އުމަރުގެ ރިޔާސީ ކެމްޕޭނަށް ވޮލަންޓިއަރުން ހޯދަނީ
އުމަރުގެ ރިޔާސީ ކެމްޕޭނަށް ވޮލަންޓިއަރުން ހޯދަނީ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކެމްޕޭނަށް ވޮލަންޓިއަރުން ހޯދަން ފަށައިފި އެވެ.

އުމަރުގެ ކެމްޕޭންގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައި މިހާރު އަންނަނީ ލީފްލެޓްތަކެއް ބަހަމުންނެވެ.

އެ ލީފްލެޓުގައިވާ ގޮތުން މުޅި ރާއްޖެ އެދިގޮވަނީ، ތެދުވެރި ވެރިކަމަކަށެވެ. އަދި، ދީނަށް ކަމޭހިތާ އަދުލުވެރި ވެރިއަކަށް ކަމަށާއި މިފަދަ ވެރިއަކު އިންތިހާބު ކުރުމަށް އެންމެން މަސައްކަތް ނުކޮށްފި ނަމަ ގައުމު ދެން ވެސް ދާނީ ކުރިން ދިޔަ މަގުން ކަމަށް އެ ލީފްލެޓުގައިވެ އެވެ.

އުމަރުގެ ކެމްޕޭންގައި ބައިވެރިވާންވީ، އެ ލީފްލެޓުގައިވާ ގޮތުން، ރާއްޖޭގައި ތެދުވެރި ވެރިކަމެއް ގާއިމްކުރުމަށެވެ.

އުމަރު ކުރިން ނިންމެވީ، ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީން ޓިކެޓް ހޯއްދަވައި އިންތިހާބުގައި ވާދަކުރައްވާށެވެ. އެކަމަކު ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކުރިއަށް ދިޔަ ގޮތުން، ރިޔާސީ ޕްރައިމަރީ އިންސާފުވެރި ނުވާނެތީ، އޭނާ މިހާރު ވިސްނުން ގެންގުޅުއްވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން 2013 ގައި، ރައީސް ޔާމީނާ އުމަރު ވާދަކުރެއްވި އެވެ. އެކަމަކު ދެ ވަނަ ބުރުގައި ރައީސް ޔާމީންގެ ކޯލިޝަނުގައި ހިމެނިވަޑައިގަތެވެ. އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ. އޭނާ އިސްތިއުފާ ދެއްވީ، ރައީސް ޔާމީންގެ ބައެއް ނިންމެވުންތަކާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އެކަމަކު އޭރު ވެސް ހޯމް މިނިސްޓަރުގެ ގިނަ މަސްއޫލިއްޔަތުތަކެއް ހުރީ އޭނާގެ އަތުން ނަގައިފަ އެވެ.