04 އޯގަސްޓް 2024 - 12:13

ރާއްޖޭގެ 19 އަހަރުން ދަށުގެ ޔޫތު މުބާރާތުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކެޕްޓަންކަން ކުރި މުހައްމަދު އައިމަން އަލީ ފުޓްބޯޅައިން ގެއްލިގެން ދިޔައީ ގްރާސްރޫޓް ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު ފަރީދު މުހައްމަދު (ފަރިއްޓޭ) ގެ ކުރިމަތީގަ އެވެ. ޔޫތު މުބާރާތުގެ ފައިނަލަށް ސަސް ގެންގޮސް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ދަނޑުން ފައިބައިގެން ރިސޯޓް ވަޒީފާ އަށް ދިޔައީ ކޮންމެހެން އޭނާގެ ހިތުގައި ޓޫރިޒަމް އިންޑަސްޓްރީ އަށް އޮތް ޝައުގެއްގެ ބޮޑުކަމަކުން ނޫނެވެ.

"އަހަރެން ކައިރީ ރޮވިފަ ހުރެ އޭނާ ވާހަކަ ދެއްކީ. ބުނީ ކޯޗޭ ތިމަންނަ ބޭނުން ވަނީ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅޭށޭ. އެކަމަކު ރާއްޖޭގެ ފުޓްބޯޅައިގެ ނެތޭ އެ ފުރުސަތެއް. ހަމައެކަނި ފުޓްބޯޅަ އަށް ހުސްވެގެން މާލޭގައި ދިރިއުޅެވޭނެ ގޮތެއް ނެތޭ. އެހެން ގޮތެއް ނެތީމަ ރިސޯޓަކަށް ދިޔައީ. އޭނަ 19 އަހަރުންދަށުގެ ގައުމީ ޓީމަށް ގެންނަން އަޅުގަނޑު ގުޅީމަ ބުނީ ތިމަންނަ ދާން ބޭނުމޭ. އެކަމަކު ވަޒީފާގެ ކުރީކޮޅު ވީމަ ދާން ފަސޭހައެއް ނޫނޭ،" ފަރީދު ކިޔައި ދިނެވެ.

ފަރީދު ބުނީ އެއީ ވަރަށް ޕޮޓެންޝިއަލް ހުރި ކުއްޖެއް ކަމަށާއި އެކަމަކު ރާއްޖޭގެ ފުޓްބޯޅަ މިއޮތް ހާލަތުން އެ ފުރުސަތެއް އައިމަން އަށް ނުލިބުނީ ކަމަށެވެ.

މިއީ އެންމެ ކުއްޖެއްގެ ވާހަކަ އެވެ. ފަރީދު ބުނީ އެފަދަ ހުނަރުވެރި އެތައް ކުޅުންތެރިންނެއް ފުޓްބޯޅައިން ގެއްލިގެން ހިނގައްޖެ ކަމަށެވެ. ފުޓްބޯޅައިން ކުރިމަގެއް ފެންނަން ނެތުމުން ކޮންމެވެސް އެހެން ދާއިރާއަކަށް ވަންނަނީ އެވެ. ނޫނީ ދެން ވަންނަނީ ރާއްޖޭގައި މިނީ ޓާފްގައި ކުޅޭ ފުޓްސަލްއަށެވެ. ފަރީދު ބުނި ގޮތުގައި ދެން ކިތަންމެ ބޭނުން ވިޔަސް އެ ކުޅުންތެރިޔަކު ފުޓްބޯޅައިގެ ތެރެއަށް ގެނެވޭނެ ގޮތެއް ނޯންނަ ކަމަށެވެ.
ފަރީދުގެ އެންމެ ބޮޑު ކަންބޮޑުވުން ގުޅިފައި އޮތީ 19 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުންތެރިންނާ މެދަކު ނޫނެވެ. އެ ކަންބޮޑުވުން އޮތީ މިހާރު 16 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުޅުންތެރިންނަށް މި ހާލަތު ދިމާވެދާނެތީ އެވެ. އޭނާ ބުނި ގޮތުގައި އެ އުމުރުފުރާގެ ކުޅުންތެރިންނަށް އެ ހާލަތު ދިމާވެއްޖެނަމަ އެއީ ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭނެ ފޫނުބެދޭނެ ގެއްލުމެކެވެ.
