07 އޯގަސްޓް 2024 - 06:46

ބަންގްލާދޭޝްގެ ދަރިވަރުން ފެށި މުޒާހަރާތައް ވަރުގަދަވެ ބޮޑުވަޒީރު ޝައިޚް ހަސީން ފިއްލެވުމުމުގެ ސަބަބުން އެކުލަވާލާ ވަގުތީ ސަރުކާރު، ނޮބެލްގެ އިނާމު ހާސިލްކުރައްވާފައިވާ މުހައްމަދު ޔޫނުސްއާ ހަވާލުކުރަން ނިންމައި އެވެ،
ބަންގްލާދޭޝްގައި 2009 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ހަސީނާ އިސްތިއުފާ ދެއްވައި ގައުމު ދޫކޮށް ވަޑައިގެންފައިވާ ކަމަށް ހޯމަ ދުވަހު އަސްކަރިއްޔާއިން އިއުލާނުކުރި އިރު، ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އިއުލާނުކުރި އެވެ.
ސިފައިންގެ ވެރިޔާ ޖެނެރަލް ވާކިރުއްޒަމާން ވަނީ ހަމަނުޖެހުންތައް ހުއްޓާލައި، ވަގުތީ ސަރުކާރަށް ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ރައީސް ވަނީ ދަރިވަރުންގެ ޑިމާންޑާ އެއްގޮތަށް، ގާނޫނު ހަދާ މަޖިލިސް ވެސް އިއްޔެ އުވާލައްވައިފަ އެވެ.
ފަގީރުންނަށް ކުދި ލޯނުތައް ދީގެން އެތައް ބައެއްގެ ދިރިއުޅުން ބަދަލުކޮށްދިން އުމުރުން 84 އަހަރުގެ ޔޫނުސްއާ ވަގުތީ ސަރުކާރު ހަވާލުކުރުމުގެ ޑިމާންޑާ ގުޅޭ ގޮތުން ސިފައިންގެ ވެރިޔާ ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ފަހު އެގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ޑިމާންޑަށް ޔޫނުސް ވެސް ވަނީ ރުހުން ދެއްވައިފަ އެވެ.
އިންޑިއާގެ "ދަ ޕްރިންޓް" ނޫޙަށް ދެއްވި އިންޓަވިއުއެއްގައި، ހަސީނާގެ ވެރިކަން ނިމުމުން ރައްޔިތުންނަށް މިނިވަންކަމުގެ އިހްސާސްކުރެވޭ ކަމަށް ޔޫނުސް ވިދާޅުވެފައިވެ އެވެ.
ވެރިކަމުން ވެއްޓުނު ހަސީނާ، ޔޫނުސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިދިޔަ ޖެނުއަރީ މަހު ޔޫނުސްގެ މައްޗަށް ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފްވި ކަމަށް ބުނެ ހަ މަސް ދުވަހަށް ޖަލަށްލުމާ އެކު 5،000 ޓާކާއިން ޖޫރިމަނާކުރުމަށް ވެސް ހުކުމްކޮށްފަ އެވެ.