02 އޯގަސްޓް 2024 - 16:29

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު މެންދުރު ފަހު ފަށައިފި އެވެ.

މާލެ ދާއިރާ ހިމެނޭހެން ޖުމްލަ 20 ދާއިރާއެއްގެ ބައި އިލެކްޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ މެންދުރު 2:30 އިން މިރޭ 9:00 އާ ހަމައަށެވެ.

އެ ޕާޓީން އާއްމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ ދާއިމީ ލިސްޓުގައިވާ ގޮތުން 20 ދާއިރާއަކަށް 10،683 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލެވޭނެ އެވެ. މި ވޯޓަށް މާލެ ސަރަހައްދުގައި 27 ފޮއްޓަކާއި ރަށްރަށުގައި 24 ފޮށި ބަހައްޓާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

މި އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑީ މާލެ ދާއިރާގެ ރައީސްގެ މަގާމަށެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެ މާގަމަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހް އެވެ.
މެދުހެންވޭރު ދާއިރާއަށް ވާދަ ކުރައްވަނީ މީކާއިލް މުހައްމަދު ރިޔާޝް އާއި އަހުމަދު ޝައްފާން އެވެ. ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވަނީ ކުރީގެ މެމްބަރު އިބްރާހިމް މުއިއްޒު އާއި އަހުމަދު އަހުނަފް ފިރާގު އެވެ.
ވާދަވެރިކަން ބޮޑުކޮށް ފެންނަ ގަލޮޅު އުތުރު ދާއިރާއަށް ވާދަކުރައްވަނީ އައިކް އަހުމަދު އީސާ އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
މައްޗަންގޯޅި އުތުރު ދާއިރާއަށް އެމްޑީޕީގެ އެކްޓިވިސްޓު ހަދީޖާ މުހައްމަދު ވާދަ ކުރައްވާއިރު އެ ދާއިރާއަށް ދެން ވާދަ ކުރައްވަނީ ލިރުއާމް ވަހީދު އެވެ.
މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވަނީ ފުރުޝާން މުހައްމަދާއި އިފްހާމް ހުސެއިން އެވެ. ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރަނީ މަރިޔަމް އީމާ ޝަފީގާއި މުހައްމަދު ގުދުރަތުﷲ އަދި މާޒް އަހުމަދު ސަލީމެވެ.
ހުޅުމާލެ މެދު ދާއިރާއަށް ސަފާތު އަހުމަދު ޒާހިރު އާއި އަހުމަދު ޝަފީގު ވާދަކުރައްވާއިރު ހުޅުމާލެ އުތުރަށް ވާދަ ކުރައްވަނީ އަބްދުﷲ ނަސީރު މުހައްމަދާއި ފާތިމަތު ޒަހިއްޔާ އަދި ޔޫސުފް ސިރާޖު އެވެ.
ތިނަދޫ ސިޓީގެ ރައީސް ކަމަށް ވާދަ ކުރައްވަނީ އެ ދާއިރާގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުލް މުޣުނީ އާއި އަހުމަދު ގައިސް އެވެ.
މިއަދު ވޯޓުލުން ކުރިއަށް ގެންދާއިރު، ވޯޓަކާ ނުލައި އެމްޑީޕީގެ ދާއިރާތަކުންނާއި ރަށްތަކުން ހުސްވެފައިވާ މަގާމުތަކަށް 34 މީހަކު ހޮވިފައިވާ ކަން އެ ޕާޓީން ވަނީ މިދިޔަ މަހު އިއުލާންކޮށްފަ އެވެ.