"ރާއްޖޭގެ ގިނަ ކޯޗުން ވެސް ބުނޭ މިހާރު 16 އަހަރުގެ ކުޅުންތެރިންނަކީ އަލީ އަޝްފާގު [ދަގަނޑޭ] މެންގެ އެ ޖީލު ނަގާފަ ދެން ރާއްޖެ އަންނާނެ އެންމެ ރަނގަޅު އެއް ޖީލޭ،" ފަރީދު ބުންޏެވެ.
"މި އުމުރުފުރާގައި ވަރަށް ރަނގަޅު ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިބި. އެކަމަކު އަޅުގަނޑުގެ ކަންބޮޑުވުމަކީ ފުޓްބޯޅަ މިހާރު އޮތް ހާލަތުން މި ކުޅުންތެރިން ސީނިއާ ކެރިއަރު ފަށަންވާއިރު ފިއުޗާއެއް ނެތިގެން ކުޅުންތެރިން ގެއްލިގެން ހިނގައިދާނެތީ."
އޭނާ ބުނީ އެ އުމުރުފުރާގެ ކުޅުންތެރިންގެ ބެލެނިވެރިން ވެސް ފުޓްބޯޅައާ މެދު ހޭލުންތެރިކަން ބޮޑު ކަމަށެވެ. އެއީ ވެސް އެ ޖީލު ފުޓްބޯޅައިގެ އެހެން ޖީލުތަކާ ތަފާތު ވާނެ ސަބަބެއް ކަމަށް ކުރީގެ ޑިފެންޑަރު ބުންޏެވެ.
"ފުޓްބޯޅައިން އެ ކުޅުންތެރިން ކުރިއަށްގެންދާން ސެކްރިފައިޒެއް ވާން ޖެހުނަސް ޕޭރެންޓުން އެކަން ކުރާނެ،" ފަރީދު ބުންޏެވެ.
ސަސް ފުޓްބޯޅަ އެކަޑަމީގެ ކޯޗު ބުނީ މެލޭޝިއާގައި ބޭއްވި ލަލީގާ ޔޫތު މުބާރަތަށް ދާން ހުރިހާ ހަރަދެއް ކުރީ ކުޅުންތެރިންގެ ބެލެނިވެރިން ކަމަށެވެ. ރާއްޖޭގެ "އާ ޖީލަކަށް" ޓީމު ވެސް އެ މުބާރާތަށް ދަތުރު ކުރި އެވެ.
"ކޮންމެ ކުއްޖެއްގެ ޓިކެޓަށް ވެސް 1000 ޑޮލަރު ހޭދަ ކުރި. އަދި އެކޮޅުގައި ގޮސް ކުރަން ޖެހުނު އެހެން ހަރަދުތައް ކުރީ ވެސް ޕޭރެންޓުން އަމިއްލައަށް. އެބަ އެނގޭ މި އުމުރުފުރާގެ ކުދިން ފުޓްބޯޅައިގައި ކުރިއަށްދާން އެ ޕޭރެންޓުން ބޭނުންވާ ވަރު،" ފަރީދު ބުންޏެވެ.
އެކަމަކު މާލެ ސަރަހައްދުގައި ފުޓްބޯޅައިގެ ޑިވެލޮޕެމެންޓަށް އެކަށީގެންވާ ވަސީލަތެއް ނެތެވެ. މާލޭގައި ފުޓްބޯޅައިގެ ޕްރެކްޓިސް ކުރަން އޮތީ އެފްއޭއެމުން ބަލަހައްޓާ ޓާފް ދެ ދަނޑެވެ. އެކަމަކު އެތަން ވެސް އޮތީ ވީރާނާ ވެފަ އެވެ. މިނީ ޓާފް ދަނޑުތަކެއް މާލެ ސަރަހައްދުގައި އަޅާފައި އެބަ ހުއްޓެވެ. އެކަމަކު އެއީ ބޮޑު ފުޓްބޯޅަ ނުވަތަ އިލެވެން ސައިޑަށް ބޭނުން ކުރަން އެންމެ އެކަށީގެންވާ ވަސީލަތްތަކެއް ނޫން ކަމަށް ފަރީދު ބުންޏެވެ.
