27 އަހަރަށް ފަހު ސައުދީ ޚާރިޖީ ވަޒީރު އިރާގުގައި
27 އަހަރަށް ފަހު ސައުދީ ޚާރިޖީ ވަޒީރު އިރާގުގައި

ބަޣުދާދު (ފެބްރުއަރީ 26) - އިރާގާ އެކު ގުޅުން ރަނގަޅު ކުރުމުގެ ދަތުރުފުޅެއްގައި ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ބަޣުދާދަށް ވަޑައިގެންފި އެވެ.

މިއީ 1990 ވަނަ އަހަރުގެ ފަހުން ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރަކު އިރާގަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި މިއީ 2003 ވަނަ އަހަރު އެމެރިކާ ކޯލީޝާނުން އިރާގަށް އަރައިގަތް ފަހުން އެ ގައުމަށް ދަތުރުކުރި ސައުދީ ފުރަތަމަ މަތީ ފެންވަރުގެ ވަފުދެވެ.

އިރާގުގެ ޚާރިޖީ ވަޒީރު އިބްރާހިމް އަލް ޖާފަރީ އާއި ބޮޑު ވަޒީރު ހައިދަލް އަލް އަބާދީއާ ބައްދަލު ކުރެއްވި ޖުބައިބަރު ވަނީ ސައުދީން އާ ސަފީރެއް އިރާގަށް ކަނޑައަޅާނެ ކަމަށް ވިދާޅުވެފަ އެވެ. ފަންސަވީސް އަހަރުގެ މެދު ކެނޑުމަކަށް ފަހު ސައުދީ އެމްބަސީއެއް ބަޣުދާދުގައި ހުޅުވީ 2015 ވަނަ އަހަރު އެވެ. ނަމަވެސް މިދިޔަ އޮގަސްޓް މަހު ސަފީރު މަގާމުން ވަކި ކުރި ފަހުން އެ މަގާމު އޮތީ ހުހަށެވެ. ސީދާ ފްލައިޓްތައް ދެ ގައުމުގެ މެދުގައި ފަށަން ސައުދީން ޝައުގުވެރިވާ ކަމަށް އިރާގުގެ ޚާރިޖީ ވުޒާރާ އިން ބުނެފައިވެ އެވެ.

އިރާގާއި ސައުދީގެ ގުޅުން ހީނަރުވެފައި ވަނީ ބަޣުދާދުން އީރާނާ އެކު ގުޅުން ބަދަހި ކުރަމުންދާކަމުގެ ތުހުމަތާ އެކު އެވެ. ސައްދާމު ހުސައިންގެ ވެރިކަން 2003 ވަނަ އަހަރު ވައްޓާލި ފަހުން އީރާނުގެ ނުފޫޒް އިރާގުގައި ގަދަ އެވެ.