ހައުސް މިއުޒިކުން ކެކިއަރުވަމުން ދިޔަ މާފުށީގެ ވައިޓް ބީޗު ވޯޓާ ސްޕޯޓްސްގެ ހަޓާ އަރައި ހަމަވަމުން ދިޔައިރު އެކި އުމުރުފުރައިގެ މީހުންތައް އެ ތަނަށް މަޑުކޮށް ކޮންމެވެސް މީހަކާ އެކު ސެލްފީ ނަގައި ޓިކްޓޮކްތައް ރިކޯޑްކޮށް މަޖާކުރަމުން ގެންދަނީ އެވެ. އެންމެންގެ ސަމާލުކަން އަތުލައިގެން މި އުޅެނީ ކާކުކަން އިސާހިތަކު އޮޅުންފިލައި ސާފުވެއްޖެ އެވެ. ހަމަ ރަނގަޅަށް ވެސް 'ސެންސް މޭކު' ވެއްޖެ އެވެ.

ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް
ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް

ނަމަވެސް 'ޗިންޗޮން' ގެ ނަމުން ސޯޝަލް މީޑިއާގައި ވައިރަލްވެ، އެންމެންގެ ސަމާލުކަން ހޯދާފައިވާ އާސިމް ވަހީދުގެ މި އިންޓަވިއު ނެގުމަށް އަހަރެމެންނަށް ޖެހުނީ ކިޔޫއެއްގައި ޖެހިގެން ތިބޭށެވެ. 'ބިލީވް މީ' އެވެ. އޭނާ އަށް ވަގުތުކޮޅެއްވީ ރަތްދަކަ އަވީގައި އަހަރެމެން ތިބޭތާ އެތައް އިރެއް ވީ ފަހުންނެވެ.

ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް
ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް

ފޭނުންނާ އެކުގައި ފޮޓޯ ނަގައި ޓިކްޓޮކް ކުޅެ ފޫހިކޮށްލާފައި އެންމެ ފަހުން އައިސް، ފެންފުޅިއަކުން ކަރު ތެންމާލައިގެން ހަޔާތުގެ 42 އަހަރުވީ ފޮތުގެ މެދުން އޭނާ ފަށައިގަތެވެ.

ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް
ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް

މާފުއްޓަށް ނިސްބަތް ނުވިޔަސް މި ރަށުގެ ހިތްގައިމު މިނިވަން ޖައްވުގައި ރަށްވެހިކަން ކަށަވަރު ކޮށްފައިވާ އާސިމް މި ތަނުގައި ދިރިއުޅޭތާ މިހާރު ހަތަރު އަހަރުވީ އެވެ. ނަމަވެސް ސަމާސާއަކަށް ހަދާލާފައި އޭނާ ބުނީ މާފުށީގައި މިހާރު 14 އަހަރު އުޅެވިއްޖެ ކަމަށެވެ. އެ ބުނި އެއްޗެއްގެ 'ސެންސް މޭކުވާން' އިރުކޮޅެއް ނެގި އެވެ.

ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް
ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް

"އަޅުގަނޑު މިއީ މާފުށީގެ ރައްޔިތެއް ނޫން. އެކަމަކު މީގެ 25 އަހަރު ކުރިން ވެސް އަޅުގަނޑު ވަރަށް ގިނަ ދުވަސް ވަންދެން މާފުށީގައި އުޅުނީމޭ. ނަމަވެސް މިހާރު މި އުޅޭ ލައިފަކީ އަޅުގަނޑު އަބަދުވެސް މާފުށިން ހޯދަން ބޭނުންވެގެން އައި ލައިފް،" ވޯޓާ ސްޕޯޓްސްގެ ތެރޭގައި ފުލްޓައިމްކޮށް އުޅެމުން އަންނަ އާސިމް ބުންޏެވެ.

ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް
ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް

މީގެ 25 އަހަރު ކުރިން އޭނާ މާފުށީގައި ހޭދަކުރީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެ ބަންދުން ދޫވެ، މި ރަށުގެ މިނިވަން ޖައްވުގައި އޭނާ މިއަދު ހޭދަކުރަމުންދާ ހަޔާތަކީ އާސިމް އޭނާގެ ހަޔާތުން ފާހަގަކުރަން ބޭނުންވާ އެންމެ މުހިންމު ބާބެވެ.

ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް
ސެންސް މޭކުކޮށްދިން ވައިރަލް ޝަހުސިއްޔަތުގެ އެއް ހާސް ލައިފް

ބިލީވް މީ، ސެންސް މޭކެވެ. ނޫނެކެވެ. އާސިމް އޭނާގެ މި ވާހަކަ ކިޔައިދޭން ބޭނުންވަނީ އަދި އެހެން ގޮތަކަށެވެ.

"ތިޔަ ކިޔައިދެނީ އަދި މުޅިއަކުން ރަނގަޅަކަށް ނޫން. ލެޓް މީ ސެންސް މޭކް،" މިހެން ބުނެފައި އަޅުގަނޑުގެ ވާހަކަ މެދުކަނޑާލާފައި އާސިމް އޭނާގެ ހަޔާތުން ގަނޑުތައް އުކައިގަތެވެ.

އެތައް މިތަނުންނެވެ. އެކަމަކު އޭނާގެ ހަޔާތުގައި ނެގި ކޮންމެ ރާޅަކީ ވެސް އެތައް 'ސެންސެއް މޭކުކޮށް' އެތައް ފިލާވަޅެއް އޭނާ އަށް ނަގައިދިން ޝައުގުވެރި ދަތުރެވެ. އަދި އޭގެ ކޮންމެ 'ލައިފަކީ' ވެސް އެއް ވަރަކަށް ޝައުގުވެރިކަން ހިފަހައްޓައިދިން ދިރިއުޅުމުގެ އައު ތަޖުރިބާ އެކެވެ. އެއީ ބަނބުކެޔޮ ފިލާގަނޑެއް ހިފައިގެން ރާޅާއަޅަން ދިއުން ކަމުގައި ވިޔަސް ނުވަތަ ވިޔަނުދާ އުޅުމަކާ ގުޅިގެން ހޭދަކުރަން ޖެހުނު ބަންދުގެ ދުވަސްތަކެއް ކަމުގައި ވިޔަސް، އޭގެ ކޮންމެ ތަޖުރިބާއެއް ވެސް އާސިމް މިއަދު ސިފަކުރަނީ ފިލާވަޅެއްގެ ގޮތުގަ އެވެ.

ހ. ފިނިމާގެ އަށް ނިސްބަތްވާ އާސިމްގެ ހިތް އެންމެ ފުރަތަމަ ދޫވީ އޭނާ އުޅެ ބޮޑުވި ހިސާބުގައި އޮތް ވަރުނުލާ ރާޅުގަނޑަށެވެ. އޭނާގެ ނަފުސުގައިވީ ހިމޭންކަމާއި އޮމާންކަން އަދި ސަކަމިޒާޖާއި ހަލަބޮލިކަން ވެސް އޭނާ މިލްކުކުރީ އެ ވަޔާއި ލޮނުގައިވީ އެކުވެރިކަމުގެ ތެރެއިންނެވެ.

"އޭރުގައި މޫދަށް އެރޭ މީހުންނަކީ، ރާޅަށް ދާ މީހުންނަކީ ސްކޫލަކަށް ދާ ހިތްވި ބައެއް ނޫން. ސޯ ވީ އާ ދަ ވަކަރުގޭ ޕީޕަލް. ދެން ފޮތާ، މުދައްރިސުންނާ ނުލައި މިއީ އަޅުގަނޑުމެންނަށް ލިބުނު ދިރިއުޅުމަކީ،" އާސިމް ކިޔައިދެމުން ގެންދިޔައީ އޭނާގެ ޓިކްޓޮކް ޕާސަނާލިޓީގެ ހުރިހާ މަހުރަޖެއް ހަމަކުރަމުންނެވެ.

"އިވޭ އަޑުން، ފެންނަ ކަންކަމުން ހުރިހާ އެއްޗެއް، ހުރިހާ ކަމެއް ދަސްކުރަނީ. އެކަމަކު މި ލައިފަކީ އަބަދުވެސް އަޅުގަނޑުގެ ޑްރީމްއެއް. އެންމެ ކުޑައިރުވެސް. ރާޅަށް އޮތް ލޯބި އަޅުގަނޑު މި ހިސާބަށް ގެނައީ."

