ފަންނު
ފަންނު

(އާދީއްތަ ދުވަހާ ގުޅޭ)

ކުއްލިއަކަށް އިވުނީ މީހަކު ތުނބުން ފުމެލި ކަހަލަ ވަރަށް ތޫލި އަޑެކެވެ. ދެނެކާދެނެއް ނެތެވެ. މީހުންތައް އަރައިގަތެވެ. އެ މީހަކާ އެ މީހެކެވެ. އަތުޖެހުނު އެއްޗަކުން އަތުޖެހުނު މީހެއްގެ ގައިގައި ތަޅައިފޮޅައިގަތެވެ. ކަނު އަނދިރީގައި އެ ގަހު ކޭލެއް މި ގަހު ކޭލެއް ވަތްކެއް ނުވެއެވެ. ސިފައިން ސިފައިންނަށް، އާންމުން އާންމުންނަށް ވެސް އަނިޔާ ކުރެވުނެވެ. ހަޅޭކުގެ އަޑުގަދަކަމުން އެކައްޗެއް ވެސް އޮޅުމެއް ނުފިލައެވެ. މީހުންގެ އިތުރަށް އަތޮޅުގެއަށް ވެސް ގެއްލުންވިއެވެ. ދޮރުގެ ބިއްލޫރިތައް ތެޅި، ހިފައިގެން ގުޅޭ ސާމާނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވިއެވެ. ހިރަފުސްގަނޑު އޮބުނު އިރު ފަންސަވީސް ސިފައިން ތިބީ ބަނދެފައެވެ. ޖަލީލު ހުރީ މާ ދުރުގައެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެއީ އިދިކޮޅުގައި މީހުން މާ ގިނަ ދުވަހެކެވެ.

އަރައިގަތް އިރު ތަޅައިފޮޅި ނަމަވެސް، ރައްޔިތުންގެ ބާރުގެ ދަށަށް ސިފައިން ގެނެވުމުން އެ މީހުންނަކަށް އަނިޔާއެއް ނުކުރެއެވެ. ހިނގީ ބަހުގެ ހަމަލާއެވެ. ކުރީ ފަހަރު ސިފައިންގެ އުންޑައިން އަނިޔާވި މީހުންގެ އާއިލާގެ މީހުން ވެސް އެ ތަނުގައި ތިއްބެވެ. ބަހުގެ ހަމަލާތައް ވަރުގަދަވީ އެހެންވެއެވެ. އެންމެ ބޮޑު ނަސީބަކަށްވީ ސިފައިންގެ އަތުގައި ހަތިޔާރު ނެތްކަމެވެ. ހުރި ނަމަ ތާރީހުގައި އެ ދުވަސް ލިޔެވުނީހީ ރަތުންނެވެ.

އިރުއަރައި މީހުން ހޭލަމޭލަވީ އިރު، ދިވެހި ސަރުކާރުގެ ފަރާތަށް ލެނބުނު އެންމެންގެ ތާއީދު އަލުން އައްޑުއަތޮޅަށް ނުވަތަ ސުވާދީބަށް އެނބުރިއްޖެއެވެ. ރުހުމުގައި ނޫނީ ގަދަކަމުން ވިޔަސް ވެހެވެ. އެ ނޫން ގޮތެއް ނެތީއެވެ. ދިވެހި ސަރުކާރަށް، ފާޅުގައި ތާއީދުކޮށްފި ނަމަ އެ މީހަކަށް ހިމާޔަތްދޭނެ މީހަކު ރަށަކު ނެތެވެ.

ހައްޔަރުގައި ތިބި ސިފައިންނަށް ކަންތައްކުރީ ރަނގަޅަށެވެ. ކާނާއި ފެން ދިނެވެ. ފަހުން ދިޔަ ބަޔަކު ގޮސް ސިފައިން މޮހައިލައިފައި، ތަނެއްގައި ބަންދުކުރިއެވެ. ގަދަނަހަދައި، ކިޔަމަންވެގެން ތިބެއްޖެ ނަމަ، ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދިނެވެ. ރަށަށް ކުޑަ ވަރެއްގެ އީދެއް އައި ކަހަލައެވެ. ފެއްސާ، ރަތާ، ހުދުގެ ބަދަލުގައި ނުލާ، ފެއްސާ، ރަތުގެ ސުވާދީބު ޖުމުހޫރިއްޔާގެ ދިދަ ރަށުގައި ވިހުރުވައިލިއެވެ. އެއީ އުފާވެރި ދުވަހެކެވެ. ދިދައިގެ ކަނުން ކަނަށް ތިން ތަރި ހުރެއެވެ. މެދު ތަރީގައި ހަނދުފަޅިއެއް އޮވެއެވެ. ފުވައްމުލަކުގައި އޮތީ އޭގެ އެންމެ ދިދައެކެވެ.

