06 އޯގަސްޓް 2024 - 15:21

ފަލަސްތީނުގެ މައްސަލަ އާއި މެދުއިރުމަތީގެ މަސްރަހު ގޯސް ވަމުންދާ މައްސަލާގައި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ހާއްސަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިޔާއަށް މިރޭ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސައުދީ އަރަބިޔާގެ ޖިއްދާގައި ބާއްވާ އެ ބައްދަލުވުމަކީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފުމާއި އީރާނުގެ މިނިވަންކަމާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ހާރިޖީ ވަޒީރުންގެ ފެންވަރުގައި އޯއައިސީން މާދަމާ ބާއްވާ ހާއްސަ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި، އިޒްރޭލުން މެދުކެނޑުމެއް ނެތި ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު ތަގުރީރު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ވެރިޔާ ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި އަވަހާރަކޮށްލުމުން އިޒްރޭލަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނާއި ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ވަނީ ދީފަ އެވެ.
އެކަމާ ގުޅިގެން މެދު އިރުމަތީގެ މަސްރަހު ހޫނުވެފައިވާއިރު، އެމެރިކާގެ އަސްކަރީ ހަރަކާތްތައް ވެސް މެދު އިރުމަތީގައި ވަނީ ވަރުގަދަކޮށްފަ އެވެ. އަދި އިޒްރޭލުން ވެސް އޮތީ ހަނގުރާމައަށް ތައްޔާރުވެފައި ކަމަށް ވަނީ ބުނެފަ އެވެ.