މިހާރު 30: ދިހައެއް
މިހާރު 30: ދިހައެއް

-އަބްރަހަމް ލިންކް

(ޖޫން 12 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޔާސިރު އޭނާގެ ހަޔާތުގެ އެ ކުށުގެ ވާހަކަ ދެއްކުން ހުއްޓާލި އެވެ. މުޅި ތަނަށް ހިމޭންކަން ވެރިވި އެވެ. އެތެރެ ބައިގައި ހުރި މީހާ އޭރު އިނީ މޭޒު މަތީގައި އިށީދެގެންނެވެ. ޔާސިރުގެ ދެ ފަރާތުގައި ތިބި ދެ މީހުން އެއްވެސް ހަރަކާތެއް ނެތި، ކުރިމައްޗަށް، ޕާޓިޝަންގެ ބިއްލޫރިގަނޑަށް ބަލަހައްޓައިގެން، ތިއްބެވެ.

"އެ ކުއްޖާ މަރާލާފައި، ދެން އެހެން އެއްވެސް ކަމެއް ނުކުރަމޭތަ ތި ބުނީ؟" އެތެރޭގައި އިން މީހާ ސުވާލުކުރި އެވެ.

"ދެން އަހަރެން ކޮން ކަމެއް ކުރާނީ؟ މަރުތެޔޮ ހިފައިގެން ނުކުތީ. ނުކުމެގެން ޒައްލޭއާ އެކު ސައިކަލްގައި ގޮސް ލޯންޗަށް އެރީ. ދެން ދިޔައީ މާފުއްޓަށް. ވަގުތު ޖެހުމުގެ ކުރިން ޖަލަށް ވަންނަން،" ޔާސިރުގެ ދެ ކަޅި އެކި ކޮޅުކޮޅަށް ހިންގަމުން ޖަވާބު ދިނެވެ. މިކަހަލަ ތަނެއްގައި، އޭނާގެ ފުރާނަ އަތަށް ލައިގެން އިނދެ، ހަދައިގެން ނުވާނެ ދޮގެއް ހެދިއްޖެކަން އޭނާ އަށް ކަށަވަރުވި އެވެ. އެކަމަކު އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ.

އެމީހާ އިން ގޮތަށް އިނީ އެވެ. ހިމޭންކަމުގެ އެއް މިނިޓެވެ.

"އޭނާ ގެނޭ!" އެމީހާ އަމުރުކުރި އެވެ.

ޔާސިރުގެ އަރިމަތީގައި ހުރި އެކަކު އޭނާގެ ފަހަތުން ގޮސް ދޮރެއް ހުޅުވާލި އަޑު އިވުނެވެ. ދެން އިރުކޮޅަކުން އިވުނީ އެއްޗެއް ދަމާފައި ގެންނަ އަޑެވެ. އެއީ މީހެއްކަން އެނގުނީ އޭނާ ކައިރި އަށް ގެނެސް އެއް ފަރާތުގައި ބެއިން ދީމަ އެވެ. އެ މީހާގެ މޫނު ވަނީ ނިވާކޮށްފަ އެވެ. އެކަމަކު އެއީ އޭނާގެ އެކުވެރި ލޯންޗު ކައްޕި ޒައްލޭކަން އެއްވެސް ޝައްކެއް ނެތި ޔާސިރަށް އެނގުނެވެ. އޭނާ ލައިގެން އިނީ ދެ މީހުން އެންމެ ފަހުން ބައްދަލުވި އިރު ބޭނުންކުރި ރީނދޫ ކުލައިގެ ނައިކް ޓީޝާޓެވެ.

ދެން ކުއްލިއަކަށް ޔާސިރަށް ލިބުނީ ސިހުމެކެވެ. ޒައްލޭގެ ކަނާތު އަތްތިލަ އޮތީ ބެންޑޭޖްކޮށްފަ އެވެ. އެ އަތްތިލައިގެ ކުޑަވާ އިނގިއްޔެއް ނެތެވެ. އޭނާ އަށް ވުރެ ކުރިން މި މީހުންގެ އަނިޔާވެރިކަމުގައި ހައްޔަރުކުރީ ޒައްލޭކަން ޔާސިރަށް ޔަގީންވި އެވެ.

ޔާސިރުގެ އަނެއް ފަރާތުގައި ހުރި މީހާ އެތަނުން ފަހަތަށް ގޮސް ދެން އައީ ގޮނޑިއެއް ހިފައިގެންނެވެ. ޔާސިރާ ދެ ފޫޓެއްހާ ދުރުގައި އެ ގޮނޑި ބެހެއްޓި އެވެ. ޒައްލޭ ނަގާ ބެއިންދުމަށް ފަހު ގޮނޑީގެ ފަހަތަށް ގެންގޮސް އަތް އެއްސި އެވެ. ދެން އޭނާގެ މޫނުގައި އަޅާފައި އޮތް ފޮތި ކޯރި ނެގި އެވެ. އޭނާގެ އަނގަ މަތީގައި ހުރީ ޓޭޕް ވެސް އަޅާފަ އެވެ. އެވެސް ނައްޓާލި އެވެ.

