޓް ހޯދައިގެންނެވެ.
ސޮލިވެރޭސް، ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓޭސް ބަލިކުރުމަށް ފަހު އެވެ. ދެވަނަ ސެމީގައި ހުބާޑް ވަނީ ބްރެޒިލްގެ ގެބްރިއެލް ބްރާގާ ބަލިކޮށްފަ އެވެ.
ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ އޮސްޓްރޭލިއާގެ ޖައި ޓޭލާ އެވެ. އޭނާ ވަނީ ފައިނަލް ހީޓުގައި ޗިލީގެ މިކޭލޭ އަރައިގާޑާއާ ވާދަކޮށް 14 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ޓޭލާ އަށް ހޯދުނީ 8.95 ޕޮއިންޓެވެ.
މިއަހަރުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި ޖުމްލަ 12.75 ޕޮއިންޓް ހޯދި ޖަޕާނުގެ ނަމިކާ ޔަމަޝިތާ އެވެ. އޭނާއާ ވާދަކުރި، އެގައުމުގެ ސާރީ އޮހާރާ އަށް ލިބުނީ 12 ޕޮއިންޓެވެ.
މިއަހަރުގެ މުބާރާތުގެ ތިން ކެޓެގަރީގައި 14 ގައުމަކުން 86 ބޮޑީބޯޑަރުން ވާދަކުރި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ 15 ބޮޑީބޯޑަރުން ހިމެނެ އެވެ.
ފިރިހެން އޯޕަން ބައިގައި ރާއްޖޭގެ 15 ބޮޑީބޯޑަރުން ވާދަ ކުރިއިރު، އޭގެ ތެރެއިން ފަސް ބޮޑިބޯޑަރުން ވަނީ ޖޫނިއާ ބައިގައި ވާދަ ކޮށްފަ އެވެ. ދެ ކެޓެގަރީގައި ވެސް ރާއްޖޭގެ ބޮޑީބޯޑަރުންނަށް އެންމެ ދުރަށް ދެވުނީ ހަތަރުވަނަ ބުރަށެވެ.
މިދިޔަ އަހަރުގެ ޖޫނިއާ ބައިން ތިންވަނަ ހޯދި ރާއްޖޭގެ އުންމީދީ ބޮޑީބޯޑަރު އާމިން އުމަރު މޫސާ، ފިރިހެން އޯޕަން ބައިގެ ހަތަރުވަނަ ބުރަށް ދަތުރު ކުރި އެވެ. ޖޫނިއާ ބައިން ހަތަރުވަނަ ބުރުން ފުރުސަތު ހޯދީ 15 އަހަރުގެ އިޔާން އަހުމަދެވެ.