04 އޯގަސްޓް 2024 - 06:14

(ބުދަ ދުވަހާ ގުޅޭ)
"އެ މީހުން އަސްލު ވަޒަނެއް ނުގެންނާނެ." ވަރަށް ޔަގީންކަމާ އެކުގައި ހަމީދު ބުންޏެވެ.
ޖަލީލު ވެސް ގަބޫލުކުރަން ބޭނުންވީ އެހެންނެވެ. ދިވެހި ސިފައިން އަންނާނީ ދިދަ ތިރިކޮށްފައި، ސިފައިންގެ ބާރުގެ ދަށަށް ފުވައްމުލައް ގެންނާށެވެ. ދިވެހި ރައްޔިތުންނާ ބޮޑު ހަނގުރާމައެއްކޮށް، ލޭއޮހޮރުވާކަށް ނޫނެވެ. އެހެނަސް، ގޮތް ހުސްވެއްޖެ ނަމަ ސިފައިން ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ބަލި ގަބޫލުކޮށްގެން އެނބުރި ދާނީ ހެއްޔެވެ؟ ރާއްޖޭގެ ރަށެއް އަމިއްލަ މިނިވަންކަން އިއުލާނު ކުރަން ދޫކޮށްލާނީ ހެއްޔެވެ؟
ޖަލީލުގެ ކަންބޮޑުވުން ޖަލީލުގެ ނިދި ޖަހައިގަތެވެ. ހާސްކަން އިތުރުކުރުވިއެވެ. އަސުރުން އިރު ތިރިވަމުން އައި އިރު ޖަލީލަށް ހުރެވެނީ އަތިރިމަތީގައެވެ. ދެކޮޅަށް ހިނގައިލަހިނގައިލައެވެ. ސިފައިން އައިސް ޖަލީލު ސިއްސައިލިޔަ ނުދޭން ކުރެވުނު ހުރިހައި ކަމެއް ޖަލީލު ކުރިއެވެ. ރަށުތެރެއިން ޖަލީލަށް ފެނުނީ ވެސް އެހައިމެ ބަލަން އުނދަގޫ މަންޒަރެކެވެ. ރައްޔިތުން ކުރެއްޖާއި ދަގަނޑު ފޭއްސިއެވެ. ވަޅިތައް އަތްމަތިކުރިއެވެ. އަނދަވަޅުތައް ކޮނެ، ވެއްޓޭ މީހާ އެމުނޭ ގޮތަށް ދަގަނޑު ޖެހިއެވެ. ލޮންސި ފަދައިން ހޫރައިލެވޭ ގޮތަށް ދަގަނޑު ތޫނުކޮށް، ރުއްރުކުގައި މީހުން ބެއިތިއްބިއެވެ. ރަށަށް އަރަން ބަޔަކު ދިމާކޮށްފި ނަމަ ރަށު ރައްޔިތުން ދޭން ނިންމީ މަރުގެ އަދަބެވެ. ހީވާ ކަހަލައެވެ. ރަށަށް އަރަން އަންނަނީ ޕޯޗުގީޒުންނެވެ. ކަނޑުފޭރޭ މީހުންނެވެ. ހަށިގަނޑުގައި އެއް ލެޔެއް ދައުރު ކުރާ ދިވެހި ރައްޔިތުންނެއް ނޫނެވެ. އެމީހުން ތިބީ އެހައި ވެސް ފޫހިވެފައެވެ.
"އަހަރެން ހިތަށް އަރަނީ ބަޔަކަށް ހާދަހާ ބޮޑެތި އަނިޔާތައް ވާނޭ،" ބައްޕަ ގާތުގައި ޖަލީލު ބުންޏެވެ. "މި ތާކު ނެތް ފަރުވާދެވޭކަށް. ރަށް ދިފާއުކުރަން އަހަރެން ތާއީދުކުރަން. އެކަމަކު ދިވެހިންގެ ބަޔަކު މަރުވާކަށް އަހަރެން ނޭދެން."
"ނުޖެހޭ މަރުވާކަށް،" ބައްޕަ ދިނީ ބުއްދިވެރި ޖަވާބެކެވެ. "ހަމަ ރީތިކޮށް މާލޭގަ ތިބީމަ ނިމުނީ. ބަޔަކު ނޫޅޭ ލެޔަށް ފެންބޮވައިގެނެއް. އެމީހުން ވެސް އުޅެންވީ! އަހަރުމެން ވެސް އުޅުނަ ދޭންވީ! ތަނެއްގަ އޮތް ހުރިހާ ނިއުމަތެއް އެއްބަޔެއްގެ ބަނޑުދަށުލައިގެނެއް ދެނެއް ނުތިބެވޭނެ. ކެތްކުރެވިއްޖެ! އެ ވެސް ދިވެހީން. މި ވެސް ދިވެހީން. އަހަރުމެންނާ ތޮޅެން އަތުވެއްޖެއްޔާ، ދެވަނަ ފަހަރަށް ނާންނަ ވަރު ޖެހޭނެ ކޮށްލަން."