ޔާސިރު ފެނުމުން އޭނާ އަށް ލިބުނު އިތުރު ހަމަޖެހުމެއް ނެތެވެ. އޭގެ ބަދަލުގައި މޫނުމަތީގައި ވަނީ ހާސްކަމާއި ބިރުވެރިކަމުގެ އަސަރުތަކެވެ. ލޯ ވަނީ ރަތްވެފަ އެވެ. ރޮއިގެންކަމެއް ނުވަތަ ލޮލަށް އަނިޔާ ލިބޭ ކަހަލަ އެހެން ކަމެއް ކުރިމަތިވެގެންކަމެއް ނޭނގެ އެވެ. ގުނަވަނެއް ބުރިކޮށްލާ އިރު ކެތްތެރިކަން ކޮޅުންލައި، މުޅި ހަށިގަނޑުގައި އޭގެ ވޭން އަޅާނެކަން ޔަގީނެވެ.

އެކަމަކު މިއަދު ދެ މީހުންނަށް އެކަކު އަނެކަކަށް ހިތްވަރެއް ދީ، އެހީތެރިވެވޭނެ ގޮތެއް ނެތެވެ. އެއަށް ވުރެ މި ނުދަންނަ، އަދި ނުރައްކާތެރި ތިން ދިވެހިންގެ ބާރު ގަދަ އެވެ.

ޔާސިރުމެންގެ ކައިރީގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ޔާސިރުގެ އަރިމައްޗަށް އަނެކަކު ޒައްލޭގެ އަރިމައްޗަށް ހުއްޓި މަޑުކޮށްލި އެވެ. އެންމެން ތިބީ އަނެއް ފަރާތުގައި ހުރި މީހާ ބުނާނެ އެއްޗަކަށް އިންތިޒާރުކޮށްގެންނެވެ. އޭނާ މޭޒު މަތިން ތެދުވެ، ބިއްލޫރިގަނޑާ ކައިރި އަށް ޖެހިލި އެވެ.

"ރަހުމާ މަރާލީ އޭނާ އެއްވެސް ކަމެއް ކޮށްގެންތަ؟" ސުވާލު އަމާޒުވީ ޒައްލޭ އަށެވެ. އޭނާ ޔާސިރާ ދިމާއަށް ބަލައިލި އެވެ. އެވަގުތު އޭނާގެ އެއް ފަރާތުގައި ހުރި މީހާ ކުއްލިއަށް ބޮލުގައި ހިފާ، ބިއްލޫރި ޕާޓިޝަނާ ދިމާއަށް އަނބުރާލި އެވެ. ދެ މީހުން އެކަކު އަނެކަކާ ދިމާއަށް ބަލައިލުން ވެސް މިހާރު މަނާވީ އެވެ.

"އޭނާގެ އެއްވެސް ކުށެއް ނެތް، އަހަރެން ދޮގުހެެދީ،" ޒައްލޭ ބުންޏެވެ. އޭނާގެ އެ ޖަވާބުން ޔާސިރު ދިޔައީ ސިހިގެންނެވެ. އޭނާގެ މޫނުމަތީގައި ދުއްވައިގަތީ ހައިރާންކަމުގެ ރޯޅިއެކެވެ. މިހާރު ރަހުމާގެ މައްސަލަ އެ ދަނީ މުޅިން އެހެން ދިމާލަކަށެވެ.

"ތީ އަހަރެމެން އަތުން ސަލާމަތްވާން ވެގެން ދައްކާ ވާހަކައެއްތަ؟" އެމީހާ ސުވާލުކުރި އެވެ.

"ނޫން. މިއީ ހަގީގަތް. އަހަރެންގެ ކުށުން ރަހުމާ މަރުވީ. އެ ކުށަށް އަހަންނަށް އަނިޔާ ލިބިއްޖެ. އެއީ ހައްގު އަނިޔާއެއް...." ޒައްލޭގެ ލޮލުން ކަރުނަ ފައިބަން ފެށި އެވެ. އޭނާ އަށް ހުއްޓުން އެރި އެވެ. އެކަމަކު ވާހަކަ ކުރިއަށް ގެންދިޔަ އެވެ.

