26 ފެބުރުއަރީ 2017 - 16:37

ހަރާރޭ (ފެބްރުއަރީ 26) - ސިޔާސީ ދާއިރާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ވެރިކަމުން އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނީ ވަކި ކޮންތަނަކަށްތޯ ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ ސުވާލު ކުރައްވައިފި އެވެ.

މުގާބޭގެ 93 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް އިއްޔެ ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ލީޑަރު ވިދާޅުވީ ވެރިކަމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. މުގާބޭ ކުރިން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މީހުން ދަނީ އަޅުގަނޑާ ދިމާލަށް މުގާބޭ ދާން ވެއްޖެ ކަމަށް ބުނަމުން. އެ މީހުންނާ ދިމާލަށް އަޅުގަނޑު ބުނާނީ އަޅުގަނޑު ދާނީ ވަކި ކޮންތަނަކަށްހޭ؟" ގައުމީ ޓީވީންނާއި ރޭޑިއޯ އިން ވަގުތުން ދައްކަމުން ދިޔަ ހަފުލާގައި މުގާބޭ ވިދާޅުވި އެވެ.

މުގާބޭގެ އެއްގަޑިއިރުގެ ތަގްރީރުގައި ވަނީ އޭނާ އަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑަނާޅާނެ ކަމަށް ވިދާޅުވެފަ އެވެ.
"ވެރިކަން ކުރާ ޒާނޫ-ޕީއެފް ޕާޓީ އަށް އަޅުގަނޑު އިސްތިއުފާ ދޭން ޖެހިއްޖެ ކަމަށް ފެނިއްޖެ ނަމަ ދެން ޖެހޭނީ އާ ލީޑަރަކު ހޮވުމަށް ޕާޓީގެ ކޮންގްރެސްއެއް ބާއްވަން. އެކަމަކު ބައެއް މީހުން ދަނީ ވެރިކަމަށް ދެން އަންނަ މީހަކު ކަނޑައެޅުމަށް އަޅުގަނޑާ ދިމާލަށް ބުނަމުން. އެކަމަކު އެކަމެއް އަޅުގަނޑު ނުކުރާނަން،" ޒިމްބާބުވޭގައި 37 އަހަރު ވެރިކަން ކުރެއްވި މުގާބޭ ވިދާޅުވި އެވެ.
ގިނަ ބަޔަކު ބުނަނީ މުގާބޭ އަށް ފަހު ވެރިކަމަށް ގެންނަން ތައްޔާރު ކުރަނީ އަނބިކަނބަލުން 51 އަހަރުގެ ގްރޭސް މުގާބޭ ކަމަށެވެ. ފަހަކަށް އައިސް ސިޔާސީ ކަންކަމުގައި އުޅުއްވުން ގްރޭސް ގެންދަވަނީ ގިނަ ކުރައްވަމުންނެވެ.
މުގާބޭގެ އުފަން ދުވަހު ވަނީ 93 ކިލޯގެ ކޭކެއް ފަޅައިފަ އެވެ. ކޭކު ތައްޔާރުކޮށްފައި ވަނީ އެފްރިކާގެ ބައްޓަމަށެވެ. ޕާޓީ އިންތިޒާމް ކުރި ފަރާތުން ބުނީ އެ ގޮތަށް ކޭކް އެޅީ އެފްރިކާގެ އެންމެން ވެސް މުގާބޭ ދެކެ ލޯބިވާތީ ކަމަށެވެ. އުފަން ދުވަހުގެ ޕާޓީގައި މުގާބޭ ހުންނެވީ ވަރަށް ކުލަ ގަދަ ގަމީހަކާއި ކަޅު ކުލައިގެ އައިނެއް އަޅުއްވައިގެންނެވެ.
"އަޅުގަނޑުގެ އުމުރުން 92 އަހަރުން 93 ވަނަ އަހަރާ ހަމައަށް ދުނިޔޭގައި ލެހެއްޓެވީތީ ކަލާނގެ އަށް ޝުކުރު ކުރަން. އެއަށް ވުރެ ބޮޑަށް ޅަ ދުވަހުން ފެށިގެން މިހާ ހިސާބަށް ދުނިޔޭގައި ލެހެއްޓެވީތީ ޝުކުރު ކުރަން. މިއީ ވަރަށް ދިގު ދަތުރެއް،" މުގާބޭ ވިދާޅުވި އެވެ.
މުގާބޭގެ އުފަން ދުވަހަކީ މި މަހު 21 އެވެ. އެ ދުވަހު ވެސް ވަނީ ކޭކެއް ފަޅައިފަ އެވެ. އުފަން ދުވަހުގެ މެސެޖުގައި މުގާބޭ ވަނީ އަދިވެސް ވެރިކަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ޒިމްބާބުވޭގެ ބޮޑު ވަޒީރުކަމަށް މުގާބޭ ވަޑައިގެންނެވީ 1980 ވަނަ އަހަރު އެވެ. އޭގެ ފަހުން 1987 ވަނަ އަހަރުން ފެށިގެން ގެންދަވަނީ އެ ގައުމުގެ ރައީސްކަން ކުރައްވަމުންނެވެ.