06 އޯގަސްޓް 2024 - 23:40

މާލޭގައި އެެޕާޓްމެންޓަކަށް ވަދެ 26،000 އަަށްވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އަބްދުﷲ ތިލްމީޒް، 32، މ. ދިންމަނަގެ އެވެ.
ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް ވަނަވަރުވެސް އާއްމުކޮށްފަ އެވެ. ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި މާލޭގެ އެޕާޓްމެންޓަކަށް ވަދެ އޭނާ ފޭރުނު 26،690ރ. ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
ތިލްމީޒަކީ 2012ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ވެސްޓް ޕާކް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މ. ފެއަރީކޯނާ އަލީ ޝިފާން (ތޮޅިޕެލޭ) މަރާލި މައްސަލާގައި ދައުވާކުރި އެކަކެވެ.
ޝިފާނަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ހަ މީހަކަށް ދައުވާ ކުރިއިރު، އެ ހަ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2013ވަނަ އަހަރު އެވެ.
އޭގެ ތެރެއިން ތިން މީހެއްގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރިއިރު އޭގެ ތެރޭގައި ތިލްމީޒުގެ މައްސަލަ ހިމެނެ އެވެ. ނަމަވެސް އޭނާ ވަނީ ހައިކޯޓުން ވެސް ސަލާމަތް ވެފަ އެވެ.