އެކަމަކު ރާޅަށް ނުދާއިރު ވެސް އޭނާ އުޅުނީ އަބަދުވެސް ކޮންމެވެސް ކަމެއް ނުވަތަ މަސައްކަތެއްގައި އަވަދިނެތި އެވެ. އަނގަތެޅުމަކާއި ސަމާސާކުރުމަކުން އެހެން މީހުން ހެއްވުމުގަ އެވެ. އަބަދުވެސް، ކޮންމެވެސް އައު ފިލާވަޅެއް ދަސްކުރުމުގަ އެވެ.

އެގޮތުން އާސިމް އެންމެ ބޮޑަށް، އެންމެ ގިނަ ފަހަރަށް ވެސް ތަކުރާރުކޮށް ފާހަގަކުރީ އޭނާގެ ބައްޕަގެ ނަމެވެ. ބައްޕަ ދިން ނަސޭހަތާއި ބައްޕަ ދަސްކޮށްދިން ކަންކަމާއި އަބަދުވެސް ނަގައިދިން ފިލާވަޅުތަކެވެ.

އޭނާގެ ބައްޕަ އަކީ މުޅި މާލޭ އެންމެން ދަންނަ މަޝްހޫރު ޝަހުސިއްޔަތެއް ކަމުގައިވާ މުހައްމަދު ވަހީދު އެވެ. 'ކުރަހާ ވަހީދު' ގެ ނަމުން މުޅި މާލެ އަށް މަޝްހޫރުވެފައިވާ، އާޓް އަދި ކްރާފްޓްގެ ކުޅަދާނަ ތަޖުރިބާކާރެކެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅަދާނަ އެހެން އާޓިސްޓުން އުފެދިފައި ތިބިއިރު އާސިމްގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ވެސް އޭނާގެ ބައްޕަ 'ކުރަހާ ވަހީދު' އެވެ.

މިއަދު ކޮންމެ ދުވަހަކު، ވޯޓާ ސްޕޯޓްސް ހަޓެއްގައި ކަސްޓަމަރުން ގޮވައިގެން އުޅޭއިރު، ކަސްޓަމަރެއްގެ މުހިންމުކަން ވެސް އެންމެ ފުރަތަމަ އޭނާ އަށް ކިޔައިދިނީ އެ ބައްޕަ ކަމަށް އާސިމް ބުންޏެވެ.

"އެއީ އަޅުގަނޑު ބައްޕަ އޭރު ހިންގި ކާޓެއިން ޝޮޕެއްގައި މަސައްކަތްކުރި ދުވަސްކޮޅެއް. ބައްޕައާ އެކު ފިހާރައިގެ ތެރޭގައި ހުއްޓައި އެއް ދުވަހަކު ކަސްޓަމަރަކު އަންނަނީ. ދެން އަޅުގަނޑު ހަމަ މި އުޅެނީ ބައްޕައާ އެކު ކަސްޓަމަރު އައީމަ ވެސް. ދެން ބައްޕަ ބުނެފި އަޅުގަނޑާ ދިމާލަށް ދާށޭ ކަސްޓަމަރަށް އެހީވާން. ކަސްޓަމަރަކީ ޕްރިންސެކޭ،" މިހެން ބުނެފައި ސެންސް މޭކުކުރި ވަރެއް ބަލަން އޭނާ އަހަންނާ ދިމާލަށް ބަލައިލި އެވެ.

ދެން 'ސެންސް މޭކުކޮށް' ކިޔައިދޭން ފަށައިގަތެވެ.

"ޕްރިންސެއްގެ ގޮތުގައޭ ކަސްޓަމަރަކަށް އަބަދުވެސް ހިތަން ޖެހޭނީ. އެ ކަސްޓަމަރަށް އަބަދުވެސް އިހުތިރާމާއި އަޅާލުމާއި ލޯބި ދޭން ޖެހޭނެއޭ."

