ރާއްޖޭން ހައްޔަރުކުރި ރަޝިއާގެ ހެކަރު ކުށްވެރިން ބަދަލުކުރުމުގެ ޕްރޮގްރާމެއްގައި އެމެރިކާއިން މިނިވަންކޮށްފި
ރާއްޖޭން ހައްޔަރުކުރި ރަޝިއާގެ ހެކަރު ކުށްވެރިން ބަދަލުކުރުމުގެ ޕްރޮގްރާމެއްގައި އެމެރިކާއިން މިނިވަންކޮށްފި

ރާއްޖޭގައި ހުއްޓައި ހައްޔަރުކޮށްގެން ގެންގޮސް އިއްވި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ރަޝިއާގެ ހެކަރު ރޯމަން ސެލެޒްނޯވް، ރަޝިއާ އާ އެކު ކުށްވެރިން ބަދަލުކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން އެމެރިކާއިން މިނިވަންކޮށްފި އެވެ.

ލޯބިވެރިޔާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރަން ގޮސް އެއާޕޯޓުގައި ހުއްޓާ ސެލެޒްނޯވް ހައްޔަރު ކުރީ ޖުލައި 2014 ގަ އެވެ. އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖެ އައިސް ހިންގި އޮޕަރޭޝަނެއްގައި ސެލެޒްނޯވް ހައްޔަރުކޮށް، އޭނާ ގެންދިޔައީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ރަށެއް ކަމަށްވާ ގުއާމަށެވެ.

ސެލެޒްނޯވަކީ، އެމެރިކާ އިން ބުނާ ގޮތުގައި، އޮކްޓޫބަރު 2009 އިން ފެބްރުއަރީ 2011އާ ދެމެދު އެމެރިކާގެ އެކި ފިހާރަތަކުގެ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެޝިންތަކެއް ހެކުކޮށް، މީހުންގެ ކްރެޑިޓް ކާޑުގެ މައުލޫމާތު ވަގަށް ނަގާފައިވާ މީހެކެވެ. އެ މައުލޫމާތު އޭނާ އެކި ފަރާތްތަކަށް ވިއްކުމުގެ ސަބަބުން 169 މިލިއަން ޑޮލަރުގެ ގެއްލުން ތަފާތު 3،700 ބޭންކަށް ލިބުނު ކަމަށް އެމެރިކާ އިން ބުނެ އެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، 27 އަހަރަށް ސެލެޒްނޯވް ޖަލަށްލާން ހުކުމް ކުރީ 2017 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖެ އައިސް ހަރަކާތްތެރި ވިޔަސް، އެއާޕޯޓުން ސެލެޒްނޯވް ހައްޔަރުކުރީ ދިވެހި ފުލުހުން ކަމަށް އެމެރިކާ އާއި ދިވެހި ސަރުކާރުން ވެސް އޭރު ބުންޏެވެ. އެކަމަކު، "ހަވީރު" ނޫހުން އޭރު ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެއާޕޯޓުގެ ޑިޕާޗާ ހޯލަށް ސެލެޒްނޯވް ވައްދައި އޭނާ ހައްޔަރަށް ގެންދިޔައީ އެެމެރިކާގެ އެޖެންޓުންނެވެ. ރާއްޖެ އައި އެމެރިކާގެ އެޖެންޓުން ދިވެހި ފުލުހުންނަށް ދެއްކީ ވެސް ވަގު އިންޓްޕޯލް ނޯޓިސްއެއްކަން ވެސް އެނގުނެވެ.

ރަޝިއާ އިން ވެސް ބުނާ ގޮތުން އެމެރިކާ އާއި ރާއްޖޭން ގުޅިގެން ސެލެޒްނޯވް ވަނީ "ރަހީނުކޮށްފަ" އެވެ. ރަސްމީ ޝަރީއަތުގެ ކުރިން، ސެލެޒްނޯވްގެ ބަންދާ މެދު ގޮތެއް ނިންމަން ގުއާމްގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި އޭނާގެ ވަކީލުން އެ މައްސަލަ ނަގަން ވެސް ނެގި އެވެ. ރާއްޖޭގެ ބައެއް ފަރާތްތަކުން ވެސް ހެކިބަސް ދިން އެ ޝަރީއަތްތަކުގައި، އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ރަށުގެ ކޯޓުން ނިންމީ ސެލެޒްނޯވް ހައްޔަރުކުރީ ރަނގަޅަށް ކަމަށެވެ. އަދި އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަކުން ވެސް ވަނީ އޭނާ ހައްޔަރުކުރި މައްސަލައާ މެދު އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށް ފަހުން ކަނޑައަޅާފަ އެވެ.

ސެލެޒްނޯވް ހިމެނުނީ ހުޅަނގުގެ ބައެއް ގައުމުތައް ވެސް ހިމެނޭ ގޮތަށް 24 ކުށްވެރިއަކު ބަދަލުކުރި ޕްރޮގްރާމެއްގަ އެވެ. އެކި ތުހުމަތުތަކުގައި ރަޝިޔާއިން ހައްޔަރުކޮށް ހުކުމްކޮށްފައިވާ އެމެރިކާ އާއި ޔޫރަޕްގެ މީހުން އެ ގައުމުން ދޫކޮށްލި އިރު އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ޖަލަށް ލާފައިވާ ރަޝިޔާގެ އެތައް ބަޔަކު ވެސް ވަނީ މި ޕްރޮގްރާމްގައި ދޫކޮށްލައިފަ އެވެ.