"އަލީ އަޝްފާގް ފުޓްބޯޅަ އެކަޑަމީ" ގެ ޓްރޭނިންތައް ހުޅުމާލޭގައި ފޭސް ދޭއްގައި ވެސް ފަރީދުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެ އެވެ. ފޭސް ދޭއް އޭނާ ފާހަގަ ކުރީ ފުޓްބޯޅައިގެ ހުނަރުން ފުރިފައި އޮތް ބޮޑު ހަބެއްގެ ގޮތުގަ އެވެ.
"އުމުރުން ހަގު ވަރަށް ހުނަރުވެރި ކުޅުންތެރިޔަކެއް ފޭސް ދޭކުން ލިބޭ. އެކަމަކު ކީއްކުރާނީ އެތަނުގައި ވެސް އިލެވެން ސައިޑް ޕިޗެއް ނެތް. ފުޓްސަލް ދަނޑު (މިނީ ޓާފް) ގައި ޕްރެކްޓިސް ކުރަން ޖެހޭނީ. އެއީ އިލެވެން ސައިޑް ފުޓްބޯޅަ އަށް އެންމެ އެކިއުރޭޓް ޕިޗެއް ނޫން،" ފަރީދު ބުންޏެވެ.
އެކަން ހައްލު ކުރަން ފަރީދުގެ ހިޔާލަކީ ޖަޕާނަށް އޭނާ ކުރި ތަޖުރިބާ ދަތުރެއްގައި ފެނުނު ކަންކަން ރާއްޖޭގެ ފުޓްބޯޅަ އަށް ބޭނުން ކުރުމެވެ.
އެ މަންޒަރު ފެނުނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރަކަށް އިހްސާން އަބްދުލް ޣަނީ (ސާންތީ) ހުރި އިރު ގްރާސްރޫޓް ފުޓްބޯޅައިގެ އަށް ކޯޗުން އެފްއޭއެމުން ޖަޕާނަށް ފޮނުވިއިރު އޭގައި ހިމެނިގެން ފަރީދު ކުރި ދަތުރުގަ އެވެ.
"ޖަޕާނުގެ ފުޓްބޯޅަ ޑިވެލޮޕްމެންޓް އޮންނަ ގޮތް އަޅުގަނޑުމެން ބެލިން ވަސީލަތްތައް ވެސް ބެލިން. އޮންނަނީ އިލެވެން ސައިޑް ޕިޗެއް. އެކަމަކު އެ ޕިޗުގައި އޮވޭ ކުރާހަފަ އިލެވެން ސައިޑަށް ކުޅެވޭގޮތަށް. އަދި ނައިން ސައިޑް ކުޅެވޭ ގޮތަށް. ދެން އަދި އޮވޭ ރާއްޖޭގައި މި ކުޅޭ ފުޓްސަލް ކުޅޭ ގޮތަށް ވަކިން ކުލަތަކުން ކުރަހާފައި. ފުޓްސަލްގެ ދެ ޕިޗެއް ވާގޮތަށް ދެ ބައި އޮންނާނީ ހަމަ އެ ޕިޗުގައި ނޫ ކުލައިން ކުރާހަފަ. ނައިން ސައިޑް އެހެން ކުލައަކުން. އިލެވެން ސައިޑް އެހެން ކުލައަކުން،" ފަރީދު ކިޔައި ދިނެވެ.
"މާލޭގައި ވެސް އެބައޮތް ޖެހިޖެހިގެން ފުޓްސަލް ދެ ދަނޑު އަޅާފަ. އެކަމަކު އޭގެ ބަދަލުގައި އިލެވެން ސައިޑް ޕިޗް އަޅާފަ. ދެން އެ ޕިޗްގައި ސިކްސަސައިޑް [ރާއްޖޭގައިކުޅޭ ފުޓްސަލް] ކުޅޭވޭ ގޮތަށް ޕިޗުގައި ކުރަހާފަ އޮންނަނަމަ. އެންމެންނަށް ވެސް އެ ޕިޗް ބޭނުން ކުރެވޭނެ. އެކިއުރޭޓް ހައްލެއް އެ ލިބުނީ."
އެފަދަ އެތައް ކަމެއް ކުރެވިދާނެ އެވެ. ނަމަވެސް ކުރިއެރުމެއް ނުލިބި ވަގުތު ފާއިތުވަނީ އެވެ. އެހެންވެ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގު މިއޮތީ ބޮޑު ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.