އާސިމް ބުނީ އެއީ އޭނާގެ މަސައްކަތުގެ އަހުލާގު ބަދަލުކޮށްލި ނަސޭހަތެއް ކަމަށެވެ. އަދި ކިތަންމެ ބުރަ ކަމެއް ވެސް ލުއި ފަސޭހަ އުފާވެރި ތަޖުރިބާއަކަށް ހަދައިދިން ނަސޭހަތް ކަމަށެވެ.

"އެއް ދުވަހަކު މީހަކު އައިސް އަޅުގަނޑު ގާތުގައި މި އަހަނީ މަސައްކަތުގައި އުޅޭއިރު ވެސް ހާދަ އުފާވެރިކޮށްނޭ ތިޔަ ހުންނަނީ. އެއްވެސް ވަރުބަލިކަމެއް ނެތި. ކޮބައިހޭ ސިއްރަކީ،" އޭނާ ކިޔައިދިނެވެ.

"އަޅުގަނޑަށް ހުރިހާ އެއްޗެއް ދަސްކޮށްދިނީ ބައްޕަ. މީހުންނާ އެކު އުޅެންވީ ގޮތާއި މީހުންގެ ތެރޭގައި އުޅެންވީ ގޮތާއި މީހުންނާ މުއާމަލާތު ކުރަން ޖެހޭ ގޮތް ވެސް."

އޭގެ ފަހުން އާސިމްގެ ލައިފަކީ އަބަދުވެސް ދަސްކުރުމެކެވެ. އަދި މުޅި މި އިންޓަވިއުގައި ވެސް އޭނާ އެންމެ ކިޔައިދޭ ހިތުން ކިޔައިދިނީ އޭނާ އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްކުރި ގޮތެވެ. އެ ސުވާލުނުކޮށް އިންޓަވިއު ނިމެން އުޅޭހެން ހީވެގެން އެ ވާހަކަ އެންމެފަހުން ފަށައިގަތީ ވެސް އާސިމެވެ.

"ވައި ޔޫ ނޮޓް އާސްކިން ވެއާ ޔޫ ލާންޑް އިންގްލިޝް. އެއީ އަދި ވަރަށް ބޮޑު ސްޓޯރީއެއް،" ސުވާލަކާ އެކު އާސިމް ބުންޏެވެ.

ދެން ފަށައިގަތެވެ. އެއީ 90ގެ ފަހުކޮޅު ސަފާރީއެއްގައި އޭނާ ތަށިދޮވެ ސާފުކުރަން އުޅުނު ހަނދާނެކެވެ.

"އަޅުގަނޑު ސަފާރީއެއްގައި ޕެލެޓްގަނޑު ސާފުކުރަން އޮއްވައި އިވެން ފެށީ މީހުން އިނގިރޭސިން ވާހަކަ ދައްކާ އަޑު ފުރަތަމަ. އެ ދުވަހު ކަންފަތަށް ނަގައިގަތް ގޮތަށް މިއަދު އެ އިންގްލިޝް މި ވަނި ޗިން ލެންގުއޭޖައަކަށް ބަދަލުވެފައި. އަޅުގަނޑުގެ މި އިންގްލިޝް އަކީ މިހާރު ވަން ޕީސް ލެންގުއޭޖެއް. އިޓްސް މައި ލެންގުއޭޖު"

"ޔާ. ސެންސް މޭކް ރައިޓް."

'ބިލީވް މީ، ސެންސް މޭކް' ގެ ލައިނާއެކު މިއަދު މުޅި ރާއްޖެ އަށް މަޝްހޫރުވެފައި ވިޔަސް ރައްޓެހިން އޭނާ ދަންނަނީ 'ޗިން' ގެ ނަމުގަ އެވެ. އަދި ސޯޝަލް މީޑިއާގައި އޭނާ މަޝްހޫރުކަން ހޯދަމުން ދަނީ 'ޗިންޗޮން' ގެ ހެންޑްލްއެއްގަ އެވެ. އެހެންކަމުން 'ޗިން ލެންގުއޭޖަށް' ފަހު 'ޗިންޗޮން' ގެ ވަނަން އުފެދި ހަރުލި ގޮތް ވެސް އޭނާ ކިޔައިދިނެވެ.

