06 އޯގަސްޓް 2024 - 10:18

މާލޭގެ ވަރުނުލާ ރާޅުގަނޑުގައި މިހާރު ކުރިއަށްދާ ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ގައި އިއްޔެގެ ހީޓްތަކަށް ފަހު ރާއްޖޭގެ ބޮޑީބޯޑަރުންނަށް މުބާރާތް ނިމިއްޖެ އެވެ.

ފިރިހެން އޯޕަން ބައިގައި ރާއްޖޭގެ އެތުލީޓުން ނިންމާލީ ހަތަރު ވަނަ ބުރުންނެވެ. އެ ބުރަށް ދަތުރު ކޮށްފައި ވަނީ އުއްމީދީ ބޮޑީބޯޑަރު އާމިން އުމަރު މޫސާ އެވެ. އޭނާ ހަތަރު ވަނަ ބުރަށް ދިޔައީ، ތިން ވަނަ ބުރުގެ ހީޓުގައި މިދިޔަ އަހަރުގެ ޖޫނިއާ ދުނިޔޭގެ ޗެމްޕިއަން، ޕެރޫގެ މިޝޭލް ޔަންސީއާ ވާދަކޮށް 11.75 ޕޮއިންޓް ސްކޯކޮށްގެން ހީޓް ކާމިޔާބު ކޮށްގެންނެވެ.
ނަމަވެސް ހަތަރު ވަނަ ބުރުގައި ބްރެޒިލްގެ ގެބްރިއެލް ބްރާގާ އާއި އެޑާ ލޫސިއާނޯއާ ވާދަކޮށް 7.7 ޕޮއިންޓް ހޯދައިގެން އޭނާ އަށް ލިބުނީ ހީޓްގެ ތިން ވަނަ އެވެ.
އާމިން ވަނީ ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގައި ކުރީ ދެ އަހަރު ވެސް ކާމިޔާބީ ހޯދައިފަ އެވެ. އެގޮތުން ފުރަތަމަ އަހަރު ފައިނަލްގައި ވާދަ ކުރި އިރު، މިދިޔަ އަހަރު އޭނާއަށް ލިބުނީ ތިން ވަނަ އެވެ. މިދިޔަ އަހަރަކީ އޭނާ ޖޫނިއާ ކެޓެގަރީގައި ވާދަކުރި ފަހު އަހަރެވެ.
މިއަހަރުގެ ޖޫނިއާ ބައިން ވެސް ރާއްޖޭން އެންމެ ދުރަށް ދެވުނީ ހަތަރު ވަނަ ބުރަށެވެ. ހަތަރުވަނަ ބުރުގެ ހީޓުގައި ވާދަކޮށް 7.05 ޕޮއިންޓާ އެކު ރާއްޖޭގެ އިޔާން އަހުމަދަށް ލިބުނީ ހަތަރު ވަނަ އެވެ. މި ހީޓުގައި އިޔާނާ ވާދަކޮށްފައި ވަނީ ސްޕެއިންގެ ހޫގޯ މެޑީނާ އާއި ޗިލީގެ މިކޭލޭ އަރައިގާޑާ އަދި ޕޯޗުގަލްގެ ފެޑެރިކޯ ކަސްޓެލޯ ބްރެންކޯ އެވެ.
ފިރިހެން އޯޕަން އާއި ފިރިހެން ޖޫނިއާ ކެޓެގަރީ އަދި އަންހެން އޯޕަން ހިމަނައިގެން، އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި 14 ގައުމަކުން 86 ބޮޑީބޯޑަރުން ވާދަކުރެ އެވެ.
ރާއްޖޭގެ 15 ބޮޑީބޯޑަރުން ފިރިހެން އޯޕަން ބައިގައި ވާދަ ކޮށްފައި ވާއިރު، އޭގެ ތެރެއިން ފަސް ބޮޑީބޯޑަރުން ޖޫނިއާ ބައިގައި ވާދަ ކޮށްފައިވެ އެވެ.