01 އޯގަސްޓް 2024 - 10:49

އުރީދޫ މޯލްޑިވްސްގެ 5ޖީ ހިދުމަތް ރާއްޖޭގެ އެކި އަތޮޅުތަކަށް ފުޅާކޮށް، 60 ޕަސެންޓް ރަށްތަކަށް މި ހިދުމަތް ދެމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން އިއުލާންކުރައްވައި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނިން ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފްކޮށް ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކި އަތޮޅުތަކަށް 5ޖީގެ ހިދުމަތް ފުޅާކުރީ އެ އަމާޒަށް ވާސިލުވާން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިޖިޓަލް އެންމެ ބޮޑު ޓްރާންސްފޮމޭޝަނެއް ގެނައުމަށް އަޅަމުންދާ ޕީސް ކޭބަލްގެ މަސައްކަތް ނިމި، ހިދުމަތް ވަނީ ދޭން ފަށައިފަ އެވެ.
ޕީސް ކޭބަލަކީ ސިންގަޕޫރާއި ޔޫރަޕްގެ އިތުރުން އެފްރިކާއާ ވެސް ރާއްޖެ ގުޅާލެވޭނެ ބައިނަލްއަގުވާމީ ކޭބަލެކެވެ.
އުރީދޫގެ އަހަރީދުވަހާ ގުޅިގެން ވަނީ ކަސްޓަމަރުންނަށް ގިނަ އޮފާތަކެއް ތައާރަފްކޮށްފަ އެވެ. މި އޮފާތަކަކީ:
- ސުޕަނެޓަށް ޑެއިލީ ޑޭޓާ ލިބޭ އޮފާ: މިއީ، ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުން ކުރުމަށް ޑެއިލީ ޑޭޓާ ލިބޭ އޮފާއެއް.
- އޭއައި ޕޯސްޓްޕެއިޑް ޕްލޭން: މިއީ އޭއައި މެދުވެރިކޮށް ކަސްޓަމަރުގެ ބޭނުންތަކާއި ގުޅޭގޮތަށް ޕޯސްޓްޕެއިޑް ޕްލޭނެއް ކަސްޓަމައިޒް ކޮށްދޭ އޮފާއެއް، މި ޕްލޭނަކީ ކަސްޓަމަރަށް ފްލެކްސިބިލިޓީ ލިބި އެންމެ ފައިދާވާ ގޮތަށް ފަރުމާކުރެވޭނެ ޕްލޭނެއް.
- ހެއްސަ ޑޭޓާ އެލަވަންސް: މިއީ ކަސްޓަމަރުންނަށް ބޮޑު ޑޭޓާ އެލަވަންސެއް ދޭ އޮފާއެއް.
- އާޗާ ދަންދަން: މިއީ، ދަންވަރު 1 އިން ފަތިހު 5އާ ދެމެދު އެކްޓިވޭޓު ކުރެވޭ ޑޭޓާ އެލަވަންސެއް.
އުރީދޫން ކަސްޓަމަރުންނަށް ތައާރަފްކުރި މި އޮފާތަކުގެ އިތުރުން އުރީދޫ ގްރޫޕުގެ ނުޖޫމް ރިޑީމް ޕްރޮގްރާމު ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި ސޮނީލިވް އާއި ލަޔަންސްގޭޓް ޕްލޭ ފަދަ ޕްލެޓްފޯމުތައް ހިމެނޭ ގޮތަށް އެންޓަޓޭނިއާގެ ނަމުގައި މުނިފޫހިފިލުވުމުގެ އެކި ޕްލެޓްފޯމުތައް ސްޓްރީމް ކުރެވޭ ހާއްސަ ޕޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ.
އޭގެ އިތުރުން މި މަހުގެ އަށް ވަނަ ދުވަހާއި ނުވަ ވަނަ ދުވަހު އުރީދޫ ނޭޝަން އިން ގްލޯބަލް ގޭމިން މުބާރާތެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މި މުބާރާތަކީ ރާއްޖެ އާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެކެވެ. މިއީ 1919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ބާއްވާ މުބާރާތެކެވެ.