"ބައްޕާ! އަހަރުމެންގެ ތިމާގެ މީހަކު ވެސް މާލެއިން އަތުވެދާނެ،" ޖަލީލު ހަނދާން ކޮށްދިނެވެ. "ތަޅާފޮޅައިގަންނަ ވަގުތު، ކޮންމެ ކޮޅަކުން ވެސް ދިވެހީންނޭ މަރުވާނީ. ސަރުކާރާ ވާހަކަ ދައްކަންވީނު؟"
"އަލަށް ދައްކާނެ ވާހަކައެއް އެބަ އޮތްތަ ދަރިފުޅާ؟" ތެދުވެގެން ދަމުން ބައްޕަ ބުނީ އެހެންނެވެ.
ޖަލީލަށް ފެނުނީ ބިރުވެރި ހުވަފެނެކެވެ. ބަޔަކު ރަށަށް އަރައި ރަށުގައި ހުޅުޖެހި ތަނެވެ. ހުރިހައި ގެޔެއް އަނދައި ހުލިވީއެވެ. ޖަލީލުގެ އާއިލާއިން އެކަކު ވެސް ސަލާމަތެއް ނުވެއެވެ. އަލިފާންގަނޑު ޖަލީލު ގައިގައި ހިފުމުން، ތެޅިގެންފައި ހޭލެވުނު އިރު ޖަލީލު އޮތީ ދާހިތްލައި ފޯވެފައެވެ. ޖަލީލު ހިތަށް އެރިއެވެ. އެ ހުންނަނީ ހަމަ ހުރެފައި ފެންނަ ކަހަލަ ހުވަފެނެއް ނޫނެވެ. ވާން މި އުޅެނީ ކިހިނެއްބާއެވެ؟
މާލެއިން ބޯޓެއް އަންނަ ޚަބަރު ހިފައިގެން ރަށުތެރޭގައި މީހަކު އެނބުރެން ފެށިއެވެ. އެކި މީހުން ކޮޅުކޮޅުމައްޗަށް ދުވަން ފެށިއެވެ. އިމުތިހާނުގެ ވަގުތު އައިސް ޖެހުނީއެވެ. މާލޭ ބޯޓުގައި ކަޅުހުއްތުދީދީ އާއި އޭނަގެ ބޭބެއެއް ވެސް އިނެވެ. އެއީ ރަށުގައި އޭރު އެންމެ ނަން މަޝްހޫރު މީހުންނެވެ. ބޯޓުން އައި މީހުން ފައިބަން އުޅުނީ ކުޑަ ޑިންގީއެއްގައެވެ. ދިހަ ވަރަކަށް މީހުން އެ ޑިންގީއަށް އެރިއެވެ. ރަށުގެ އަތިރިމަތީގައި ގާފުނި ޖަހައި، ގަސްގަހުގައި ރަނގަޅަށް ފައިތިލަ ސާބިތު ކޮށްގެން، ދެން ވާނެ ގޮތް ބަލަން މީހުން ތިއްބެވެ. ނެރާ ދިމާކުރުމުގެ ބަދަލުގައި ޑިންގީއަށް ދެވުނީ ނެރުގެ އެއްފަރާތަށެވެ. ވީމާ ބީހުނީއެވެ. އެއްގަމަކަށް ނާދެވުނެވެ.
"އުކާއުކާ!" ރައްޔިތުންނަށް އޯޑަރުއައެވެ. "ހުއްޓާ ނުލާތި!"
ރައްޔިތުން ގާ އުކައިގަތެވެ. އުކީ ފަތިކޮށް، ހަތާ ބައްޓަމަށް ހުންނަ ގަލެވެ. ގާއުކަށް ފެށުމުން، މާލެއިން އައި ބޯޓުން ބަޑިޖަހަން ފެށިއެވެ. ފުރަތަމަ ޖެހީ މައްޗަށެވެ. ވީމާ، އެ ބަޑީގައި ހުރީ ކޮން ކަހަލަ ވަޒަނެއް ކަމެއް ރަށުރައްޔިތުންނަކަށް ނޭނގެއެވެ.
