04 އޯގަސްޓް 2024 - 09:19

ތަޖުރިބާ ދަތުރަކަށް، ދިވެހި ނޫސްވެރިންގެ ޓީމެއް ޗައިނާގެ ފުޖިއަން ޕްރޮވިންސަށް ހިނގައްޖެ އެވެ.

އެކި މީޑިއާތަކުން ނުވަ ނޫސްވެރިއަކާއި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ބައިވެރިވަޑައިގަންނަވާ މި ދަތުރުގައި ޗައިނާއަށް އައީ މިދިޔަ އަންގާރަ ދުވަހު ފުޖިއަން ޕްރޮވިންސްގެ ޝިއަމެން ސިޓީ އާއި މާލެއާ ދެމެދު ފެށި ޑައިރެކްޓް ފްލައިޓުގަ އެވެ.

ދަތުރުގައި އެންމެ ފުރަތަމަ ޒިޔާރަތްކުރީ ޗައިނާގެ އެންމެ “ލިވަބަލް”އެއް ސިޓީގެ ގޮތުގައި މަޝްހޫރުވަމުން އަންނަ ޝިއަމެން ސިޓީއަށެވެ. އެ ސިޓީން ހޯދާފައިވާ ތަރައްގީގެ ކާމިޔާބީތަކާއި ގުދުރަތީ ރީތިކަން އަދި ތިމާވެށި ރައްކާތެރިކުރަން ދޭ ސަމާލުކަމާ ގުޅޭ ގޮތުން ސިޓީގެ އިސްވެރިން ވަނީ މައުލޫމާތު ދެއްވައިފަ އެވެ.

- ވޫޔުއަން ބޭ ވެޓްލޭންޑްސް ޕާކް
- ޝިއަމެން މެރިޓައިމް ޕަބްލިކް ސާވިސް ސެންޓަރު
- ގުލަންގުޔު އައިލެންޑް (ޔުނެސްކޯ އިން ހިމާޔަތްކޮށްފައިވާ ގަދީމީ ރަށެއް)
- ޝިއަމެން ފްރީ ޓްރޭޑް ޒޯން
- ފުޖިއަން މެރިން ފިޝަރީޒް ސައިންސް މިއުޒިއަމް
ޝިއަމެން ސިޓީގެ ދެ ދުވަހުގެ ދަތުރަށް ފަހު ދެން ނޫސްވެރިންގެ ޓީމު ޒިޔާރަތް ކޮށްފައިވަނީ ފުޖިއަން ޕްރޮވިންސްގެ ޖުއަންޒޯ ސިޓީއަށެވެ. މި ސިޓީއަކީ ފުޖިއަންގެ އެންމެ އާބާދީ ބޮޑު އެއް ސިޓީ އަދި ޕޯޓް ސިޓީގެ ގޮތުގައި މަޝްހޫރުވެފައިވާ ސިޓީއެކެވެ.
މި ސިޓީގައި އެންމެ ފުރަތަމަ ނޫސްވެރިން ޒިޔާރަތްކުރީ ސިޓީގެ ދަށުގައި އޮންނަ ޖިންޖަންގް ކަންޓްރީ ލެވެލް ސިޓީއަށެވެ. މި ތަނަކީ މަޝްހޫރު ކުޅިވަރު އަންނައުނު ބްރޭންޑް ‘އަންޓަ’ އުފެދިގެންދިޔަ ސިޓީ އެވެ.
ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އަންޓާ ގްރޫޕްގެ ހެޑްކުއާޓާސްއަށް ނޫސްވެރިން ޒިޔާރަތްކޮށްފައިވާއިރު, އެ ކުންފުނީގެ ކާމިޔާބީތަކުގެ ޕްރެޒެންޓޭޝަނެއް ދެއްކި އެވެ.
- ޖިންޖިއަންގް އެކްސްޕީރިއަންސް ޑިސްކަވަރީ ހޯލް
- ގިންޖިންގް މިސްކިތް (ސިޓީގައި ހުރި ގަދީމީ މިސްކިތް އަދި އަލަށް އިމާރަތްކޮށްފައިވާ އާ މިސްކިތް )
- ޖުއަންޒޯ މެރިޓައިމް މިއުޒިއަމް
މީގެއިތުރުން ޖުއަންޒޯ އަދި ޖިންޖިއަންގް ސިޓީގެ އިސްވެރިންނާ އެކު ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް އޮތެވެ.
ޗައިނާއަށް ދިވެހި ނޫސްވެރިން ކުރާ މި ދަތުރުގައި އިއްޔެ ޒިޔާރަތްކޮށްފައިވަނީ ޕިންގްޓަން އަށެވެ. މި ތަނުގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އޮސްޓްރޮނޭޝިއަން ރިސާޖް ސެންޓަރަށާއި ބިއެގަންގް ވިލެޖަށް ނޫސްވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މި ވިލެޖުގައި ވައިން ހަކަތަ އުފެއްދުމަށް ގިނަ އަދަދެއްގެ ވިންޑް މެއިލްތައް ވަނީ ހަރުކޮށްފަ އެވެ. މިއީ، މިތަން ބަލާލަން ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރަމުން އަންނަ މަގުބޫލު ވިލެޖެކެވެ.
މި ދަތުރުގައި މިއަދާއި މާދަމާ ނޫސްވެރިން ޒިޔާރަތް ކުރަން ހަމަޖެހިފައިވަނީ ފުޖިއަން ޕްރިވިންސްގެ ކެޕިޓަލް ސިޓީ އާއި އިންޑަސްޓްރިއަލް އަދި ޓްރާންސްޕޯޓޭޝަން ހަބެއް ކަމަށްވާ ޖޫޖޯ ސިޓީއަށެވެ. މި ސިޓީގެ ގިނަ ތަންތަނަށް ޒިޔާރަތް ކުރުމަށާއި ސިޓީގެ ބައެއް އިސްވެރިންނާ ބައްދަލުކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.
ދިވެހި ނޫސްވެރިންގެ މި ތަޖުރިބާ ދަތުރަކީ ފުޖިއަން ޕްރޮވިންސްއާ ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އިންތިޒާމްކުރި ދަތުރެކެވެ.