އާ ޖުމުހޫރިއްޔާގެ ވެރިޔަކީ، ފާތުމައިދީގެ އަހަންމައިދީއެވެ. އޭނައަކީ ކަމަށް އެންމެ އެކަށޭނަ، އެންމެ މޮޅު މީހާއެވެ. އަހަންމައިދީއަށް އިތުބާރު ކުރެއްވޭ ބަޔަކު އެއްކޮށް، މަޖިލީހެއް އެކުލަވައިލެއްވިއެވެ. ދިވެހި ސަރުކާރަކާ އެ މަޖިލީހަކާ އެއްވެސް ގުޅުމެއް ނެތެވެ. ކަންކަމަށް މީހުން އެކަށައެޅީ ވެސް، ދިވެހި ސަރުކާރަށް ޔަގީނުން ވެސް ތާއިދު ނުކުރާނެ މީހުން ބަލައިގެންނެވެ. ފުރަތަމަ ބައްދަލުވުމުގެ ރިޔާސަތުގައި އަހަންމައިދި އިށީންނަވައި، ވަށައިގެން ނަޒަރު ހިންގައިލެއްވިއެވެ. އެ ތަނުގައި ތިބީ އަހަންމައިދީއަށާއި ސުވާދީބު ޖުމުހޫރިއްޔާއަށް ވަފާތެރި މީހުންނެވެ. ތަނުގައި ތިބި އެންމެން ވެސް ހީކުރީ އެހެންނެވެ. މުނާސަބަތާ މުނާސަބު ވާހަކަކޮޅެއް ދައްކަވައިލެއްވުމަށް ފަހު އަހަންމައިދީގެ އެންމެ އިސް ވާޖިބު އަދާކުރެއްވިއެވެ.

"އަޅުގަނޑު ވެރިޔަކަށް ހުއްޓަސް، ރަށުގެ ރައްޔިތުން ބުނާ ގޮތަކަށް އަޅުގަނޑު ކަންތައް ކުރާނީ،" އަހަންމައިދީ ވިދާޅުވިއެވެ. "އަޅުގަނޑަށް ފެންނަ ގޮތަކީ، ރައްޔިތުންގެ މެދުގައި ވޯޓެއް ލައިގެން، ކޮންމެ އަވަށަކުން ފަސް މެންބަރުން ހޮވުން."

ފުވައްމުލަކުގައި އަށް އަވަށް އޮވެއެވެ. ކޮންމެ އަވަށެއްގައި މީހުން އެއްކުރަން ވަކި ޖާގައެއް ހަމަޖައްސައި، އެ ތަނަށް މީހުން އެއްކުރިއެވެ. ފަސް މެންބަރުން ހޮވުމަށް ޓަކައެވެ. ޔޫސުފު ޖަލީލުގެ އުމުރުން އޭރު ސައްބީސް އަހަރެވެ. އަވަށުގެ އެންމެ ކުރިޔަށް އޭރު ހުރި މީހަކީ، ޖަލީލުގެ މަންމަ ފަރާތުގެ ބޮޑުބޭބެ ކަމުގައިވާ މޫސާ ފަހުމީއެވެ. ދެވަނަ މީހަކަށް ހުރީ މުހަންމަދު މަނިކެވެ. އެ ދެ މީހުންނަކީ ބަގާވާތާ އެއްކޮޅު މީހުނެއް ނޫނެވެ. އެއްވެސް އިރަކު އެމީހުން ބަގާވާތަކަށް ތާއީދެއް ނުކުރެއެވެ. ތާއީދުކުރީ ދިވެހި ސަރުކާރަށެވެ. އަވަށުން ފަސް މީހުންގެ މަޖިލީހަށް މީހުން ހޮވި އިރު، އެ ކަމުގައި އިސްކޮށްތިބީ ފަހުމީ އާއި މަނިކެވެ. ފަހަރެއްގައި ވެސް ބަގާވާތް ނާކާމިޔާބުވެ، މާލެއިން ސިފައިން އައިސް ރަށަށް އަރައިފިއްޔާ، އަވަށުން ފުރަތަމަ ހައްޔަރު ކުރާނީ އެ މަޖިލީސްގެ މެންބަރުންކަން އެންމެނަށް ވެސް އެނގެއެވެ. މެންބަރުން ސާބިތުވެ ތިބީ، ކަމުގެ ނުރައްކާތެރިކަން އެނގި ހުރެއެވެ. މިނިވަންކަމަކީ، ތަބަކެއްގައި ހިލޭ ލިބޭ އެއްޗެއް ނޫންކަން ހުރިހައި މެންބަރުންނަށް ވެސް އެނގެއެވެ. ނޭނގެނީ މެންބަރުންގެ ހިތެވެ. ހިތުގައި ފޮރުވިފައިވާ ހަގީގަތެވެ.

