ބީއެމްއެލްގެ ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި
ބީއެމްއެލްގެ ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި ބީއެމްއެލްގެ ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ނިންމައި، ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް މެޑަލް ދީފި އެވެ.

ބީއެމްއެލްއިން ބުނީ ޖުމްލަ 144 ބައިވެރިންނާ އެކު ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ބައިވެރިވި ކުޅުންތެރިން ފާހަގަކޮށްލެވޭ މޮޅު ހުނަރެއް ދައްކާފައިވާ ކަމަށެވެ. އަދި މި މުބާރާތުގައި ހުރިހާ އުމުރުފުރާއެއްގެ ކުޅުންތެރިން ވެސް ވާދަވެރި ރޫހެއްގައި ތަފާތު މެޗުތަކެއް ކުޅެފައިވާކަން ބީއެމްއެލްއިން ފާހަގަކުރެ އެވެ.

މި މުބާރާތަކީ ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް، މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބީއެމްއެލްއިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)އާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ބާއްވަމުންދާ މުބާރާތެކެވެ.

ބީއެމްއެލްއިން ރާއްޖޭގައި އެކި ކުޅިވަރުތައް ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.