31 ޖުލައި 2024 - 23:31

ހުޅުމާލެ 2 ގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރު ދުއްވި މީހާ ފިލައިގެން އުޅެނިކޮށް ހޯދައި މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކާރު ދުއްވި މީހާ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ޝޯޝަލް މީޑިއާގައި އާންމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ކާރުގައި ދެ މީހުން ތިއްބެވެ. އެ ދެމީހުންނަށް އެއްވެސް އަނިޔާއެއް ނުލިބެ އެވެ.
ވީޑިއޯއަކުން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ފަހުން ކާރުން އެ ދެ ފިރިހެނުން ނުކުމެ އެވެ. ކާރު ދުއްވަން އިން، ހުދުކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކާ އެކު ކާރުން ދެން ފައިބަނީ ރީނދޫ ކުލައިގެ ޓީޝާޓެއްގައި ހުރި ފިރިހެނެކެވެ.
އެކްސިޑެންޓުވުމުން އެ ދެ މީހުން ވެސް ކާރުން ފައިބައިގެން ގޮސް އަނިޔާވެފައި އޮތް މީހާ ކައިރީގައި މަޑުކުރެ އެވެ.
އޭގެ އިރުކޮޅެއް ފަހުން، ކާރު ދުއްވަން އިން މީހާ އެހެން މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން އެކްސިޑެންޓް ހިނގި ސަރަހައްދުން ފިލައިގެން ދާ މަންޒަރު އެހެން ވީޑިއޯއަކުން ފެނެ އެވެ.
އެ އެކްސިޑެންޓް ހިނގީ ވިނަރެސް ފްލެޓުތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފަ އެވެ.
ކާރުން ޖެހުނުލެއް ބާރުކަމުން އޭނާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސްޓޭބަލް ކަމަށް އައިޖީއެމްއެޗުން މިރޭ ބުންޏެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާގެ މޫނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.