މަޖިލީހަށް ހޮވި ފަސް މެންބަރުންގެ ތެރޭގައި ޔޫސުފު ޖަލީލު ހިމެނުނެވެ. އޭނައަކީ، އެ ކަމުގައި އެހައި ތަނަށް، ރަސްމީ ސިފައެއްގައި އެއްވެސް ދައުރެއް އަދާކުރި މީހެއް ނޫނެވެ. އެހެންވިޔަސް، މަޖިލީހުގައި ހުންނަން ޖަލީލު ނިންމިއެވެ. ވާނުވާ ބެލުމަށާއި، ބަސްވިކޭ މަގާމެއްގައި ހުރުމަށް ޓަކައެވެ. ދިވެހި ސަރުކާރަށް ހިޔާނާތްތެރިހެން ބަޔަކަށް ހީވިޔަސް، އަމިއްލަ ނަފުސަށް ވަފާތެރިވެވޭނެ ހަމަ އެކަނި ގޮތެއް ކަމަށް ޖަލީލަށް ވިސްނުނީ އެ ގޮތެވެ.

އެ ދުވަސްވަރު މާލެ ނުދެވޭތީ، ރަށުގައި އެންމެން ވެސް އުޅެމުން އައީ ވަރަށް ދަތިކޮށެވެ. އަމުދުން އައްޑުއަށް ނުދެވޭ ނަމަ، އެ ދަތިކަން އެތައް ގުނައަކަށް ބަދަލުވެއެވެ. ރަށުގައި ހަމަ އެކައްޗެއް ވެސް ނެތީއެވެ. ދިވެހި ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވާން ޖެހުނު އެންމެ ބޮޑު ސަބަބަކީ ވެސް އެއީއެވެ. ކެއުންބުއިމުގެ މައްސަލަ އިންތިހާއަށް ބޮޑެވެ. ކާނެ އެއްޗެއް ނުހުރެއެވެ. މަޖިލީހުގައި ތިބުމުން މެންބަރުންނަށް ކަންކަން ފަސޭހަވިޔަސް އެއީ މާ ބޮޑު އިނާޔަތަކަށް ނުވެއެވެ.

މަޖިލީސް ހަދައި، ވެރިން އަންގާ ގޮތަކަށް ކަންތައްތައް ރޭވި ހިނގަމުން ދިޔައެވެ. ކިރިޔާ ވެސް ދިވެހި ސަރުކާރަށް ތާއިދުކުރާ މީހަކު ވިއްޔާ ހައްޔަރުކޮށް، ތަހުގީގުތައް ހިންގިއެވެ. އެންމެ އިސްކަމެއް ދެވުނު އެއް ކަމަކީ އެއީއެވެ. ރަށުގައި އެންމެ ނަން ހިނގާ އެކަކު ކަމުގައިވާ މުހަންމަދު ސައީދު ވެސް ހައްޔަރުކޮށް، އަނދަގޮޑި ޖެހިއެވެ. އެ ދުވަހަކީ ޖަލީލުގެ މުޅި ހަޔާތުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކުރިމަތިވި ދުވަހެވެ. ސަރުކާރަށް ތާއީދުކުރާ މީހުން ދަނެގަތުމަށް ޓަކައި ސައީދުއާ ސުވާލުކުރަން އައި ޓީމުގައި ވެސް ޖަލީލު ހިމެނުނެވެ. އެ ދުވަހަކީ ހޫނު ވަރަށް ގަދަ ދުވަހެކެވެ. ގަސްދަށުގައި ބަހައްޓާފައިހުރި މޭޒު ކައިރީގައި، ޖަލީލުއާ އެކުގައި ދެ މީހަކު ތިއްބެވެ. ސައީދު ގެނައީ، ދެ އަތް ފުރަގަހަށް ބަނދެގެންނެވެ. އެ ފަދަ ހާލެއްގައި ސައީދު ހުއްޓާ ދުވަހަކު ވެސް ނުދެކޭ ޖަލީލަށް އެ މަންޒަރު ބަލަން އުނދަގޫވިއެވެ. ސައީދަށް ނުބެލުމަށް ޓަކައި، ފެންބޯ ކަމަށް ހަދައި، މޭޒުމަތީގައި ހުރި ތަށްޓަށް ފެންފޮދެއް އަޅައި ބޯކަމަށް ހެދުނެވެ. އެކަމަކު ވައްކަޅި އަމާޒު ކުރެވިފައި ހުރީ، ދާހިތްލައި ފޯވެފައިވާ ސައީދަށެވެ.

