07 އޯގަސްޓް 2024 - 13:46

މިއަދާއި މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
އެ އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހާއްސަކޮށް މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
"މާދަމާ މެންދުރު ވިއްސާރަ އަލިކޮށްލާނެ ކަމަށް ބެލެވެނީ،" އެ އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ދެންމެ ވަނީ މިރޭ 7:00 އާ ހަމައަށް، ޅ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
މެދުރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މާލޭއި 18 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ.
މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ. ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އެވެ.
މޫސުން ލަފާކުރާ ބައެއް އެޕްތަކުން ދައްކާ ގޮތުގައި، މިއަދު ހަވީރާއި މިރެ އާއި މިރޭ ފަތިހު ވެސް މާލެ ސަރަހައްދަށް ވަރަށް ވިއްސާރަ ކުރާނެ އެވެ.