މައްސަލަ ހައްލުކޮށް، ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް ހިދުމަތް އަލުން ފަށައިފި
މައްސަލަ ހައްލުކޮށް، ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް ހިދުމަތް އަލުން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްތަކާއި ޕީއޯއެސްއަށް ދިމާވި މައްސަލަ ހައްލުކޮށް، އަލުން ހިދުމަތް ފަށައިފި އެވެ.

މިއަދު ފަތިހުން ފެށިގެން ބީއެމްއެލްގެ އެޕާއި އިންޓަނެޓް ބޭންކިން އަދި އޭޓީއެމްގެ ހިދުމަތާއި ޕީއޯއެސްގެ ހިދުމަތް މެދުކެނޑި، ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކަސްޓަމަރުން ތިބި ބޭންކުގެ ހިދުމަތްތައް މެދުކެނޑި ނުވަ ވަރަކަށް ގަޑިއިރު ފަހުން މިހާރު ވަނީ ބައެއް ހިދުމަތްތައް ހައްލުކޮށް ހިދުމަތްދޭން ފަށައިފަ އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ބީއެމްއެލް އިން ބުނީ އޭޓީއެމްތަކާއި ޕީއޯއެސްތަކަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު ހިދުމަތް ފަށާފައިވާ ކަމަށެވެ. އެކަމަކު މޯބައިލް އެޕާއި އިންޓަނެޓް ބޭންކިންނަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެ ޕޯސްޓުގައިވެ އެވެ.

އިންޓަނެޓް ބޭންކިން އާއި އޭޓީއެމްތަކުން ފައިސާ ނުނެގި ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބީއެމްއެލްގެ އެޕާއި އިންޓަނެޓް ބޭންކިން ޑައުންވެ އަދި އޭޓީއެމްގެ ހިދުމަތް ހެނދުނުއްސުރެ ނުލިބުމުން އެތައް ބައެއްގެ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓުނެވެ.

މިހާ ގިނައިރަށް ބީއެމްއެލްގެ ހިދުމަތް ކެނޑުނުއިރު މިދިޔަ ބުރާސްފަތި ދުވަހު ވެސް ވަނީ ބައެއް އެކައުންޓުތަކަށް ޖަމާވާން ނުޖެހޭ ވަރަަށް ޑޮލަރު ޖަމާކުރެވިގެން އެޕް ޑައުންކޮށްފަ އެވެ.