"މޮހާލާފަ ގެނެސް ގޮނޑީގަ ބައިންދާ!" ކުޑަ ވެސް އަސަރެއް ނުކުރާހެން ދޭހަވާ ރާގެއްގައި ޖަލީލު ބުންޏެވެ.
"އުހުނ! މޮހާނެކަމެއް ނެތް،" ޖަލީލު ކައިރީގައި އިން ޖައުފަރު ބުންޏެވެ. "ގޮނޑިއެއް ވެސް ދޭނެ ކަމެއް ނެތް. މި ތާ ކޮޅަށް ބަހައްޓާ!"

ގަދަކަމުން ސައީދު ގެންނަން އުޅުމުން ސައީދު ފޮޅުވައިލިއެވެ. އަމިއްލައަށް ހިނގާފައި އައިސް މޭޒު ކައިރީގައި ހުއްޓުނެވެ. ސައީދަކީ ކިހައި ހިތްވަރުގަދަ، ކެރޭ މީހެއްކަން ޖަލީލަށް އެނގެއެވެ.

"ދިވެހި ސަރުކާރަށް ތާއީދުކުރާ މީހުންގެ ނަން ބުނޭ!" ޖައުފަރާ ޖެހިގެން އިން ހާދީ އަމުރުކުރިއެވެ. ޖަލީލު ބަލައިލީ ސައީދުގެ ލޮލަށެވެ. ޖަލީލުގެ ހުރިހައި ސިއްރެއް ސައީދަށް އެނގެއެވެ.

"ބުނެގެން ކަލޭ ކީއްކުރާނީ؟" ސައީދު ސުވާލުކުރިއެވެ. "ގަންހިންގަން ކެރޭނެ؟ ހަވަރަށް ދޭން ކެރޭނެ؟ ކޮށާފަ ކާޅަށް ދޭން ކެރޭނެ؟ މި ތަނުން ދިޔުމުގެ ކުރިން އަހަރެން ނަން ބުނާނަން. ބުނީމަ އޭނައަށް ވާނެ ގޮތް ކަލޭ ބުނެބަލަ! ކަނޑުފައްތަން ކެރޭނެ؟"

"ތި ހީކުރީ ނުކެރޭނެކަމަށް؟" ޖައުފަރު އެހިއެވެ. "ފައިގަ މިޔޮއް ގާ ޖަހާފަ ފައްތާނީ. ބުނެބަލަ!"
"ބުނަންވީ؟" ސައީދު ފުރަތަމަ އެހީ އެހެންނެވެ. "ތައްޔާރުވޭ! މި ބުނަނީ ނަން. އަޙްމަދު ސައީދު."

ޖަލީލުގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސައިލި ހެންނެވެ. ސައީދު ބުނީ އަމިއްލަ ނަމެވެ. ޖަލީލު ހިމާޔަތް ކޮށްދިނެވެ.

"އަހަރެންގެ މަސްގަނޑު ފެއްތޭނީ،" ސައީދު ބިރެއް ނެތި ބުނެލިއެވެ. "ފުރާނަ ދާނީ ޝަހީދުންގެ ބަގީޗާއަށް. މި ހަށިގަނޑުގަ ހުންނާނީ ދިވެހި ލޭ! ކަލޯމެން އިނގެރޭސީންނަށް ވިކުނަސް އަހަންނެއް ނުވިކޭނެ."

