07 އޯގަސްޓް 2024 - 11:35

ގާނޫނުއަސާސީން ލިބިފައިވާ ހައްގުތައް ކަށަވަރު ކޮށްދީ ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އޮގަސްޓު 7، 2008 ގައި ފެހި ގާނޫނުއަސާސީ ތަސްދީގު ކުރެއްވިތާ މިއަދު 16 އަހަރު ފުރުމާ ގުޅިގެންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަބްދުއްރަހީމް ވިދާޅުވީ ގާނޫނުއަސާސީން ލިބިފައިވާ ހައްގުތައް ކަށަވަރު ކޮށްދިނުމާއި މުއައްސަސާތައް ޖަވާބުދާރީ ކުރުވަން މަޖިލީހަށް މަތިކޮށްފައިވާ ޒިންމާ މި މަޖިލީހުން ފުރިހަމަ އަށް އަދާ ކުރާނެ ކަމަށެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރި ހާއްސަ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ. އަދި ހާއްސަ މަޖިލީހުގެ މެންބަރުންގެ ތެރޭގައި މިހާރު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަބްދުއްރަހީމް ވަނީ އެ މަސައްކަތާ ގުޅިގެން ގާސިމް އިބްރާހިމް އާއި ހާއްސަ މަޖިލީހުގެ އެހެން މެންބަރުންނަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީ ވުޖޫދަށް އައީ 2004 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއުލާން ކުރެއްވި އިސްލާހު އެޖެންޑާގެ ދަށުންނެވެ. އެ އެޖެންޑާގެ ދަށުން ގާނޫނު އަސާސީ ބަދަލުކޮށް، ދައުލަތުގެ ތިން ބާރު ވަކިކޮށް، އަދި އިސްލާހީ ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ.