07 އޯގަސްޓް 2024 - 15:15

ބޭސްފަރުވާއަށް މާލެ އައި އުމުރުން ދުވަސްވީ މީހަކު ކުއްޔަށް އުޅުނު ކޮޓަރިއަށް ވަދެ، ފޯނާއި ފައިސާ ފޭރިގަތް މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި 62 އަހަރުގެ ފިރިހެނަކު ހުރި ކޮޓަރިއަށް ދެ މީހަކު ވަދެ، ވަޅިން ބިރުދައްކައި އެ މީހާގެ ފޯނާއި ފައިސާ ފޭރުނު މައްސަލައެއް އިއްޔެ ހުށަހެޅި ކަމަށެވެ.
އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރިއަސް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މާލޭގެ ގެއަކަށް ވަދެ، ގިނަ އަދަދެއްގެ ފައިސާ ފޭރުނު ފިރިހެނަކު ވެސް ފުލުހުން ވަނީ ރޭ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އަބްދުﷲ ތިލްމީޒް ނަމަކަށް ކިޔާ 32 އަހަރުގެ އެ ފިރިހެން މީހާ އަތުލައިގަނެ، ފޭރުނު 26،960ރ. ހޯދައި ވެރިފަރާތާ ވަނީ ހަވާލުކޮށްފަ އެވެ.