އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންނަވަނީ
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންނަވަނީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި އަންނަ މަހު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.

އިންޑިއާގެ ވިއޯން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖައިޝަންކަރު ރާއްޖެއަށް 2-3 ދުވަހުގެ ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު މަޝްވަރާތައް ކުރައްވާނެ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.

ނަމަވެސް، މި ދަތުރާ ގުޅޭގޮތުން އިންޑިއާ އަދި ދިވެހި ސަރުކާރުން ވެސް މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޖައިޝަންކަރުގެ މި ދަތުރު ވެގެންދާނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް "އިންޑިއާ އައުޓް"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރެއްވުމަށް ފަހު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން، އިންޑިއާ އާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ.

އެކަމަކު، ދެ ގައުމުގެ ދޭތެރޭގައި ގުޅުން އެންމެ ބޮޑަށް ގޯސްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސް ވާގޮތަށް މި ސަރުކާރުގެ ތިން ޑެޕިޔުޓީ މިނިސްޓަރަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އެ ތިން ޑެޕިޔުޓީ މިނިސްޓަރުން އަދިވެސް ސަސްޕެންޑުކޮށްފައިވާއިރު، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓު ކުރަން އިންޑިއާގައި ވަރުގަދަ ކެމްޕޭނެއް ކުރި އެވެ. އިންޑިއާގެ ބޮލީވުޑް އަދި ކްރިކެޓު ތަރިން ވެސް ބައިވެރިވި ކެމްޕޭނަށްފަހު ރާއްޖެއަށް އަންނަ ޓޫރިސްޓުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

ނަމަވެސް، އޭގެ ފަހުން ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރާ އެކު އޮންނަ ގުޅުން ރަނގަޅުކުރަން ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. މިފަހުން، ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާ ކުރެއްވި ރަސްމީ ދަތުރުގެ އިތުރުން، ރައީސް މުއިއްޒު ވެސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ލިބިވަޑައިގަތް ދައުވަތަށް އެ ގައުމަށް ފުރަތަމަ ދަތުރުފުޅު ކުރައްވައި މޯދީ އާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އަދި ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން މި ދިޔަ މެއި 10 ގެ ނިޔަލަށް ފޮނުވާލައި އެ މީހުންގެ ބަދަލުގައި އިންޑިއާ ސިވިލިއަނުން ގެނެސް، އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވަން މި ހަފްތާގެ ތެރޭގައި ވަނީ ފަށައިފަ އެވެ.