01 އޯގަސްޓް 2024 - 16:08

ވިޒިޓް މޯލްޑިވްސް ޕްރޯ 2024 - ބޮޑީބޯޑިން ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއި ކޮށްފި އެވެ.
މިއީ، ބައިނަލްއަގުވާމީ މި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއި ކުރި ދެ ވަނަ އަހަރެވެ. މި ޓޯނަމެންޓް ބާއްވަނީ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)އިން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނާ ގުޅިގެންނެވެ.
މިއަދު ފަށާ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.
އައިބީސީގެ ވޯލްޑް ޓުއާގެ "މޯލްޑިވްސް ޕްރޯ" ސީރީސްގައި ރާއްޖެއިން ތިން ވަނަ ފަހަރަށް ބައިވެރިވާއިރު، މިދިޔަ ދެ އަހަރު ވެސް މި މުބާރާތަށް ހޫނު ތަރުހީބެއް ލިބުނެވެ.
ދިރާގުގެ ޑައިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިފަދަ އިންޓަނޭޝަނަލް މުބާރާތަކަށް ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދީ، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ލޯކަލް ޓެލެންޓުތައް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ދިރާގަކީ މި ފަދަ އެކި ހަރަކާތްތަކުގައި އަބަދުވެސް އެއްބާރުލުން ދެމުންދާ ކުންފުންޏެއް ކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވީ މިދިޔަ ދެ އަހަރު އެ ޓޯނަމަންޓް ފުރިހަމައަށް ގެންދެވުނީ ދިރާގުގެ އެހީއާ، އެއްބާރުލުމާ އެކުގައި ކަމަށެވެ. އަދި މި މުބާރާތާ ހެދި ރާއްޖެއަކީ މި ރީޖަނާއި ދުނިޔޭގައި ވެސް ބޮޑީބޯޑިންގެ ވާދަވެރި ޑެސްޓިނޭޝަނަކަށް ވެފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.