"ޔާއްޓޭ ގާތު އަހަރެން ހެދީ ދޮގު. ރަހުމާ މީހަކާ ރައްޓެއްސެއް ނުވޭ، ޔާއްޓޭގެ ފައިސާތަކެއް ވެސް އޭނާ ނުނަގާ. އެ ފައިސާތައް ވަގަށް ނެގީ އަހަރެން. އެކަން ފޮރުވަންވެގެން ރަހުމާގެ މަތި އެޅުވީ. ރަހުމާގެ އަތުގައި އޮތް ގަޑިއަކީ އަހަރެން އޭނާ އަށް ދިން އެއްޗެއް. އަހަރެން ބުނީ ރަން ކިޔަން އޮތް ދުވަހު ރަހުމާ އަށް ދޭންވެގެން ޔާއްޓޭ ގަނެފައި އަހަރެންގެ އަތުގައި ބޭއްވި އެއްޗެކޭ. ރަހުމާ ބޭނުންކުރާށޭ، ޔާއްޓޭ އުފާވާނީ އެ ގަޑި ބޭނުންކުރިއްޔާއޭ. އެހެން ބުނީމާ އޭނާ ގަޑީގައި ހިފީ ވެސް."

ރުޅިއައިސް ޔާސިރުގެ ދެ ދަތްޕިލާ ޖެހެމުން ދިޔަލެއް ބާރުކަމުން ހީވީ އުފުރިދާނެހެންނެވެ. އޭނާގެ އަތުން އޭނާގެ ލޯބިވެރިޔާ މަރުވީ، އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ނުބައި ދޮގުތަކާއި އޮޅުވާލުންތަކުން ކަމެއް ކުޑަކޮށް ވެސް ހިއެއް ނުކުރެ އެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް ވެރިވެގަތީ ނިދާފައި އޮތް ރަހުމާގެ ބޮލުގައި މަރުތޭލުން ތެޅި ގޮތެވެ. ލޭތައް ބުރައިގެން ދިޔަ ގޮތެވެ. ލެއިން ބެޑްޝީޓް ފޯވަމުން ދިޔަ ގޮތެވެ. އެއިން ކޮންމެ ހަނދާނަކާ އެކު ރުޅިވެރިކަމުގެ ހޫނު ރާޅުބާނިން އޭނާގެ މޫނުގެ ހަންތައް އަދަމުން ދިޔަ ކަހަލަ އެވެ.

"ކަލޭ އެރޭ ކަން ހިނގި ގޮތް ކިޔައިދިން އިރު ދޮގުހެދީ ކީއްވެ؟" ފޮރުވިގެން ހުރި މީހާ މިފަހަރު ސުވާލުކުރީ ޔާސިރަށެވެ.

އެ ސުވާލަށް ޖަވާބު ދެވޭވަރަށް ވުރެ އޭނާގެ ރުޅިވެރިކަން މިހާރު އޮތީ ބޮޑުވެފަ އެވެ. އޭނާގެ ސިކުނޑި އޮތީ ސުމަކަށް ގޮސްފަ އެވެ. އޭނާގެ އަތުގައި ވަޅިއެއް އޮތް ނަމަ މިހާރު އެ ވަދެފައި އޮންނާނީ ޒައްލޭގެ މޭ ތެރެއަށެވެ.

"މި ތަނުގައި އަހަރެމެން ނުބަލާނަން އެކަކު އަނެކަކުގެ އިހުސާސެއް. މި ކޮޓަރީގައި އޮންނާނީ އިންސާފު ނުލިބުނު ދިވެހިންނަށް އިންސާފު ހޯދައިދިނުން. މިތަނުގައި އަހަރެމެން ތިން މީހުން މިކުރާ ކަމަކީ އަނިޔާ ލިބުނު މީހުންނަށް މިކަން ނޭނގުނަސް އެމީހުންގެ ރޫހަށް ހަމަޖެހުން ގެނެސްދިނުން. ދިވެހި ފުލުހުންނަށް، ދިވެހި ކޯޓުތަކަކަށް އެ އިންސާފެއް ހޯދައެއް ނުދެވޭނެ. ކަލޭމެން ދެ މީހުން އެކަކު އަނެކަކު ދެކެ ރުޅިއާދޭތޯ ނާދޭތޯ ބަލާކަށް ވަގުތެއް ނެތް. އަހަރެންގެ ސުވާލަށް ޖަވާބު ދީ!" އެ މީހާ ވަރަށް ހަރުކަށިކަމާ އެކު ބުންޏެވެ.

