06 އޯގަސްޓް 2024 - 08:00

ސަރުކާރުގެ ވަޒީފާތަކަށް މުވައްޒަފުން ނަގަން ގެންގުޅޭ އުސޫލާ މެދު ހިތްހަމަނުޖެހިގެން މިދިޔަ މަހު ދަރިވަރުން ފެށި މުޒާހަރާތައް އިއްޔެ ނިމުމަކަށް އައީ ބޮޑުވަޒީރު ޝައިހް ހަސީނާ ގައުމު ދޫކޮށް ވަޑައިގަންނަވަން ޖެހޭ ހިސާބަށް ގޮސްގެންނެވެ. ހަސީނާގެ އިސްތިއުފާ އާއި ވަގުތީ ސަރުކާރެއް އެކުލަވާލަން ނިންމި ވާހަކަ އަސްކަރިއްޔާއިން އިއުލާނުކުރި އެވެ.

އުމުރުން 76 އަހަރުގެ ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައި މަސްދުވަހަށްވުރެ ދިގު ދެމިގެންދިޔަ މުޒާހަރާތަކުގައި މަދުވެގެން 300 މީހަކު މަރުވި އެވެ.

މިއީ 170 މިލިއަނުގެ އާބާދީއެއް އޮންނަ ބަންގްލާދޭޝްގައި އޮތް ހަސީނާގެ ސަރުކާރު ނިމުމަކަށް ގެނައި ހަރަކާތުގެ މުހިންމު ފަސް ތާރީހަކާއި ހާލަތު ބަދަލުވަމުން ދިޔަ ގޮތެވެ.

- ސަރުކާރުގެ ވަޒީފާތަކަށް މީހުން ނަގަން ގެންގުޅޭ ކޯޓާ އުސޫލު އިސްލާހުކުރުމަށް ގޮވާލައި ޔުނިވަސިޓީތަކުގެ ދަރިވަރުން މަގުތަކާއި ރެއިލްވޭތައް ބަންދުކޮށްގެ ތިބެ އަޑު އުފުލަން ފެށި.

- ދަރިވަރުން ބުނަމުން ދިޔައީ ވަޒީފާތަކަށް މީހުން ނަގަން ގެންގުޅޭ އުސޫލަކީ ހަސީނާގެ ޕާޓީ، އަވާމީ ލީގަށް ތާއީދުކުރާ މީހުންނަށް ފައިދާ ހޯދައިދޭ ސްކީމެއް ކަމަށް.

