ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫން ހިދުމަތް ދޭން ފަށައިފި
ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫން ހިދުމަތް ދޭން ފަށައިފި

ހދ. ކުޅުދުއްފުށީގެ ލޭންޑިން ސައިޓާ މި އަހަރުގެ ފެބުރުއަރީ މަހު ގުޅާލި އިންޓަނޭޝަނަލް ޕީސް ކޭބަލް މިހާރު ސިންގަޕޫރާއި ޔޫރަޕުން ލައިވްވެ، ހިދުމަތް ދޭން ފަށާފައިވާ ކަމަށް އުރީދޫން ބުނެފި އެވެ.

ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫން ހިދުމަތް ދޭން ފަށައިފި
ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫން ހިދުމަތް ދޭން ފަށައިފި

އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނިން މިހާރު ހިދުމަތް ދެމުން އަންނަނީ ޕީސް ކޭބަލް މެދުވެރިކޮށް ކަމަށެވެ. މާލެއިން ބޭރު ރަށަކަށް މި ކޭބަލް ގުޅާލައި ހިދުމަތް ދޭން ފެށުމަކީ އެ ކުންފުނިން ރާއްޖޭއަށް ގެންނަން ބޭނުންވާ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ލިބޭ އިތުރު ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓާ ގުޅާލި ޕީސް ކޭބަލަކީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް ގުޅާލި ފުރަތަމަ ފަހަރެވެ.

މި ކޭބަލަކީ ސިންގަޕޫރާއި ޔޫރަޕްގެ އިތުރުން އެފްރިކާއާ ވެސް ރާއްޖެ ގުޅާލެވޭނެ ބައިނަލްއަގުވާމީ ކޭބަލެކެވެ. މި ކޭބަލަށް އުރީދޫން އިންވެސްޓުކުރަން ނިންމީ އިންޓަނެޓްގެ ހިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. އަދި މި ކޭބަލާ އެކު 5ޖީގެ ގާބިލްކަން އިތުރުކޮށް، އީޖާދީ ހިދުމަތްތަކަށް ފުރުސަތު ހުޅުވި ހަގީގީ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މީގެކުރިން އުރީދޫން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ޕީސް ކޭބަލްގެ ސަބަބުން މިހާރަށް ވުރެން ފުޅާކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތައް ހުޅުވިގެން ދިއުމުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ އެވެ. އޭގެ އިތުރުން އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.