06 އޯގަސްޓް 2024 - 12:50

ފ. ނިލަންދޫ އަތޮޅު ތައުލީމީ މަރުކަޒުގެ ސްކޫލް ކެޕްޓަން ހޮވުމުގައި، މާކްސް ބަދަލުކޮށް ކަޓުވާލި ދަރިވަރު ޔާނާ މޫސާ، އަލުން އެ މަގާމަށް ހަމަޖައްސައި ރޭ ރަސްމިއްޔާތު ބާއްވައިފި އެވެ.

ތައުލީމީ ހަޔާތުގެ އެންމެ ޝަރަފްވެރި މަގާމް، ސްކޫލް ކެޕްޓަން ކަމަށް ވާދަކުރީ ޔާނާ އާއި ގްރޭޑް 11 ގައި ކިޔަވާ އެހެން ދަރިވަރެކެވެ.

އެ ވޯޓުގައި މާކްސް އޮޅުވާލާފައިވާ ކަމުގެ ތުހުމަތުވުމުން، ބެލެނިވެރިން އެޑިއުކޭޝަން މިނިސްޓްރީއަށް މައްސަލަ ހުށަހަޅައިގެން ބެލިއިރު ދެ ދަރިވަރުންގެ މާކްސް އޮޅުވާލީ ސްކޫލުގެ ޓީޗަރެކެވެ.
ދެ ދަރިވަރުންގެ މެދުގައި ތަފާތުކުރުން ގެންގުޅުނު ލީޑިން ޓީޗަރު، ޔާސިރު އަބްދުއްނާސިރަށް އެޑިއުކޭޝަނުން ފިޔަވަޅު އަޅައި އެއް މަސް ދުވަހަށް ސަސްޕެންޑްކުރި އެވެ. އޭގެ ފަސް ދުވަސް ފަހުން އޭނާ ވަނީ ލީޑިން ޓީޗަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު އަލުން ސްކޫލަށް ނިކުންނަން ފަށައިފަ އެވެ.
ޔާނާގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ އެ މައްސަލަ ހައްލުވީ އެޑިއުކޭޝަން މިނިސްޓްރީގެ ތަހުގީގު ޓީމެއް އެ ރަށަށް ގޮސް މައްސަލަ ބެލުމުންނެވެ.
"އެ ޓީޗަރު މި ބުނަނީ ދަރިފުޅުގެ އިންޓަވިއު ޓައިމް ހަމައެއް ނުވެއޭ. ލިބޭނީ ސުމެކޭ. ގަވައިދުގައި ޓައިމް ލިމިޓެއް ނެތް. މިނިސްޓްރީން ކުދިންނާ ބައްދަލުކޮށްފައި އެހީ ވަގުތު ދިންހޭ. ވަގުތު ދީފައެއް ނެތް. ދަރިފުޅަށް އިންޓަވިއު ބައިން އިނީ އެއްވެސް މާކްސްއެއް ނުދީ،" ބެލެނިވެރިޔާ ކިޔައިދިނެވެ.
އޭނާ ބުނީ ކެޕްޓަން ހޮވުމުގައި އިންސާފުން ބޭރުވެ، އެހެން ކުއްޖަކު ހަމަޖެއްސި ކަން އެޑިއުކޭޝަނުން ބެލި ކަންކަމަށް ފަހު ނިންމި ކަމަށެވެ.
މި މައްސަލަ ބޮޑުވުމުން ވެސް ކަން ހިނގި ގޮތް ސްކޫލުން ބެލެނިވެރިންނަށް ކިޔައެއް ނުދެ އެވެ. އެކަމަކު އެޑިއުކޭޝަނުން މައްސަލަ ބެލުމުން، ސްކޫލުން ވަނީ ކަން ހިނގި ގޮތް ބެލެނިވެރިންނާ ހިއްސާކޮށްފަ އެވެ.
ޔާނާ ކެޕްޓަނަކަށް ހަމަޖައްސައި ރޭ ރަސްމިއްޔާތު ބޭއްވި ނަމަވެސް އޭނާ މިހާރު އެ މަގާމް ބޭނުމެއް ނުވެ އެވެ.
ވަކި ކުއްޖަކަށް އެ މަގާމު ދޭން ޓީޗަރެއްގެ ނުފޫޒުން މާކްސްތަކާ ކުޅެ، ބޮޑު ކަންތައްގަނޑެއް ހިންގުމުން އެ ޔާނާއަށް އުނދަގޫވީ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ ސްކޫލްގެ އޯ ލެވެލް އާއި އޭ ލެވެލްގެ އެންމެ ރަނގަޅު ކުދިން ހޮވުމުގައި ވެސް ގޯސްތަކެއް ހެދި މައްސަލަ ވެސް މީގެ ކުރިން ފެންމަތިވި ކަމަށް ބެލެނިވެރިއަކު ބުންޏެވެ. އެކަމަކު، އެކަން ފަހުން ރަނގަޅު ކުރި ކަމަށް ވެ އެވެ.