ސަލްފޯޑުގައި އޮތް ލިމްގެ ހިއްސާ ގެރީ ނެވިލް ގަނެފި
ސަލްފޯޑުގައި އޮތް ލިމްގެ ހިއްސާ ގެރީ ނެވިލް ގަނެފި

އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގައި ވާދަކުރާ ސަލްފޯޑް ސިޓީ އެފްސީގައި އޮތް ސިންގަޕޫރު މަހުޖަނު ޕީޓާ ލިމްގެ ހިއްސާ އެ ކްލަބުގެ މައިނޯރިޓީ ހިއްސާދާރު އަދި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ގެރީ ނެވިލް ގަނެފި އެވެ.

ލިމްގެ 40 ޕަސެންޓް ހިއްސާ ގަތުމާ އެކު، ނެވިލް އަތުގައި މިހާރު 50 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. ބާކީ 40 ޕަސެންޓް ހިއްސާއަކީ، ނެވިލްއާ އެކު ކުރިން ޔުނައިޓެޑަށް ކުޅުނު އޭނާގެ ކޮއްކޮ ފިލް ނެވިލް، އާއި، ޑޭވިޑް ބެކަމް އާއި، ނިކީ ބަޓް، އަދި ޕޯލް ސްކޯލްސް، ކޮންމެ ކުޅުންތެރިއެއްގެ 10 ޕަސެންޓުގެ ޖުމްލަ އެވެ.

ސަލްފޯޑް ނިސްބަތްވަނީ ގްރޭޓާ މެންޗެސްޓާ ސަރަހައްދުގައި އޮންނަ އެ ނަން ކިޔާ ސިޓީ އަށެވެ. މިއީ މެންޗެސްޓާ ޔުނައިޓެޑުގެ ސްޓޭޑިއަމް އޯލްޑް ޓްރެފޯޑާ ވަރަށް ކައިރީގައި އޮންނަ ސިޓީ އެއް ވެސް މެ އެވެ.

ލިމްއާ އެކު، ޔުނައިޓެޑުގެ ކުރީގެ ތަރިން ހިއްސާވެގެން ކްލަބް ގަނެ، ވަނީ ކުރިއެރުން ހޯދައިފަ އެވެ. އެގޮތުން ފަސް އަހަރުން ހަތަރު ޕްރޮމޯޝަން ހޯދައި، އީއެފްއެލްގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ.

ސްޕެއިނުގެ ވެލެންސިއާގެ ވެސް އޯނަރު ލިމް ސަލްފޯޑުން ވަކިވުމާ އެކު ހުރިހާ ބާރެއް ލިބޭނީ ނެވިލް އަށެވެ. އޭނާގެ ބެލުމުގެ ދަށުން ކްލަބުން އާ ޕްލޭނެއް ހަދައި ޕްރިމިއާ ލީގާ ހަމަޔަށް އަންނަން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މުޅި ކެރިއަރު މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކޮށް، އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅަދާނަ ޑިފެންޑަރު ނެވިލް މިހާރު ފާަހަގަކުރެވެނީ ކޮމެންޓޭޓަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ އިންގްލެންޑް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމާއި، ވެލެންސިއާގެ ހެޑްކޯޗުކަން ކޮށްފަ އެވެ. ނަމަވެސް ކޯޗިންގައި އެހާ ކާމިޔާބެއް ނޫނެވެ.