01 އޯގަސްޓް 2024 - 16:32

އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓްގައި، ވާދަކުރި ހީޓުން ތިންވަނަ ހޯދައި ރާއްޖޭގެ މުހައްމަދު އާން ހުސައިން ގައުމީ ރެކޯޑް މުގުރާލައިފި އެވެ.
ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގެ 50 މީޓަރު ފްރީސްޓައިލް ހަތަރުވަނަ ހީޓްގައި ވާދަކޮށް، އަށް ފެތުންތެރިންގެ ތެރެއިން އާން ތިންވަނަ ހޯދި 24.22 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެ ހީޓްގައި ވާދަ ކުރި އެއްވެސް ފެތުންތެރިޔަކު ވެސް ސެމީ ފައިނަލަށް ނުދިޔަ އެވެ. އެއީ ޖުމުލަ 73 ފެތުންތެރިންގެ ތެރެއިން ގަދަ 16 އިން ޖާގަ ނުލިބުމުންނެވެ.. ހުރިހާ ހީޓްތައް ނިމުނު އިރު އާން އަށް ލިބުނީ 73 ފެތުންތެރިންގެ ތެރެއިން 50 ވަނަ އެވެ.
ރޭސް ފެށިގެން ފުރަތަމަ 19 ސިކުންތާ ހަމައަށް ވެސް ހީޓްގެ ދެވަނައިގައި އޭނާ ހިފެހެއްޓި އެވެ. ތިންވަނަ އަށް އޭނާ ސޮއްސާލީ އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގަ އެވެ.
ފްރީ ސްޓައިލް 50 މީޓަރުގެ ރެކޯޑް ވެސް އެންމެ ފަހުން އޮތީ އާން އަތުގަ އެވެ. މެއި މަހު މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްގައި ވާދަކޮށް 24.28 ސިކުންތުން އާން ރޭސް ނިންމި އެވެ. އޭނާ މިއަދު ރެކޯޑް އާ ކުރީ 00.06 ސިކުންތު އަވަހަށެވެ.