ދާލު ޒޯނުގެ ފައިނަލަށް ބަގްލިއޯނީ އާއި ސަންސިޔާމް ވިލުރީފް
ދާލު ޒޯނުގެ ފައިނަލަށް ބަގްލިއޯނީ އާއި ސަންސިޔާމް ވިލުރީފް

ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕުގެ ދ. ޒޯނުގެ ފައިނަލަށް ސަންސިޔާމް ވިލުރީފް ރިސޯޓާއި ބަގްލިއޯނީ މޯލްޑިވްސް ދަތުރު ކޮށްފި އެވެ.

ތިން ރިސޯޓު ވާދަކުރާ މި ޒޯނުގެ ފައިނަލުން ބަގްލިއޯނީ ދަތުރު ކޮށްފައި ވަނީ ލީގު ބުރުގެ ދެ މެޗު ވެސް ކާމިޔާބުކޮށްގެންނެވެ.

ވިލުރީފް ފައިނަލަށް ދިޔައީ އިއްޔެ ކުޅުނު ސެމީ ފައިނަލްގައި ސަންސިޔާމް އިރުވެލި އާ ވާދަކޮށް 2-1 އިން ކުރި ހޯދައިގެންނެވެ. އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިލުރީފްގެ މުހައްމަދު މަމްދޫހު އެވެ.

ސަންސިޔާމް ވިލުރީފާއި ބަގްލިއޯނީ ބައްދަލުކުރާ ފައިނަލް މެޗު މާދަމާ ކުޅޭނެ އެވެ. ފައިނަލުން މޮޅުވާ ޓީމަކަށް މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނެ އެވެ.

ދ. ޒޯނުގެ ޗެމްޕިއަން ޓީމު، އޮކްޓޫބަރު މަހު ކުޅޭ ސެމީގައި ވާދަކުރަން ޖެހޭނީ ސައުތު ކާފްގެ ޗެމްޕިއަން ހާޑްރޮކް މޯލްޑިވްސްއާ ދެކޮޅަށެވެ.

ހަތް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ދ. ޒޯނުގެ ކުޅުމަށް ފަހު ދެން އޮންނާނީ ބ. ޒޯނުގެ ކުޅުމެވެ.