27 ފެބުރުއަރީ 2017 - 07:05

ލަންޑަން (ފެބްރުއަރީ 27) – މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޒަލަޓާން އިބްރަހިމޮވިޗް ޖެހި ގޯލާ އެކު ސައުތުހެމްޓަން އަތުން 3-2 އިން މޮޅުވެ އިނގިރޭސި ލީގު ކަޕުގެ ޗެމްޕިއަންކަން މެންޗެސްޓާ ޔުނައިޓެޑް ރޭ ހޯދައިފި އެވެ.
ހޯސޭ މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން ފުރަތަމަ ބޮޑު ކާމިޔާބީ ހާސިލްކުރިއިރު އެންމެ ބޮޑު ޝުކުުރެއް ހައްގުވަނީ އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗަށެވެ. އެކަމަކު ރޭގެ މެޗުގައި ޖުމްލަކޮށް ރަނގަޅަށް ކުޅުނު ސައުތުހެމްޓަން އިންނެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ސައުތުހެމްޓަންގެ މަނޯލޯ ގަބިއަޑިއަނީ ޖެހި ގޯލެއް އޮފްސައިޑް ކަމަށް އެސިސްޓަންޓް ރެފްރީ ވަނީ ނިންމައިފަ އެވެ. އެކަމަކު ރީޕްލޭ އިން ފެންނަ ގޮތުގައި އަރިމަތިން ދިން ބޯޅަ އޭނާ ގޯލަށް ވައްދާލި އިރު ހުރީ އޮފްސައިޑް މަގާމެއްގައެއް ނޫނެވެ.
އޭގެ ހަތް މިނެޓު ފަހުން ޔުނައިޓެޑުން ވަނީ އިބްރަހިމޮވިޗުގެ ގޯލުން ލީޑު ނަގައިފަ އެވެ. އަދި 38 ވަނަ މިނެޓުގައި ޖެސޭ ލިންގާޑް އެ ޓީމަށް ލީޑު ފުޅާކޮށްދިނެވެ. ނަޕޯލީން ދާދި ފަހުން ސައުތުހެމްޓަނާ ގުޅުނު އިޓަލީ ފޯވާޑް ގަބިއަޑިއަނީ ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލަނޑު ޖަހައި އެ ޓީމަށް އުއްމީދެއް ގެނެސްދީފަ އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އޭނާ އެއްވަރުކޮށްދިނެވެ.
މެޗު ނިމެން ގާތްވެފައިވަނިކޮށް ސައުތުގެމްޓަންގެ އޮރިއެލް ރޮމެއޫ ފޮނުވާލި ބޯޅައެއް ދަނޑިއަށް ވެސް އަމާޒުވި އެވެ. އެކަމަކު 87 ވަނަ މިނެޓުގައި އަންދަރު ހެރޭރާ ނަގައިދިން ހުރަހަކުން އިބްރަހިމޮވިޗް ވަނީ ގޯލް ޖަހައި ޔުނައިޓެޑަށް ތަށި ޔަގީންކޮށްދީފަ އެވެ.
"ތެދަށް ބުނާ ނަމަ އަހަރެމެން މި މެޗުން މޮޅުކޮށްދިނީ އިބްރަހިމޮވިޗް. އޭނާ ވަރަށް ތަފާތު. ޕޮގްބާ ވެސް މޮޅަށް ކުޅުނު. އެކަމަކު އިބްރަހިމޮވިޗް މުޅިން އެހެން ލެވެލެއްގައި ކުޅުނު،" މޮރީނިއޯ ބުންޏެވެ. "އަހަރެމެން މިހިރީ ކުޑަކޮށް ޖަޒުބާތީވެފައި. ތަށި ހޯދުމަކީ ފަސޭހަކަމެއް ނޫން އަދި ގިނަ ފަހަރު. އަދި އަހަރެންގެ ނަފުސަށް މިދޭ ޕްރެޝަރާ ކުރިމަތިލުމަކީ ވެސް ފަސޭހަކަމެއް ނޫން."
މޮރީނިއޯ މީގެ ކުރިން ޗެލްސީއާ ދެ ފަހަރެއްގެ މަތިން ހަވާލުވިއިރު ވެސް ފުރަތަމަ ކާމިޔާބަކީ ލީގު ކަޕެވެ. އެގޮތުން 2005 ވަނަ އަހަރު ލިވަޕޫލް ބަލިކޮށް ޗެމްޕިއަންކަން ހޯދިއިރު 2015 ވަނަ އަހަރު ތަށި ހޯދީ ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. މިއީ މޮރީނިއޯ މި މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މުބާރާތުގެ އެންމެ ކާމިޔާބު ކޯޗުގެ މަގާމް އޭނާ އަންނަނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން އަދި ބްރިއަން ކްލޯއާ ހިއްސާކުރަމުންނެވެ.