01 އޯގަސްޓް 2024 - 09:10

ކާއެން (ޖުލައި 31) - ރެއާލް މެޑްރިޑަށް ބަދަލުވެފައިވާ ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ، 25، ފްރާންސްގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ކާއެންގެ މޮޖޯރިޓީ ހިއްސާ ގަނެފި އެވެ.

އެމްބާޕޭގެ އިންޓަކަނެކްޓެޑް ވެންޗާސް ކުންފުނިން ކްލަބުގެ 80 ޕަސެންޓް ހިއްސާ ގަނެފައި ވަނީ އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ކޯލިޝަން ކެޕިޓަލް މެދުވެރިކޮށެވެ.

ކުލަބުގެ ހިއްސާ ގަނެފައިވާ އަގު ހާމަ ކޮށްފައި ނުވާއިރު، ފްރާންސްގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެމްބާޕޭ ވަނީ 15 މިލިއަނެއްހާ ޔޫރޯ، އޭނާގެ އަމިއްލަ ފައިސާއިން ހަރަދު ކޮށްފަ އެވެ.
ކްލަބުގެ އޯނާޝިޕް ބަދަލު ވުމާ އެކު، އާ ޗެއާމަނަކަށް ހޮވާފައި ވަނީ އެމްބާޕޭގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޒައިދު ހަމޫދެވެ.
ހަމޫދު ނެރުނު ޕްރެސް ރިލީޒް އެއްގައި ބުނެފައި ވަނީ، ކުލަބުގެ އަޒުމަކީ ޒުވާން ހުނަރުވެރިން ކުރިއަރާނެ މާހައުލެއް އުފައްދައި، ކުލަބު ދިފާއު ކުރެވޭ ފަދަ އައިޑެންޓިޓީއެއް އުފެއްދުން ކަމަށެވެ.
އެމްބާޕޭ، ޕީއެސްޖީ އާއި މޮނާކޯ އަށް ކުޅުމުގެ ކުރިން ކާއެން އިން ވަނީ އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އޭރު ކާމިޔާބު ނުވީ، 2012 ވަނަ އަހަރު އެ ކްލަބް ރެލިގޭޓް ވުމާ އެކު ކުރިމަތިވި މާލީ ދަތިތަކާ ގުޅިގެންނެވެ.
އޭގެ އަހަރެއް ފަހުން، ރެއާލް މެޑްރިޑުން ވެސް މަސައްކަތް ކުރަނިކޮށް އެމްބާޕޭގެ ސޮއި ހޯދީ މޮނާކޯ އެވެ.
ފްރާންސްގެ ދެ ކުލަބެއް ގުޅިގެން 1913 ގައި އުފެއްދި ކާއެން، އެންމެ ފަހުން ދެވަނަ ޑިވިޝަނަށް ރެލިގޭޓްވީ 2019 ވަނަ އަހަރެވެ. ނިމިދިޔަ ސީޒަންގެ ދެވަނަ ޑިވިޝަން އެޓީމު ނިންމާލީ ތާވަލްގެ ހަވަނައިގަ އެވެ.