- މިދިޔަ ޖެނުއަރީ މަހު، ވާދަވެރި ކެންޑިޑޭޓަކު ނެތި ބޭއްވި އިންތިހާބަށް ފަހު ފަސް ވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ހަސީނާ ވިދާޅުވީ ދަރިވަރުންގެ މުޒާހަރާ އަކީ "ވަގުތު ބޭކާރުކުރުން" ކަމަށް.
- މުޒާހަރާކުރަމުން ދިޔަ މީހުންނާއި ހަސީނާގެ ސަރުކާރަށް ތާއީދުކުރާ މީހުންނާ ދެމެދު ވެރިރަށް ޑާކާގައި ފުރަތަމަ ފަހަރަށް ހަމަނުޖެހުން އުފެދުނު. ލަކުޑިބުރިތަކާއި ގަލުން އެއްބަޔަކު އަނެއް ބަޔަކަށް ދިން ހަމަލާތަކުގައި ހަ މީހަކު މަރުވި.
- މުޅި ގައުމުގެ، ހުރިހާ ސްކޫލަކާއި ޔުނިވަސިޓީތަކެއް ބަންދުކުރުމަށް ހަސީނާގެ ސަރުކާރުން އެންގި.
- ހަމަނުޖެހުންތަކުގައި މަރުވި މީހުންނަށް އިންސާފު ހޯދައިދެއްވާނެ ކަމަށާއި ދަރިވަރުން ސުލްހަވެރިކަމާ އެކު ތިބުމަށް ހަސީނާ އެދިވަޑައިގަތުމުން ދަރިވަރުން އެ ވާހަކަ ގަބޫލެއް ނުކުރި.
- މުޒާހަރާ ވަރުގަދަކޮށް "ޑިކްޓޭޓަރުގެ ވެރިކަން ނިންމަން" ގޮވަން ފަށައި ދައުލަތުގެ ޓީވީ ސްޓޭޝަނާއި ސަރުކާރުގެ އެކި އިމާރާތްތަކުގައި ހުޅުޖެހި.
- ސަރުކާރުން މުޅި ގައުމުން އިންޓަނެޓްގެ ހިދުމަތް ކަނޑާލި.
- މުޅި ގައުމުގައި ކާފިއު ހިންގައި ސިފައިން ނެރެ މަގުމަތައް ބަލަހައްޓަމުން ދަނިކޮށް ވެސް ހަމަނުޖެހުންތައް ހިނގައި 32 މީހަކު މަރުވެ އެތައް ސަތޭކަ މީހަކު ޒަހަމްވި.
- ސިވިލް ސާވިސް ވަޒީފާއަށް މީހުން ނަގަން އަމަލުކުރާ އުސޫލު ގާނޫނާ ހިލާފް ކަމަށް، ހަސީނާ ބޭނުން ގޮތަކަށް ހުކުމްތައް ނެރޭ ކަމުގެ ތުހުމަތު އޮންނަ ސުޕްރީމް ކޯޓުން ހުކުމްކުރި.
- އެކަމަކު އެ އުސޫލުގައި 1971 ވަނަ އަހަރު ޕާކިސްތާނުގެ އަތްދަށުން މިނިވަންވެ ބަންގްލާދޭޝް އުފެއްދުމަށް މަސައްކަތްކުރި މީހުންގެ ދަރިންނަށް ވަކި މިންވަރަކަށް ކޯޓާ ކަނޑައަޅާފައި އޮންނަ އޮތުން އެއްކޮށް ބާތިލް ނުކުރުމުން މުޒާހަރާގެ ބައިވެރިން އެކަން ގަބޫލެއް ނުކުރި.
- މުޒާހަރާކުރާ މީހުން ހަސީނާގެ ރަސްމީ ގެކޮޅު ކައިރިއަށް އެއްވާން ފެށުމާ އެކު ހަސީނާ ފިއްލަވައިގެން ވަޑައިގަތް. އެއާ އެކު އެތައް މިލިއަން ބަޔަކު މަގުތަކަށް ނުކުމެ އުފާ ފާޅުކުރަން ފެށި. ބައެއް މީހުން ސިފައިންގެ ކާރުތަކާއި ޓޭންކްތަކުގެ މަތީގައި ވެސް ގައުމީ ދިދައާ އެކު ނަށައި އުފާ ފާޅުކުރި.
- ހަސީނާ ފިއްލެވީ ކުރީ ދުވަހު މުޒާހަރާގައި، މަދުވެގެން 94 މީހުން މަރުވެ، މުޒާހަރާގައި އެންމެ ލޭ އޮހޮރުވުން ބޮޑުވި ދުވަހަށް ފަހު. ގިނަ މީހުން މަރުވެފައިވަނީ ހަސީނާއަށް ތާއީދުކުރާ މީހުން ކުރިމަތިލައި ދިން ހަމަލާތަކުގައި.
- މި ހިސާބުން، ސިފައިންނާއި ފުލުހުން ވެސް މުޒާހަރާގެ ބައިވެރިން ހުއްޓުވަން ނޫޅެ ދޫކޮށްލައިގެން ތިބެން ފެށި. މިއީ މުޒާހަރާ ފެށިގެން އައި އައިރު ފެނުނު ގޮތާ މުޅިން ތަފާތު ކަމެއް.
- ބަންގްލާދޭޝްގެ ސިފައިންގެ ވެރިޔާ، ޖެނެރަލް ވާކިރުއްޒަމާން ދައުލަތުގެ ޓީވީ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައި ހަސީނާގެ އިސްތިއުފާ އިއުލާނުކުރައްވައި އަސްކަރިއްޔާއިން ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފެށިކަން އިއުލާނުކުރެއްވި.
-- އޭއެފްޕީ --