ޣައްޒާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްގެން ކުލަބުން ބޭރުކުރި ކުޅުންތެރިޔާ ކާޑިފަށް
ޣައްޒާގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްގެން ކުލަބުން ބޭރުކުރި ކުޅުންތެރިޔާ ކާޑިފަށް

ކާޑިފް (އޮގަސްޓް 1) - ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކޮށްގެން ޖަރުމަންގެ މެއިންޒުން ބޭރުކުރި ފޯވާޑް އަންވަރު އަލް ގާޒީ، އިނގިރޭސި ދެވަނަ ޑިވިޝަނުގައި ކުޅޭ ވޭލްސްގެ ކާޑިފާ ގުޅިއްޖެ އެވެ.

އެސްޓަން ވިލާ އާއި އެވަޓަން އަށް ވެސް ކުޅުނު އަލް ގާޒީ ވަނީ ނެދަލެންޑްސްގެ ޕީއެސްވީ އަށް ވެސް ކުޅެފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މައިންޒަށް ސޮއި ކުރި އެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ސޯޝަލްމީޑިއާގައި އޭނާ ކަންބޮޑުވުން ފާޅުކޮށްގެން މެއިންޒުން އޭނާ ސަސްޕެންޑް ކުރި އެވެ. އޮކްޓޯބަރު ކުރިން ދެފަރާތް އެއްބަސްވެގެން އޭނާގެ އެއްބަސްވުން އުވާލި އެވެ.

ޖަރުމަނިގެ ކޯޓަކުން މިދިޔަ މަހު ވަނީ، މެއިންޒްގެ ނިންމުން ގޯސް ކަމަށް ކަނޑައަޅައިފަ އެވެ. މިއާ އެކު ބަދަލުގެ ގޮތުގައި މެއިންޒުން އޭނާ އަށް 1.63 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް އޭއެފްޕީ ނޫސް އެޖެންސީން ބުންޏެވެ.

އެލް ގާޒީ، 29، ވަނީ ބުނެފައި ވަނީ ސޯޝަލްމީޑިއާގައި ހިއްސާކުރި ޝުއޫރުތަކާ ގުޅިގެން އަދަބު އަދަބު ލިބުނަސް އެކަމާ ދެރަ ނުވާ ކަމަށެވެ.

"ޣައްޒާގައި ހިނގަމުންދާ ކަންކަން އަހަރެމެންނަށް ފެންނައިރު ހިމޭނުން ތިބުމަކީ ވިސްނުންތެރި ގޮތެއް ކަމަށް ނުދެކެން،" އަލް ގާޒީ ބުންޏެވެ.

ނެދަލެންޑްސްގެ ގައުމީ ޓީމަށް 2015 ވަނަ އަހަރު ދެ މެޗު ކުޅެދީފައިވާ އަލް ގާޒީ ވަނީ ޔޫރޯ 2020 އަށް ތައްޔާރުވި ނެދަލެންޑްސްގެ ސްކޮޑުން ފުރުސަތު ލިބިފަ އެވެ. ނަމަވެސް މުބާރާތަށް ނެގި ފައިނަލް ސްކޮޑުން ޖާގައެއް ނުލިބުނެވެ.

ނެދަލެންޑްސް އަށް އުފަން އަލް ގާޒީގެ މައިންބަފައިނަނަކީ މޮރޮކޯގެ ދެމަފިރިންނެވެ. އޭނާ ވަނީ 2022 ވަނަ އަހަރު، މޮރޮކޯ ގައުމީ ޓީމަށް ކުޅެން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.