06 އޯގަސްޓް 2024 - 06:16

ޓެކްސްގެ ފައިސާގެ ގޮތުގައި ފަލަސްތީނު ސަރުކާރަށް ލިބެންޖެހޭ 100 މިލިއަން ޝެކެލް (26 މިލިއަން ޑޮލަރު) ހިފަހައްޓައި އެ ފައިސާ ހޭދަކުރާނީ "ޓެރަރިޒަމްގެ ސަބަބުން" އަނިޔާ ލިބިފައިވާ އިޒްރޭލު މީހުންނަށް އެހީވާން ކަމަށް އިޒްރޭލުން ބުނެފި އެވެ.
ހަރުކަށި ފިކުރުކުގެ ފިނޭންސް މިނިސްޓަރު ބިޒާލިލް ސްމޮޓްރިޗް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފައިސާ ހިފެހެއްޓީ "ޓެރަރިޒަމް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން" ކަމަށެވެ.
އެ ބަޔާނުގައި ސްމޮޓްރިޗާ ހަވާލާދީ ބުނެފައިވަނީ ފަލަސްތީނު ސަރުކާރާ ހަވާލުކުރާ ފައިސާއިން "ޓެރަރިސްޓުންގެ އާއިލާތަކަށް" ހަރަދުކުރާ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގެން ތިބެ ޖަރީމާތައް ހިންގަމުން ދާއިރު، ޓެކްސް އިން ފަލަސްތީނަށް ދޭ ފައިސާ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރުުމުގެ ތެރޭ ޝަހީދުވާ މީހުންނާއި ޖަލަށް ލާފައި ތިބޭ މީހުންގެ އާއިލާތަކަށް ދޭ ކަމަށް ބުނެ އިޒްރޭލުން އަބަދުވެސް ޝަކުވާ ކުރެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއީ މިގޮތަށް ފައިސާ ހިފަހައްޓާ ފަސް ވަނަ ފަހަރު ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލި ފަހުން އިޒްރޭލުން ފަލަސްތީނަށް ދަތިކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އިތުރުކޮށް ވަނީ ހަރުކަށި ވެސް ކޮށްފަ އެވެ.
އެ ހަމަލާއަށް ފަހު ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 39،000 މީހުން ޝަހީދުކޮށްލާފައި ވާއިރު ހަމަލާތައް އަދިވެސް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.