"އެ ވަނަން ހަރުލީ އަޅުގަނޑު ވަރަށް ކުޑައިރު. އޭރު ގޭގައި އުމުރުފުރައިގެ އެހެން ކުދިންނާ އެކު ސަކަރާތް ޖެހުން އޮންނާނީ ފިލްމުތައް ބަލައިގެން ފިލްމުތަކުން ފެންނަ މަންޒަރުތައް ކުޅެގެން. އޭރު އަޅުގަނޑުގެ ފެވަރިޓަކީ އެންމެންގެ ވެސް ފެވަރިޓް ބްރުސް ލީ. އެކަމަކު އެއީ ބްރުސް ލީކަމެއް ނޭނގެއޭ އޭރަކު އަދި،" އާސިމް ކިޔައިދެމުން ދިޔައީ ޗިން ލެންގުއޭޖުގަ އެވެ.

"ދެން އޭނަގެ ފިލްމުތައް ބަލާފައި އޭނަގެ އެކްޝަން ސީންތަކުގައި އަޑު ލައްވާހެން އަޑު ލައްވަން ފެށީ. އެގޮތަށް އަޑު ލައްވަމުން އެކްޝަން ސީންތައް ޖައްސަމުން ގޮސް ޗިންޗޮންގެ ވަނަން ހަރުވެއްޖެ."

ޗިންޗޮންގެ ވަނަން އޭނާ އަށް ދިނީ މަޝްހޫރު ކޮމީޑިއަން ޔޫސޭގެ 'ދިރިއުޅުމަކީ މިއީބާ؟" ގެ އެޕިސޯޑްތަކުން ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދި އެކްޓަރު، މަރްހޫމް އިބްރާހިމްބޭ ކަމަށް އާސިމް ބުންޏެވެ.

'ޗިންޗޮން' ގެ ވާހަކަ އަށް ފަހު އޭނާ ދެން އަޅުވާލީ 'ޗިންޗޮންގެ ލަވަ' އެކެވެ.

"ޗިންޗޮން މޭން. ހީ ކްލީން ކާ. ހީ ކްލީން ކާ ފޯ ދަ ވަން ޑޮލަ ޑޭ. ވިތު އަ ބިގް ހާޓް،" ކުޑަކުދިންގެ އިނގިރޭސި ލަވަ، ދިސް އޯލްޑް މޭންގެ ރާގަށް ކިޔަމުން ދިޔަ ލަވަ އޭނާ ކުއްލިއަކަށް އެ ހިސާބަށް ހުއްޓާލި އެވެ.

ދެން ކިޔައިދިނީ އެ ލަވަ އުފެދިގެން އައި ސަބަބެވެ.

"އަޅުގަނޑު އެންމެ ކުރިން އުޅުނީ ފޮޅައި ސާފުކުރާ މީހަކަށް. ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ކާރު ފޮހެ ދޮވުނު އެކަކު އަޅުގަނޑަކީ. އެ ލައިފު ސިފަކޮށްދޭން އަޅުގަނޑު ހެދި ލަވައެއް އެއީ،" އާސިމް ބުނެލި އެވެ.

"އެގޮތަށް ލަވަކިޔަމުން މަސައްކަތް ކުރަމުން މަޖާކުރަމުން ރައްޓެހިންނާ އެކު އުޅެ ބޮޑުވި މީހެއް އަޅުގަނޑަކީ. ކޮންމެ ދުވަހަކީ ވެސް އައު ދުވަހެއް. ކޮންމެވެސް އައު ކަމެއް ދަސްވާ ދުވަހެއް. އެއީ ދިރިއުޅުމުގެ ތަމްރީނަކީ."

އާސިމްގެ މި ދަތުރުގައި ޔަގީނަށް ވެސް އޭނާ އަށް އެންމެ ބޮޑު ފިލާވަޅެއް ނަގައިދިނީ މާފުށީގެ މި ޖައްވުންނެވެ. މިނިވަން ޖައްވަކުން މާފުށީގެ މި ދަތުރު ނުފެށިޔަސް މި އުފާވެރިކަން ކަށަވަރުކޮށްދިން ހުރިހާ ފާހެއް އޭނާ ހޯދީ ވެސް މާފުށީގެ މި ޖައްވުގަ އެވެ.

