27 ފެބުރުއަރީ 2017 - 07:35

މިލާން (ފެބްރުއަރީ 27) – އިންޓަ މިލާން އަތުން 3-1 އިން މޮޅުވެ އިޓާލިއަން ލީގު ކާމިޔާބުކުރުމުގެ އުއްމީދު އޭއެސް ރޯމާ އިން ދަމަހައްޓައިފި އެވެ.
މި މޮޅާ އެކު ރޯމާ ދެ ވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް ޔުވެންޓަސް ވަނީ 66 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި 54 ޕޮއިންޓާ އެކު އޮތީ މި ހަފުތާގައި އެޓަލާންޓާ އަތުން 2-0 އިން ބަލިވި ނަޕޯލީ އެވެ.
އާ ކޯޗު ސްޓެފާނީ ޕިއޯލީއާ އެކު ރަނގަޅު ފޯމެއްގައި އޮތް އިންޓަ މި މެޗުން ބަލިވުމާ އެކު ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 48 ޕޮއިންޓެވެ. ހަތަރު ވަނައިގައި 51 ޕޮއިންޓާ އެކު އެޓަލާންޓާ އޮތްއިރު ފަސް ވަނައިގައި 50 ޕޮއިންޓާ އެކު އޮތީ ރޭ އުދިނޭޒީ އަތުން 1-0 އިން މޮޅުވި ލާޒިއޯ އެވެ.
އިންޓަގެ ސޭންސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ރޯމާގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ބެލްޖިއަމް މިޑްފީލްޑަރު ރަޖާ ނައިންގޯލާން އެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ޖެހީ އެޑިން ޖެކޯ ދިން ބޯޅައަކުންނެވެ. ދެ ވަނަ ލަނޑު ޖެހީ 56 ވަނަ މިނެޓުގަ އެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ކެޕްޓަން މައުރޯ އިކާޑީގެ ލަނޑުން އިންޓަ އިން ތަފާތު ކުޑަކުރި އެވެ. އެކަމަކު 85 ވަނަ މިނެޓުގައި ޑިއޭގޯ ޕެރޯޓީ ޕެނަލްޓީއަކުން ޖެހި ލަނޑާ އެކު ރޯމާ އިން މެޗުން ތިން ޕޮއިންްޓް ކަށަވަރުކުރި އެވެ.
ރޭ އޭސީ މިލާން ވަނީ ރަށުން ބޭރުގައި ސަސުއޮލޯ އަތުން 1-0 އިން މޮޅުވެފަ އެވެ. ފުރަތަމަ ހާފުގައި ޕެނަލްޓީއަކުން ކާލޯސް ބަކާ ޖެހި ގޯލާ އެކު މޮޅުވި މިލާން އޮތީ 47 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.