އެއްވެސް މީހެއްގެ ނަމެއް ސައީދު ނުބުންޏެވެ. އަލުން އޭނަ ގެންގޮސް އަނދަގޮނޑި ޖެހީއެވެ. އަނދަގޮނޑިއަކީ ވޭން ހުރި އެއްޗެކެވެ. އެކަމަކު ސައީދު ކޫސް ވެސް ކިޔައި ނުލައެވެ. ހަމަޖެހިލައިގެން އޮތީއެވެ. ނިދި ގެއްލުނީ ޖަލީލުގެއެވެ. ސައީދު އޮތް ހާލު ލޮލަށް ސިފަވާ ވަރުން ޖަލީލަކަށް ހަމަ ނިންޖެއް ނުލިބެއެވެ. އެހެނަސް ކެތްކުރީއެވެ. ދަނޑިވަޅަކަށް އިންތިޒާރު ކުރީއެވެ. ލަސްތަކެއް ނުވެ އެ ދަނޑިވަޅު ލިބުނެވެ.

ފުވައްމުލަކުގެ ވެރިޔަކަށް ހަމަޖެއްސި އަހަންމައިދީ ބޭސްފަރުވާއަކަށް އައްޑުއަށް ވަޑައިގަންނަވަން ޖެހުނެވެ. ވަގުތީ ގޮތުން، ކޮންމެވެސް މީހަކު ރަށް ހިންގަން ހަވާލުވާން ޖެހުނެވެ. އެންމެން އިތުބާރު ކުރެވޭ ދެ ވަނަ މީހަކު ނެތެވެ. ވުމާއެކު، އަވަށުވެރީންގެ ހާއްސަ ޖަލްސާއެއް ބޭއްވިއެވެ. އެޖެންޑާގައި އޮތީ އެންމެ ކަމެކެވެ. ވަގުތީ ވެރިޔަކު ހޮވުމެވެ. ބައްދަލުވުން ނިމެން ކައިރިވީ އިރު ވެސް އެ ކަމެއް ނުވިއެވެ. އެންމެ ފަހުން އަހަންމައިދީ ގޮތެއް ނިންމެވިއެވެ.

"ބޮޑު ކޮމެޓީގެ ތެރެއިން ފަސް މެންބަރަކު އަތޮޅުގެއާ ހަވާލުވޭ!" އަހަންމައިދީ އެދިވަޑައިގަތެވެ. "އަޅުގަނޑު އެނބުރި ރަށަށް އަންނަން މަސް ދުވަސް ނަގައިފާނެ. އެ މުއްދަތުގަ ރަށުގެ ކަންކަން ހިންގާނީ އެ ފަސް މެންބަރުން."

ހަމަޖެހުނީ އެ ގޮތަށެވެ. ކަން ދިމާކުރި ގޮތުން، އެ ފަސް މެންބަރުންގެ ތެރެއިން ވެސް އެކަކަށް ޔޫސުފު ޖަލީލު ހޮވުނެވެ. އޭނަގެ ތެދުވެރިކަމާއި، ހިތްވަރާއި، ހިންގުންތެރިކަމަށް ޓަކައެވެ.

"ފަސް މެންބަރުންގެ ތެރެއިން އެކަކު އަތުގަ އޮފީހުގެ ތަޅުދަނޑި އޮންނަން ވާނީ،" އަހަންމައިދީ ވިދާޅުވިއެވެ. "އެ މީހަކު ހޮވާނީ ސީދާ އަޅުގަނޑު."

އަހަންމައިދީ ވަރަށް ރަނގަޅަށް މުޅި ތަނަށް ނަޒަރު ހިންގަވައިލެއްވިއެވެ. ކޮންމެ މީހަކު ވެސް އެ މަގާމު ބޭނުމެވެ. ވެރިމީހާއަށް ލިބޭ ހުރިހައި އިހުތިޔާރަކާއި، ނުފޫޒަކާއި، އިމުތިޔާޒެއް އެ މީހަކަށް ލިބޭނެތީއެވެ. ވެރިޔާއޭ ސީދާ ނުބުންޏަސް، އެމީހަކު ވާނީ ވެރިޔާއަށެވެ. އަހަންމައިދީ ކަޅި ހިންގަވަމުން ޖަލީލަށް ސީދާކުރެއްވުމަށް ފަހު، ކަސިޔާރު ކޮށްލެއްވި ތަން ޖަލީލަށް ފެނުނެވެ. (ނުނިމޭ)