01 އޯގަސްޓް 2024 - 20:54

ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް ރާއްޖޭގައި ދިރިއުޅެމުން ދިޔަ ޓޫރިސްޓަކު ޑީޕޯޓުކޮށްލައިފި އެވެ.
އިމިގްރޭޝަނުން މިރޭ ބުނީ، ނޯވޭއަށް ނިސްބަތްވާ މި ފަތުރުވެރިޔާ ރާއްޖެއަށް އައިސްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
އޭނާގެ ވިސާގެ މުއްދަތު ހަމަވުމުން ވެސް އެނބުރި ގައުމަށް ނުގޮސް، ރާއްޖޭގައި މަސައްކަތް ކޮށްގެން ދިރިއުޅެމުން ދިޔަ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ބުނީ އެ ކަމާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭނާ އިމިގްރޭޝަންގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެފައި ވާތީ އޭނާ ވަނީ މިހާރު ޑީޕޯޓުކޮށްފައި،" އިމިގްރޭޝަނުން ބުންޏެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންނާ އެހެނިހެން ގޮތްގޮތުން ވިސާއަށް މަކަރު ހަދައިގެން ރާއްޖޭގައި ދިރިއުޅޭ މީހުން ދެނެގަނެ، އިމިގްރޭޝަނުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ.