ތިން ވަނަ ވިޒިޓް މޯލްޑިވްސް ޕްރޯ ރާޅުގަނޑުގައި ފަށައިފި
ތިން ވަނަ ވިޒިޓް މޯލްޑިވްސް ޕްރޯ ރާޅުގަނޑުގައި ފަށައިފި

ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މި އަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ، މާލޭގެ ވަރުނުލާ ރާޅުގަނޑުގައި އިއްޔެ ފަށައިފި އެވެ.

ތިން ވަނަ ވިޒިޓް މޯލްޑިވްސް ޕްރޯ ރާޅުގަނޑުގައި ފަށައިފި
ތިން ވަނަ ވިޒިޓް މޯލްޑިވްސް ޕްރޯ ރާޅުގަނޑުގައި ފަށައިފި

މިއީ ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި މި މުބާރާތް ހިމެނިގެން ކުރިއަށްދާ ތިން ވަނަ އަހަރެވެ. ފިރިހެން އޯޕަން އާއި އަންހެން އޯޕަން އަދި ފިރިހެން ޖޫނިއާ ކެޓެގަރީ ހިމަނައިގެން، އަންނަ ހުކުރު ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި 14 ގައުމަކުން 86 ބޮޑީބޯޑަރުން ވާދަކުރެ އެވެ.

ރާއްޖޭގެ 15 ފިރިހެން ބޮޑީބޯޑަރުން ވާދަ ކުރާއިރު، އޭގެ ތެރޭން ފަސް އެތުލީޓެއް، ޖޫނިއާ ކެޓެގަރީގައި ވެސް ވާދަ ކުރާނެ އެވެ.

އިއްޔެ ކުރިއަށް ދިޔަ ފިރިހެން އޯޕަން ބައިގައި ރާއްޖޭގެ އެތުލީޓުން ވާދަކުރި ހީޓްތަކަށް ބަލައިލާއިރު، ފުރަތަމަ ހީޓުގައި ވާދަކުރީ މުޅިން ވެސް ރާއްޖޭގެ ބޮޑީބޯޑަރުންނެވެ.

ފުރަތަމަ ހީޓުގައި ނޫހު މުހައްމަދު އިރުޝާދު 4.5 ޕޮއިންޓާ އެކު މި ހީޓުގެ އެއްވަނަ ހޯދި އިރު ދެ ވަނައަށް ދިޔައީ 3.6 ޕޮއިންޓް ހޯދި މުހައްމަދު ޖަރީޝް ޖިހާދެވެ. ތިންވަނައަށް ދިޔަ ނޫން މުހައްމަދު އިރުޝާދަށް ލިބުނީ 3.45 ޕޮއިންޓެވެ.

ދެން އޮތް ހީޓުގައި ވާދަކުރި އަލީ ޖާވިދު ހޯދި 8.05 ޕޮއިންޓާ އެކު ލިބުނީ ހީޓުގެ ހަތަރު ވަނަ އެވެ. އަދި ޖެހިގެން އައި ހީޓުގައި ވާދަކޮށް 6.4 ޕޮއިންޓް ހޯދައިގެން އަހުމަދު ނަޒްމީން ވަނީ ހީޓުގެ ދެ ވަނަ ހޯދައިފަ އެވެ.

އުމުރުފުރާގެ ޖޫނިއާ ކެޓެގަރީ، މިއަހަރުން ފެށިގެން ދޫކޮށްލަން ޖެހިފައިވާ އާމިން އުމަރު މޫސާ ވަނީ އޭނާ ވާދަކުރި ހީޓުގައި 10.9 ޕޮއިންޓް ސްކޯ ކޮށްގެން ހީޓުގެ ދެ ވަނަ ހޯދައިފަ އެވެ. މި ހީޓުގެ ހަތަރު ވަނަ އަށް ދިޔައީ ދާއޫދު ފަޒީހު އެވެ. މުހައްމަދު ޖަރީޝް ޖެހިގެން އައި ހީޓުގައި ވާދަކޮށް 8.9 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް އޭނާ އަށް ލިބުނީ ހީޓުގެ ތިންވަނަ އެވެ.

ރާއްޖޭގެ އެއް ވަނަ، އަލީ ޚުޝްރުވާން (ކުޑަ އައްޔަ) އާއެކު ނޫހު ވަނީ ޖެހިގެން އައި ހީޓުގައި ވާދަ ކޮށްފަ އެވެ. ޕޯޗުގަލްގެ ޖޮއެލް ރޮޑްރިގޭޒް އާއި ވެނިޒުއޭލާގެ އެޑްވިން އަލްދާނާގެ ފަހަތުން، 8.115 ޕޮއިންޓާ އެކު ކުޑަ އައްޔަ ނިންމީ ތިން ވަނައިގަ އެވެ. ނޫހް ނިންމީ ހަތަރު ވަނަ އަށެވެ.

މިދިޔަ އަހަރު، ނުވަ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ހަވާއީގެ މައިކް ސްޓެވާޓް ބަލިކުރި އަލީ ޝާމް ރާފިއު ވަނީ 9.1 ޕޮއިންޓާ އެކު އޭނާ ވާދަކުރި ހީޓުގެ ދެ ވަނަ ހޯދައިފަ އެވެ. ތިން ވަނަ ހޯދީ 7.3 ޕޮއިންޓް ސްކޯ ކުރި މުހައްމަދު ކައިފް އެވެ.

ޒުވާން ބޮޑީބޯޑަރު އިޔާން އަހުމަދު ވަނީ އޭނާ ވާދަކުރި ހީޓުގައި 5.75 ޕޮއިންޓް ސްކޯ ކޮށްގެން ތިން ވަނަ ހޯދައިފަ އެވެ. އެ ހީޓުން ހަތަރު ވަނަ އަށް ދިޔައީ އަޝްރަފް ހަސަން އެވެ. މި ބުރުގެ ފަހު ހީޓުގައި ވާދަކުރި މުހައްމަދު އަޒާން އަހުމަދު ވަނީ 9.6 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ނަމަވެސް ވާދަވެރި މި ހީޓުން އޭނާ އަށް ލިބުނީ ހަތަރު ވަނަ އެވެ.