އެކަމަކު ޔާސިރުގެ މޫނުމަތީގައި ހުރި ރުޅިވެރިކަމަކަށް ބަދަލެއް ނާދެ އެވެ. އޭނާ ހައްޔަރުކޮށްގެން ތިބި ތިން މީހުންނާ މެދު ވިސްނާލެވޭ ވަރެއް ނުވެ އެވެ. ޕާޓިޝަނުގެ އަނެއް ފަރާތުގައި އިން މީހާގެ އަމުރަށް ކިޔަމަންވުމުގެ ނިޔަތެއް ވެސް އޭނާގެ ނެތެވެ. މިހާރު ވިސްނުމުގައި އޮތީ ޒައްލޭ އެކަންޏެވެ. އޭނާ އަށް މިހާރު އެ ލިބެމުން އަންނަ ހުރިހާ ވޭނެއްގެ ސަބަބަކީ ޒައްލޭ އެވެ.

ޔާސިރުގެ އަރިމަތީގައި ހުރި މީހާ އޭނާގެ އިސްތަށިގަނޑުގައި ކުއްލިއަކަށް ހިފި އެވެ. ހާލަތުގެ ނުބައިކަން އިހުސާސްކުރެވުނީ ދެނެވެ.

"ރަހުމާ މަރާލާފައި ހަމައެކަނި މަރުތެޔޮ ދޮވެފައި ހިފައިގެން ނުކުތީއޭ ބުނެ ދޮގު ހެދީ ކީއްވެހޭ އަހަރެން މި ސުވާލުކުރަނީ،" ޔާސިރަށް ވެފައި އިން ގޮތް އެނގޭތީ އޭނާގެ ހަނދާނަށް ކަންކަން ގެނައުމުގެ ގޮތުން އެ މީހާ އަނެއްކާވެސް ބުންޏެވެ.

ޔާސިރު އެ ވާހަކަތައް އަލުން ފެށި އެވެ. އެ ނޫން ގޮތެއް ނެތެވެ.

ރަހުމާގެ ބޮލަށް ވެފައި އޮތް އަނިޔާ ފެނިފައި އޭނާގެ ހިތަށް އެއްވެސް އަސަރެއް ނުކުރި އެވެ. އެ މަރުތެޔޮ މަޑުމަޑުން ރަހުމާގެ ފުރާނަ ނެތް ހަށިގަނޑު ކައިރީގައި ބޭއްވި އެވެ. އޭރު ޗިސްވެފައި އޮތް ބޮލުގެ ތަންތަން ކޮޅުކޮޅުން ބޮކި ޖަހާފައި ލޭތައް ފައިބަ އެވެ.

އޭނާ ދެން ގޮސް ވަނީ ފާހާނާއަށެވެ. ދެ އަތް ރަނގަޅަށް ދޮވެ، ލޭގެ އެއްވެސް އަސަރެއް ނެތްތޯ ކަށަވަރުކުރި އެވެ. ދެން ކޮޓަރި ތެރޭ އެއް ފަރާތު ކަނެއްގައި ހުރި ފަސް ފޫޓުގެ ހަރުގަނޑެއް ގެނެސް ފަންކާއާ ދިމާލުގައި މަޑުމަޑުން ބެހެއްޓި އެވެ. ސީލިން ހަދާފައި ހުރީ ލަކުޑި ފިލައިން ގޮޅިގޮޅި އަށެވެ. ފަންކާ ހަރުކޮށްފައި ހުރި ގޮޅިއާ ދެ ގޮޅި ދުރުން އޭނާ ފިލާގަނޑެއް މައްޗަށް ކޮއްޕާލި އެވެ. އެ ފިލާގަނޑު އެއް ފަރާތަކަށް ޖެހުމާ އެކު އެ ގޮޅީގެ ތެރެއަށް ދެ އަތް ކޮއްޕައިގެން ފައިސާތަކުގައި އަތް ޖެހޭތޯ ބެއްޔެވެ. އެކަމަކު އޭނާ އެތަނުގައި ރައްކާކޮށްފައި ހުރި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އެއްވެސް އަސަރެއް ނެތެވެ.

ފިލާގަނޑު ގެނެސް ރަނގަޅަށް ބަންދުކުރުމަށް ފަހު އޭނާ ހަރުގަނޑުން ފޭބީ ރުޅިވެރިކަމާ އެކުގަ އެވެ. ކުރިން އެ ހުރި ތަނުގައި ހަރުގަނޑު ބެހެއްޓި އެވެ. އަދި ރަހުމާ ކައިރި އަށް ޖެހިލި އެވެ. މަރުވެފައި އޮތް ލޯބިވެރިޔާ އަށް ލިބިފައި ހުރި އަނިޔާ އިން އޭނާގެ ހިތަށް ވަން ހަމްދަރުދީއެއް ނެތެވެ. އޭގެ ބަދަލުގައި އެ މަރުތޭލުން ރަހުމާގެ ބޮލަށް އަނެއްކާވެސް ދޫކޮށްލީ އެތިފަހަރެކެވެ.

މަރުތެޔޮ ދޮންނަން ފާހާނާ އަށް ވަނީ އޭގެ ފަހުންނެވެ. (ނުނިމޭ)