"އަޅުގަނޑު ޖަލަށް ވަންއިރު ލިޔަން ކިޔާކަށް ނޭނގޭ. މަށަށް ސުކުން ކުރަން ދަސްކޮށްދިނީ ވެސް ޖަލުން. މިހާރު އަޅުގަނޑުގެ އަތު ލިޔުން ވެސް ވަރަށް ރީތިވާނެ. މޮޅަށް ވަޑާން ކުރަން ދަސްކޮށް ފަހަން ދަސްކޮށް ކަރަންޓް ކޯސް ވެސް ހެދީ ޖަލުގައި. ދިވެހި އިސްލާމުން އޯ ލެވެލް ހެދީ ވެސް ޖަލުން ކިޔަވައިގެން ގޮސް،" އާސިމް ކިޔައިދިނީ ފަހުރުވެރިވެފަ އެވެ.

"ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުމުގެ ވައްތަރުތައް މުހިންމުވާ ވަރު ވެސް އަޅުގަނޑަށް ދަސްވީ ޖަލުން. އެހެންވީމަ އެއީ ކޮލެޖެއް. ކޮލެޖެއްގެ ގޮތުގައި އަޅުގަނޑު ޖަލުގެ އެ ތަޖުރިބާ ސިފަކުރަނީ."
އެއަށް ފަހު އާސިމް ބުނަނީ މިހެންނެވެ.

"ބިލީވް މީ. އައި އޭމް އޯލްވޭސް ވެރީ ހެޕީ. ބަޓް ދެ އާ އިޒް އަ ޕެއިން. ބަޓް އައި ކީޕް ދަ ޕެއިން އޮން ވަން ސައިޑް. އައި ނޯ ހައު ޓު ޕުޓް އަ ޕާޓްޝަން. ސޯ އައި ކީޕް ސްމައިލިން އެވްރިޑޭ."

އަދި ސޯޝަލް މީޑިއާގައި ލިބިގެން އުޅޭ މަޝްހޫރުކަމާއި ކޮންމެ ދުވަހަކު އާންމުންގެ ތެރޭގައި ލިބޭ ސަމާލުކަމަށް އޭނާ ބުނެލީ މިހެންނެވެ.

"އައި އޭމް ނޮޓް ސަޕްރައިޒްޑް އެބައުޓް މީ. އަޅުގަނޑުގެ ރައްޓެހިން ވެސް ހައިރާނެއް ނުވޭ ލައިފުގައި މިއަދު އަޅުގަނޑު އައިސް ހުރި ހިސާބާ މެދަކު."

އެއީ ކީއްވެގެން ހެއްޔެވެ؟

"އެއީ އަޅުގަނޑު މިއީ ކުރަން ހިތުލި ކޮންމެ ކަމެއް އަބަދުވެސް ކުރި މީހަކަށް ވީމަ."

މިހެން ބުނެފައި އޭނާ ޖަހާލީ ކުރު ހިނިގަނޑެކެވެ. އޭނާއާ އެކު ފޮޓޯނަގައި ޓިކްޓޮކް ކުޅެން އައިސް ތިބި އެކި އުމުރުފުރައިގެ މީހުން އޭރު ވައިޓް ބީޗު ވޯޓާ ސްޕޯޓްސްގެ ހިޔަލުގައި މަޑުކޮށްލައިގެން ތިއްބެވެ. އިންޓަވިއު ނިންމާލާފައި ބޮލުގައި އޮތް ތޮފި ހެޔޮވަރުކުރަމުން ގޮސް އާސިމް އަނެއްކާވެސް ބަދަލުވީ 'ޗިންޗޮން' ގެ ކެރެކްޓާއަށެވެ. އަދި އެއީ މި ދުވަސްކޮޅު އޭނާގެ މެއިން ކެރެކްޓާ އެވެ.

ބިލީވް މީ އެވެ. އެ އުފާވެރިކަމުގެ ތެރެއަށް އޭނާ ގެއްލުނީ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ބަންދަކުން ގޮސް މިނިވަން ޖައްވަކަށެވެ.