"ދުންބަޑި، ދުންބަޑި." އެހެން މީހަކު ގޮވައިލިއެވެ.
ވަޒަން ނުހުންނާނެ ކަމުގައި ގަބޫލު ކުރެވިފައިވުމާއި، ދުންބަޑި ދެކެ ބިރުނުގަންނާތީ ރައްޔިތުން ގާ އުކުމުގައި ދެމިތިބީއެވެ. ނަތީޖާއަކަށްވީ ޑިންގީގައި ތިބި މީހުންނަށް އަނިޔާވުމެވެ. ޖަލީލަށް ފެނުނު ގޮތުގައި އެހައި ބޮޑަށް އަނިޔާވީ، އުކި ގާތައް ވަށް ވެފައި، ފަތިވީމައެވެ. ގާއުކުން ކިޔަސް، ގާ ހޫރީއެވެ. ގާތައް ދަނީ ވައިކަފައިފައެވެ. ޑިންގީގައި ތިބި މީހުން ބޮނދައި ރެކުމުގެ ބަދަލުގައި ކުރިމަތިލީ ގާތައް މަތަކުރާށެވެ. ނުވަތަ ހިފާށެވެ. ހުރިހައި މަންޒަރެއް ޖަލީލު ދުށްޓެވެ. މާ ބޮޑަށް ޒަހަމުވާން ފެށުމުން ސިފައިން ތިބި ބޯޓުން ރައްޔިތުންނާ ދިމާއަށް ބަޑިޖަހަން ފެށިއެވެ. ވަޒަން އަރައިގެން އެކަކު މަރުވެގެން ވެއްޓުނެވެ. އެއީ ދޭލިގޭ ތުއްތުމަނިކެވެ. ދެތިން މީހަކު ޒަހަމު ވެސް ވެއްޖެއެވެ. އެކެއްގެ ބަނޑަށް، ހަސަންފުތާގެ ލޯކައިރިއަށް ވަޒަން އަރައި ޒަހަމުވިއެވެ. ވަޑިގޭ ކުދުބޭގެ މުލައްދަނޑިއަށް ވެސް ވަޒަނެއް އެރިއެވެ. އެ ވަރުން ވެސް ރަށު ރައްޔިތުން ދުލެއް ނުކުރިއެވެ. އެމީހުން ދެއްކީ އަންތަރީސްވާ ވަރުގެ ސާބިތުކަމަކާއި ޖޯޝެކެވެ. އެންމެ ފަހުން ޑިންގީ ފުންކޮށްގެން ސިފައިން ގޮސް ބޯޓަށް އަރައި، މާލެއަށް ދަތުރު ފެށީއެވެ. ސިފައިންނަށް ކުރިމަތިވީ ލަދުވެތި ނާކާމިޔާބެކެވެ.
ރަށުތެރެއިން ތަރުހީބާއި، ތަކުބީރުގެ އަޑު ގުގުމައިލިއެވެ. އަނިޔާވި މީހުންނަށް އެހީވާން އެކި ދިމަދިމާއިން މީހުންތައް ނުކުތެވެ. ރޯ މީހުން ރޮނީއެވެ. ރުޅި އައިސްފައިވާ މީހުން ހަޅޭއްލެވީއެވެ. ކުރަންވީ ކީއް ކަމެއް ނޭނގި، ފާޑުކިޔުމުގައި ވެސް ވަގުތުތަކެއް ބޭކާރުވިއެވެ. ޖަލީލުގެ ހިތުގައި އުފެދުނީ މަސްހުނި ޝުއޫރެކެވެ. ދެރަވިއެވެ. ރުޅި ވެސް އާދެވުނެވެ. ވަޒަން އަރައިގެން ޒަހަމުވީ މީހުން ދޯންޏަކަށް ލައިގެން ގެންދިޔައީ އައްޑުއަށެވެ. އިނގެރޭސި ސިފައިން ބައެއް މީހުންނަށް ފަރުވާދިނެވެ. ބައެއް މީހުން ސިލޯނަށް ވެސް ފޮނުވިއެވެ. މަރުވީ އެންމެ މީހެކެވެ.
ބަލިވެގެން މާލެ އައި ލަޝްކަރުގެ ވެރިން ވަޒީފާއިން ވަކިކުރިއެވެ. ދެވަނަ ލަޝްކަރު ތައްޔާރުކުރިއެވެ. ކުރިޔަށް ވުރެ ހަތިޔާރާއި މީހުން ގިނަ ކޮށްފައި، ބިރު ކުޑަ ވެރިޔަކު އިސްކުރިއެވެ. ކާމިޔާބީގެ އުފާފާޅުކުރަން ތިބި މީހުން އޭރު ވެސް އުފާކުރަނީއެވެ.
