01 އޯގަސްޓް 2024 - 20:42

އިޖުތިމާއީ މިންގަނޑާ ހިލާފު ގިނަ ކޮންޓެންޓުތަކެއް ޝާއިއު ކުރަމުން ގެންދިޔަ "ދެންމެ" ވެބްސައިޓު ބްލޮކް ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އަންގައިފި އެވެ.
ރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަތަކާއި އަންހެނުންނަށް ކުޑައިމީސް އަދި ހަޑިހުތުރު ބަހުން އެކި ހަބަރުތައް ގެނެސްދެމުން ދާތީ އެ ވެބްސައިޓުގެ މައްސަލަ ބަލަން ފެށީ މީޑިއާ ކައުންސިލުން އިސް ނަގައިގެންނެވެ.
އެ ކައުންސިލްގެ ޝަކުވާ ކޮމިޓީން މި މައްސަލަ ބެލުމަށް ފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން އެ ވެބްސައިޓަކީ ރާއްޖޭގެ އެއްވެސް ތަނެއްގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ވެބްސައިޓެއް ނޫން ކަން 2023 ވަނަ އަހަރު އެ މައްސަލަ ބެލުމުން ވެސް އެނގުނު ކަމަށެވެ.
އޭރު ވެސް އެ ވެބްސައިޓާ ގުޅޭ މައުލޫމާތު ހޯދުމަށް އިއުލާނުކޮށްފައިވާނެ ކަމަށާއި އޭގެ ފަހުން ދުވަސްކޮޅަކަށް އެފަދަ ކޮންޓެންޓުތައް މެދުކެނޑުމަށް ފަހު އަލުން ފެށުނު ކަމަށް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުން އެ ވެބްސައިޓުން ގެންދަނީ ކޮންމެ ދުވަހަކު ވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު މަދުވެގެން އެއް ލިޔުން ޝާއިއު ކުރަމުންނެވެ. އަދި އާންމު ހަބަރު ގެނެސްދިނުމުގައި ވެސް ބަދު އަހުލާގީ ހަޑިހުތުރު ބަސް ބޭނުންކޮށް އެކި މީހުންގެ އަބުރަށް އަރައިގަންނަމުން ދިޔަ ކަން ކޮމިޝަނުން ބެލި ބެލުމުން ފާހަގަވި ކަމަށް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ މިފަދަ ލިޔުންތައް އާންމުންގެ މެދުގައި ވަރަށް ބޮޑަށް ދައުރުވެ، ވައިރަލް ވެފައިވާ ކަމަށާއި ސޯޝަލް މީޑިއާ އިންޓަރެކްޝަންސްތަކުގެ އަދަދު ވެސް ގިނަ ކަމަށެވެ.
އެ ވެބްސައިޓުން ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑާ ތަކުރާރުކޮށް ފާޅުކަން ބޮޑުގޮތެއްގައި ހިލާފުވެފައިވާ ކަން ފާހަގަކޮށް ވެބްސައިޓު ބަންދުކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް އެންގުމަށް އެމްއެމްސީން ވަނީ ފާސްކޮށްފަ އެވެ.