04 އޯގަސްޓް 2024 - 08:35

ހަމާސްގެ ކޮމާންޑް ސެންޓަރެއް ކަމަށް ބުނެ ޣައްޒާގެ ސްކޫލެއްގެ ގޯތި ތެރެއަށް އިޒްރޭލުން އިއްޔެ ދިން ހަމަލާއެއްގައި އިތުރު 17 މީހަކު ޝަހީދުވެއްޖެ އެވެ.

"ހައްމާމާ ސްކޫލަށް ދިން ހަމަލާގައި 17 މީހަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައި،" ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޣައްޒާގެ ސްކޫލްތައް މިހާރު އާންމުކޮށް ބޭނުންކުރަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ދޭށެވެ. އެކަމަކު އެ ތަންތަނަށް މީގެ ކުރިން ވެސް އިޒްރޭލުން އެތައް ފަހަރަކު ހަމަލާދީ އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.
އިއްޔެ ވެސް ސްކޫލަކަށް ހަމަލާ ދިން ކަމަށް އިޒްރޭލުން ވެސް ބުންޏެވެ. އެކަމަކު ބުނީ ހަމަލާ އަމާޒުކޮށްފައި ވާނީ ސްކޫލްގެ ގޯތި ތެރޭގައި ހުރި، ހަމާސްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކަށް ކަމަށެވެ.
އޭގެ ކުރިން ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވެފައިވަނީ ސްކޫލްގެ ގޯތިތެރޭގައި ހުރި ވަގުތީ ހިޔާތަކުގައި ވެސް ތިބީ، ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ މީހުން ކަމަށެވެ.
އެކަމަކު އިޒްރޭލުން ބުނީ އެ ތަން ބޭނުންކުރަނީ ހަމާސްގެ ހަނގުރާމަވެރިން ހަތިޔާރު އުފެއްދުމަށާއި ފިލައިގެން އުޅުމަށް ކަމަށެވެ.
މިއީ އާންމުން އުޅޭ ތަންތަނަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލުން ކޮންމެ ފަހަރަކު ވެސް ދައްކާ ވާހަކަތަކެވެ.
އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދީ 1،197 މީހުން މަރާލައި 251 މީހަކު ރަހީނުކުރުމާ އެކު ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 39،550 މީހަކު ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