"ކޮބާހީވޭ!" ހަމީދު ބުންޏެވެ. "ހުންނާނީ ރާކަނިމަސްކެވިފަ."
"އަދި އަންނާނެ،" ޔަގީންކަމާ އެކުގައި ޖަލީލު ބުންޏެވެ. "ޔަގީން ކަށަވަރު."
"އަހަރުމެން ވެސް ދެން ޖަހާނީ ބަޑި." ލޭހޫނުވެފައިވާ ހަމީދު ބުންޏެވެ.
ހަމީދު ބަރޯސާވީ އަރާފައިވާ އަޑަކަށެވެ. އިނގިރޭސި ސިފައިން ދޭނެ ކަމަށް ބުނެފައިވާ އެހީތެރިކަމަށެވެ. އެ ވާހަކަ ދެކެވުނީ ތުންތުންމަތީންނެވެ. އެކަކަށް ވެސް ހަގީގަތެއް ނޭނގެއެވެ. ޖަލީލަށް ވިސްނުނު ގޮތުގައި، އެއްބަޔަކު އަތުގައި ބަޑި ހުރުމުން މަރުވާ މީހުންނަށް ވުރެ، ދެބައިމީހުންގެ އަތުގައި ހަތިޔާރު ހުރުމުން ލިބޭ ގެއްލުން ބޮޑުވާނެއެވެ. ބަޑިއަކީ އަތަށް ލިބޭ އިރަށް ޖެހޭ އެއްޗެއް ނޫނެވެ. ބަޑިޖަހަން ފަރިތަކުރަން ޖެހޭނެއެވެ. އެހައި ވަގުތު ލިބޭނެބާއެވެ؟ އެ ސުވާލު ވެސް ޖަލީލުގެ ހިތުގައި އުފެދުނެވެ.
ކުރިޔަށް ވުރެ ބޮޑަށް ރޭތައް ނާމާންވިއެވެ. އިރުއޮއްސުމުން އަންހެނުންނާއި ކުޑަކުދީން ނިދަން ބައިތިއްބާފައި ފިރިހެނުން ތިބެނީ ހޭލައެވެ. ރައްޔިތުން ހޯދި ކާމިޔާބަށް އެކި ކަންކޮޅުތަކުން ތަހުނިޔާކިއި ނަމަވެސް، ޖަލީލަކަށް ހަމަނޭވައެއް ނުލެވެއެވެ. އެކި މީހުނާ ވަކިވަކީން ބައްދަލުކޮށް، ވިސްނައިދޭން މަސައްކަތްކުރިއެވެ. ރަށް އޮތީ ބައިބައިވެފައެވެ. އެއީ، ދިވެހި ސަރުކާރާ ވަކިވާން ބޭނުންވާ ބަޔަކާއި ސަރުކާރުގެ އެހީތެރިކަން ލިބިއްޖެ ނަމަ އެ ގޮތް މާ ރަނގަޅު ކަމަށް ދެކޭ ބައެކެވެ. އިނގިރޭސީންގެ އަތްދަށަށް ދާން ރުހޭ މަދު ބަޔަކު ވެސް ތިއްބެވެ.
މާލެއިން އަނެއްކާ ވެސް ބޯޓު ފުރި ޚަބަރު ރަށުތެރެއަށް ފެތުރުނެވެ. ބިރުވެރި ގޮތަކަށެވެ. އަންނަނީ އެންމެ ބޯޓެއް ނޫނެވެ. އެތައް ބޯޓެކެވެ. ބޮޑުބަޑި ވެސް އެބަ ގެނެއެވެ. އެއިން އުންޑަ ޖަހަން ފަށައިފިއްޔާ ރަށެއް ނޯންނާނެއެވެ. ފީނާ ބަޔަކު ވެސް އެބަ އާދެއެވެ. ރަށުގެ ކޮންމެ ދިމާއަކުން ވެސް އެ މީހުން އަރައިފާނެއެވެ. އެ ވާހަކަ ގަބޫލުކުރާކަށް ޖަލީލަކަށް ފަސޭހައެއް ނޫނެވެ. އެހެނަސް، ދެކޮޅަށް އެއްޗެއް ނުބުނެ ހުރީއެވެ. ފަހުން އެނގުނު ގޮތުގައި އެއީ ބަޔަކު އެރުވި އަޑެކެވެ. ކާމިޔާބު ބުހުތާނެކެވެ.
