01 އޯގަސްޓް 2024 - 10:40

މި އަހަރުގެ ޖޫން މަހުގެ ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު 67 މިލިއަން ޑޮލަރަށް ދަށްވެއްޖެ އެވެ.
މިއީ އޭގެ ކުރީ މަހަށް ވުރެ ހަތަރު މިލިއަން ޑޮލަރު ދަށް އަދަދެކެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން މިދިޔަ އޭފްރީލް މަހުގައި ރިޒާވް ހުރީ 114 މިލިއަން ޑޮލަރުގަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ޔޫޒަބަލް ރިޒާވްގައި 148 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު، މި އަހަރުގެ މެއި މަހުގެ ރިޒާވް ވަނީ 73 މިލިއަން ޑޮލަރު ދަށްވެފަ އެވެ. އެއީ 50 ޕަސެންޓުގެ ވެއްޓުމެކެވެ.
ޖޫން މަހު ޖުމްލަ ރިޒާވްގައި ހުރީ 509 މިލިއަން ޑޮލަރެވެ. މި އަހަރު ފެށުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 551 މިލިއަން ޑޮލަރެވެ. މި އަހަރު ޖުމްލަ ރިޒާވް އެންމެ ބޮޑަށް އިތުރުވެފައިވަނީ ފެބްރުއަރީ މަހު އެވެ. އެ މަހުގެ ޖުމްލަ ރިޒާވް ވަނީ 588 މިލިއަން ޑޮލަރަށް އަރައިފަ އެވެ.
ޔޫޒަބަލް ރިޒާވްގައި މިވަގުތު ހުރީ ގާތްގަނޑަކަށް އެއް މަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ. ރިޒާވްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވް ހުރީ 179 މިލިއަން ޑޮލަރުގަ އެވެ.
ރިޒާވް އެހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، މާލީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް، ސަރުކާރުން ވެސް ހަރަދު ކުޑަ ކުރުމަށްޓަކައި ފިޔަވަޅުތައް އަޅަން ނިންމާފައި ވަނިކޮށެވެ