ރަށުގެ ގިނަ ބަޔަކު މާލެކޮޅަށް ދީލައިލިއެވެ. އެއީ ގަދަ ދެއްކުމެއް ނެތި ރަށު މީހުން އެނބުރު އެނބުރުމެކެވެ. އެމީހުންގެ އެހީތެރިކަމާ އެކު މާލެއިން ފަންސަވީސް ސިފައިން ފުވައްމުލަކަށް އެރިއެވެ. އެންމެ އުންޑައެއް ވެސް ބޭނުން ކުރާކަށް ނުޖެހެއެވެ. ސިފައިން މުލަކުގައި މަޑުކުރީއެވެ. އައީ އެންމެ ބޯޓެކެވެ. އެއިން ބޮޑުބަޑިއެއް ނުގެނެއެވެ. ފީނާ ބަޔަކު ވެސް ނާދެއެވެ. މިނިވަންކަމުގެ ހުވަފެން ދުށް މީހުން ދުށީ އެއީ އެމީހުންގެ ބުރަކަށްޓަށް ހަރައިލި ވަޅިއެއް ކަމުގައެވެ.
ރަށުގެ ގިނަ ބަޔަކު އިދިކޮޅަށް ދީލައިލިއެވެ. އެ ދުވަސްވަރު އޮއިވަރު ބަދަލުވަމުން ދިޔައީ ބަސްބުނާ ހިނދުންނެވެ. ރޭގަނޑުގެ ކަނު އަނދިރީގައި، އައްޑޫއިން ފުވައްމުލަކަށް ދޯންޏެއް އައި ޚަބަރު، ހިރަފުސް އޮބިފައިވާ ރަށުތެރެއަށް ފޭދިގެން ދިޔައެވެ. އެރޭ ރަށުތެރޭގައި އަޑު އަރުވާފައި އޮތީ، އައްޑޫއިން ދޯނީގައި އައީ އިނގެރޭސި ސިފައިން ކަމަށެވެ. އެކަމަކު އައީކީ ސިފައިންނެއް ނޫނެވެ. އާންމުންގެ ބައެކެވެ. ވެރިޔަކަށް ހުރީ މާ ހަރުދަނާ މީހެއް ވެސް ނޫނެވެ.
އައްޑޫ ކޮޅަށް އޭރު ބޮޑަށް ޖެހިފައި ތިބީ ހޯދަޑުއަވަށު މީހުންނެވެ. އެ ދިމާގައި ނެރެއް ވެސް އޮވެއެވެ. އަޑު އެރި ގޮތުގައި، އައްޑޫއިން އައި ދޯނި ވަނީ ވެސް، އެ ހޯދަޑުއަވަށާ ދިމާގައި އޮތް ނެރުންނެވެ. އެ އައި މީހުންނާ ގުޅިގެން ހޯދަޑުއަވަށު މީހުން އެ ރޭ ނުކުތެވެ. ވަރަށް ވެސް ސިއްރިޔާތުގައެވެ. އެމީހުންގެ އަމާޒަކީ އަތޮޅުގެއެވެ. ސިފައިން ތިބީ އެ ތަނުގައެވެ. ދަމުފޯރިޔަށެވެ. ތިމާމެންގެ އަދަދަކީ އެންމެ ފަންސަވީސްކަމާއި، ދެ އަތަށް ކިރިކިރި ތިބި އެތައް ސަތޭކަ ރައްޔިތުންގެ ނިޔަތް ކޮންމެ ވަގުތަކު ވެސް ބަދަލުވެދާނެކަން ދިވެހި ސިފައިންނަށް އެނގެއެވެ. ދަންވަރުގެ ހަމަހިމޭންކަމާ އެކު ރަށުތެރެއަށް ފަތުރައިލި އަނދިރީގެ ރަޖާގަނޑު ތެރޭގައި، ހިނިތަކެއްގެ މިސާލުގައި ރައްޔިތުން ހިރެން ފެށިއެވެ. ސިއްރުސިއްރުން މަޑުމަޑުންނެވެ. ލަސްލަހުން ފިރުކެމުންނެވެ. ދުރުގައި ބަލަހައްޓައިގެން ހުރުން ފިޔަވައި، ކުރެވޭނެ އެހެން ކަމަކާ މެދު ޖަލީލު ޖެހުނީ ފުންކޮށް ވިސްނާށެވެ. ކުއްލިއަކަށް އިވުނީ މީހަކު ތުނބުންފުމެލި ކަހަލަ ވަރަށް ތޫލި އަޑެކެވެ. (ނުނިމޭ)